ލައިފްސްޓައިލް

މިޔަރެއްގެ ހަމަލައިން ބައްޕައަކު ދަރިފުޅު ސަލާމަތްކޮށްފި

މިޔަރު އިންސާނުންނަށް ހަމަލަދޭ ވާހަކަ އަކީ ވަރަށް ގިނައިން އިވޭ ވާހަކަ އެކެވެ. މިޔަރެއްގެ ހަމަލައެއް އިންސާނަކާ ކުރިމަތިވެއްޖެނަމަ އެސޮރުގެ އަތް ދޮށުން ސަލާމަތްވުން ވެސް ވަނީ ވަރަށް އުނދަގޫ ކަމަކަށެވެ. ނަމަވެސް ބައެއް މީހުން މިޔަރުގެ ހަމަލައިން ސަލާމަތް ވުމުގައި ކާމިޔާބު ހޯދާފައި ވެއެވެ. މިއީ 19 އަހަރުގެ ޒުވާން އަންހެނަކު މިޔަރެއްގެ ހަމަލައިން ސަލާމަތްވީ ގޮތުގެ ވާހަކަ އެވެ. މި ޒުވާނާ ސަލާމަތްވީ އޭނާގެ ބައްޕަގެ ހިތްވަރުންނެވެ.

މި ބިރުވެރި ތަޖުރިބާ ޕައިގޭ ޕިންޓާ ކިޔައިދީފައި ވަނީ ނެޝަނަލް ޖިއޮގްރަފިކްގެ ޝާކްފެސްޓް ޝޯގަ އެވެ. އެ ޝޯގެ އެއް އެޕިސޯޑުގައި ކިޔައި ދީފައި ވަނީ މިޔަރުގެ ހަމަލައިން ޕައިގޭގެ ބައްޕަ އޭނާ ސަލާމަތް ކޮށްދިން ގޮތެވެ.

ޕައިގޭ އެދުވަހު އުޅުނީ އާއިލާގެ މީހުންނާއެކު މަޖާކޮށްލަން ބީޗަށް ގޮހެވެ. ޕައިގޭ އާއި އޭނާގެ ދައްތަ އަދި ބެސްޓް ފްރެންޑް ކާލޭ އިސްކޮޅު ޖެހޭ ހިސާބުގައި ކޮންމެވެސް ކުޅިވަރެއް ކުޅެން ތިއްބާ ކުއްލިޔަކަށް މިޔަރެއް އައިސް ޕައިގޭގެ ފައިގައި ހިފީ އެވެ.

ކޮންމެވެސް އެއްޗެއް އޭނާގެ ފައިގައި ހިފާ ދަމާތީ ޕައިގޭ "ބައްޕާ ބައްޕާ" އޭ ކިޔާފައި ގޮވަން ފެށީ އެވެ. އޭނާ އެންމެ ފުރަތަމަ ހީކުރީ ބައްޕަ ސަކަރާތް ޖަހަން ވެގެން ކުރާ ކަމެއް ކަމަށެވެ. ނަމަވެސް ހަމަ އިރުކޮޅެއް ތެރޭގައި އެއީ ބައްޕަ ނޫން ކަމާއި މިޔަރެއް އޭނާގެ ފައިގައި ހިފާ ދަމަނީކަން ޕައިގޭ އަށް ވިސްނުނެވެ.

މިޔަރު ކުއްލިއަކަށް މޫދުގެ އަޑިއަށް ޕައިގޭ ދަމާ ގެންދިޔަ އެވެ. އަދި އެސޮރު ކިބައިން ސަލާމަތްވާން ޕައިގޭ މަސައްކަތް ކުރަނިކޮށް އޭނާގެ ދެ އިނގިލި ބުރިވެގެން ވަކިވި އެވެ.

ޕައިގޭގެ ބައްޕައަށް މި މަންޒަރު ފެނުމާއެކު ދުވެފައި ގޮ\ސް ޕައިގޭގެ ފަހަތުން އަޑިއަށް ފަތައިގަނެގެން ގޮސް މިޔަރުގެ ގައިގައި ލެވުނުހާ ބާރެއް ލާފައި ތަޅަން ފެށި އެވެ. އަދި ޕައިގޭގެ ގައިން އެ ސޮރު ދޫކޮށްލަން ދެން ޕައިގޭގެ ބައްޕަ ހަމަލަ ދެމުން ދިޔަ އެވެ.

"އަހަރެން ގައިގައި ހުރިހާ ބާރެއް ލާފައި އެސޮރުގެ ގައިގައި ތަޅަމުން ގެންދިޔައިން. ނޭނގެ ކިތައް ފަހަރު ކަމެއް ވެސް ޖެހުނީ. އަހަރެންގެ ހިތުގައި އޭރު އޮތީ އެސޮރު އެ އުޅެނީ މަގޭ ދަރިފުޅު ގެންދާށޭ. ލާހިކެއް ނޫނޭ އެސޮރަކަށް އެކަން ކުރާކަށް،" ޕައިގޭގެ ބައްޕަ ބުނެފައި ވެއެވެ.

މިޔަރުގެ ކިބައިން ޕައިގޭ ސަލާމަތްވުމާއެކު ވަގުތުން އޭނާ އިމަޖެންސީކޮށް ހޮސްޕިޓަލަށް ގެންދިޔަ އެވެ. އަދި ފަސްގަޑިއިރަށް ދެމިގެން ދިޔަ އޮޕަރޭޝަނަކަށް ފަހު ޕައިގޭގެ ފުރާނަ ސަލާމަތް ކުރެވުނު ނަމަވެސް އޭނާގެ ބުރިވި ދެ އިނިގިއްޔާއި މިޔަރު ދަތް އެޅި ފައި ސަލާމަތެއް ނުކުރެވުނެވެ. އެ ފައި ވެސް ޖެހުނީ ބުރިކޮށްލާށެވެ.