(12 ޖުލައި 2021އާ ގުޅޭ)
އެއްވެސް ޙާލެއްގައި ޒަކްވާންގެ ލޮލުން ފައިބަން ފެށި ކަރުނަތައް އެތަނުން އެއްވެސް މީހެއްގެ ލޮލުގައި އަޅައިގަންނާކަށް އޭނާ ނޭދުނެވެ. ވަރަށް އަވަހަށް އަތުގެ ނުފުށުން ކަރުނަތައް ފޮހެލީ މީހަކަށް ފެނިދާނެތީ، އެ މަންޒަރު އެންމެންނަށް ފޮރުވުމުގެ ބޭނުމުގައެވެ. ހިތަށް ލިބިގެން ދިޔަ އުނދަގޫ ކަމާއި ހިތްދަތި ކަމަކީ ޒަކްވާނަށް އޭނާގެ އިޙްސާސްތަކަށް ބާރު ފޯރުވޭނެ ނަމަ، މިވަގުތުގައި މިތަނުގައި ހިނގާދާނެ ކަމެއް ނޫނެވެ. އެހެން ނޫންނަމަ، އޭނާގެ ދެލޮލުން އެ ކަރުނަތައް ނުފައިބާނެ ކަން ޒަކްވާނަށް ކަށަވަރު ވެއެވެ. މަޑުމަޑުން ފަހަތަށް ފިޔަވަޅެއް ޒަކްވާން ނަގައިލީ ބޭރަށް ނުކުތުމަށެވެ. އިތުރަށް މަޑުކޮށްފިނަމަ، ޒަކްވާންގެ މުޅި ގައިގެ ތެރެ ހިސޯރު ކޮށްފައިވާ އިޙްސާސްތައް އެންމެންގެ ލޯމައްޗަށް ބަންޑުން ވެދާނެތީއެވެ. ކަންމިހެން އޮތުމާ އެކު، ގަދަ ކަމުން ހިނިތުން ވެލަމުން ޒަކްވާން އެތަނުން ނުކުތީ އުފާވެރި ކަމުގެ މޫނެއް އޭނާގެ ދޮންބެ އާއި ފަހަރީއަށް ދައްކައިގެންނެވެ.
"އަހަރެން ގޮތް ހުސްވެއްޖެ! ސިކުނޑި ސުމަކަށް ގޮސްފި!" ހޮސްޕިޓަލްގެ ވާރޑުގެ ކުރިމަތީގައި ދެކޮޅަށް ހިނގަމުން މަންސޫރު ވާހަކަދައްކަމުން ދިޔައެވެ. މަންސޫރު ބަލާފައި ހީވަނީ ބޯ ގޮވައިފައިވާ "މޮޔަ"އެއް ހެންނެވެ. ޝަހުރުގެ ނިންމުމުން މަންސޫރަށް ހީވަނީ އޭނާ ދިރި ހުއްޓައި، މީހަކު އައިސް އޭނާގެ ކަރު ބުރިކޮށްލި ހެންނެވެ. ދުވަހަކުވެސް އުއްމީދު ނުކުރާ، ޚިޔާލަށް ވެސް ނުގެނެވޭ ފަދަ ކަމެއް ޝަހުރުގެ ފަރާތުން ވުމުން އަދިވެސް އެކަން ޤަބޫލު ކުރަން މަންސޫރަށް ދަތިވެފައިވާ ފަދައެވެ. މަންސޫރުގެ އެންމެ ބޮޑު ކަންބޮޑު ވުމަކީ ހުސްނާގެ ޞިއްޙީ ޙާލަތެވެ. މަޑުމަޑުން ހުސްނާގެ ޙާލު ރަނގަޅު ވަމުން ދާއިރު، ޝަހުރުގެ ކައިވެނީގެ ޚަބަރުން ހުސްނާއަށް ވާނީ ކިހިނެއްކަމާ މެދުގައި ވިސްނައި ލިޔަސް، މަންސޫރުގެ ސިކުނޑި ރޫޅޭ ކަހަލައެވެ. ކަންބޮޑުވެފައިވާ ބައްޕަ ފެނިފައި، ޝީލާ ވެސް ނުހަނު ދެރަވެއެވެ. ޝަހުރު ދެކެ އަންނަ ރުޅި ދެގުނަވެ، ބަދަލު ހިފުމުގެ ރޫޙުން ޝީލާގެ ހިތުގެ ތެރެ ފަތަހަ ކޮށްފިއެވެ.
"ބައްޕާ. ދެރަ ނުވޭ! އަަހަރެން ތިކަން ހަމައަކަށް އަޅުވާނަން! މި ޢާއިލާ ދެރަކޮށްފަ، އެ އަންހެން މީހާއަކަށް އުފަލެއް ނެތް. އަހަރެން ހުރިހާ ވާހަކައެއް މަންމައަށް ކިޔާދޭނަން. އެކަމު، މަންމަ ގެއަށް ބަދަލު ކުރީމަ. ބައްޕަ އެހަށް ހަމަ ޖެހޭ! ބައްޕަ ތިހެން މަރުވެ އޮތް މައްޔިތެއްހެން ހުންނާތީ އަހަރެންގެ ހިތްވަރު ދޯ އެލޭނީ؟ އެހެންވީމަ، ބައްޕަގެ ހިތްވަރުން އަހަންނަށް ކަމެއް ވާނީ.." ޝީލާ އޭނާގެ އަތް ބާއްވައިލީ މަންސޫރުގެ ކޮނޑު މަތީގައެވެ.
ކޮޓަރި ތެރެއަށް ވަދެވުމާ އެކު، ޒަކްވާންގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ. އެތަށް އިރަކު ފިއްތާލައިގެން ހުރި އިޙްސާސްތައް އެކީ އެކައްޗަކަށް ފަޅައިގެން ދިޔައެވެ. ހިތުގައި އަޒުމެއް ކަނޑައެޅިޔަސް، އެއާ އެއްގޮތަށް އަމަލު ބެހެއްޓުމަކީ އުދަނގޫ އަދި ދަތި ކަމެއްކަން ވަރަށް ރަނގަޅަށް ޒަކްވާނަށް އެނގިއްޖެއެވެ. އާނއެކެވެ! ޒަކްވާނަށް ލިވިޔާ ދެކެ ވެވުނީ އާދައިގެ ލޯތްބެއް ނޫނެވެ. އެއީ ޒަކްވާންގެ ހިތުގެ އެންމެ ފުން މިނުން ކެކި އުތުރެން ފެށި ވަރުގަދަ ޖަޒްބާތެކެވެ. އިޝްޤީ އަސަރުގަދަ ލޯތްބެކެވެ. އުމުރުން ހަނގަކަސް، އެއިރުން ސުރު ލޯބި ވެވުމުން އެ ވީގޮތް އަދިވެސް ޒަކްވާނަށް އެބަ އިޙްސާސް ވެއެވެ. އިޝްޤަކީ ބާރެއް ނުފޯރާ، ބާރުގަދަ ޙަތިޔާރެކޭ ޅެންވެރިިޔާ ބުނަނީ ކީއްވެކަން ޝައްކެތް ނެތް މިންވަރަށް ޒަކްވާނަށް އެނގި ހާމަ ވެއްޖެއެވެ. އެފަދަ ބާރުގަދަ ހަތިޔާރަކަށް އެ ލޯބި ނުވިނަމަ، މިއަދު ޒަކްވާންގެ ލޮލުން ކަރުނަ ނުފައިބާނެތާއެވެ! ޒަކްވާންގެ ހިތުގެ ދޮރު ފަތްތަކުން އެތަށް ވަސްވާސްތަކެއް ވަންނަމުން ދިޔައެވެ. ޙަޤީޤީ ލޯތްބަށްޓަކައި ދެ އަތް އުރައިނުލުމަށެވެ. އެ ލޯތްބަށްޓަކައި "ފައިޓް"ކޮށް "ވިން" ކުރުމަށެވެ. ލޯބީގެ މައިދާނުގައި ކޮއްކޮ ބޭބެ އެއް ނުހުންނާނެ ކަމަށެވެ. އެ މައިދާނުން ލޯތްބަށް ފުރަގަސް ދީ، މުޅި އުމުރު ކަރުނައިން ތެތްމައި ނުލުމަށެވެ.
"ނޫން! ނޫން!" ތެޅިގެންފައި ކަހަލަ ގޮތަކަށް ޒަކްވާނަށް އޭނާގެ ބޯ ދެފަރާތަށް ހޫރައިލެވުނެވެ. ހުޅުވިފައިވާ ހިތުގެ ދޮރުފަތްތައް ލައްޕައިލީ، އިނބިލީހުގެ ނުބައި ވިސްނުން ތަކުން ދުރަށް ދިޔުމަށެވެ. ޒަކްވާންގެ ހިތުގެ ތެރޭގައި ފެތުރިިގަތީ އޭނާގެ އެދުމެއް ނޫނެވެ. އޭނާ ބޭނުން ވާނެ ގޮތެއް ނޫނެވެ. ޒަކްވާނަކީ އެހާ އަމިއްލަ އެދުން ބޮޑު މީހެއް ނޫނެވެ. އަމިއްލަ ދޮންބެގެ ދިރިއުޅުން ނެތިކޮށް، ހަލާކު ކޮށްލަން ދުވަހަކު ވެސް، ދުވަހަކުވެސް ޒަކްވާނެއް ނުނިކުންނާނެއެވެ. އެ ހިތްވަރެއް އަދި އެ ޤާބިލު ކަމެއް ޒަކްވާނުގެ ހުންނާނެ ކަމަށް ވެސް އޭނާ ޤަބޫލެއް ނުކުރެއެވެ.
"އަހަރެން ކެތް ކުރާނީ! އަހަރެންނަށް ވާނެ. އާނ! އަހަރެންނަށް ވާނެ. ލޯތްބަކީ ހުރިހާ އެއްޗެއް ނޫންް. އެޔަށްވުރެ ބޮޑަށް އަހަރެންނަށް އަހަރެންގެ ދޮންބެގެ އުފާވެރިކަން މާ މުހިންމު. އެ އުފާވެރިކަން އެހެން އެއްޗަކުން އަގެއް ނުކުރެވޭނެ." ފުންކޮށް ދެތިން ނޭވާއެއް ލަމުން، ހިތުގެ ތެރޭގައި ފެތުރިގަތް ހައިޖާނު މައިތިރި ކުރެވޭތޯ އަމިއްލަ ނަފުސަށް ޒަކްވާން ބަސް އިއްވިއެވެ.
ބުންކަރުގެ ހިމޭން ވަގުތެވެ. އެ ހިމޭން ކަމުގެ ތެރެއިން ގިނަ ބަޔަކު ދިޔައީ އަރާމު ނިދި ލިބިގަންނަމުންނެވެ. ނަމަވެސް ޝަހުރާއި ލިވިޔާގެ ދެލޮލުން ނިދީގެ އެއްވެސް ހިލަމެއް އަދިވެސް ފެންނާކަށް ނެތެވެ. ކައިވެނީގެ ފުރަތަމަ ރޭގެ ޖޯޝާއި ފޯރިއަށް ކުޑަ ނަމަވެސް ބަދަލެއް ނާދެއެވެ. އެދެމީހުންގެ ހަށިގަނޑުގެ ބީހުން ތަކުން ކިޔައި ދެމުން ދިޔައީ ލޯބީގެ ތަފާތު އެތައް ވާހަކަ ތަކެކެވެ. އެތަށް ދުވަހެއްގެ ހުވަފެންތަކެއް ލޯބީގެ ދާނުގައި އެދެމީހުންނަށް ފުރިހަމަ ވަމުން ދަނީއެވެ. ދެހަށިގަނޑުން ބޭނުންވި ހޫނުކަން އެކަކު އަނެކަކަށް ޙިއްޞާ ވަނީ އެވެ. ޙަލާލު މާތް ގުޅުމުން، ކައިވެނީގެ އުފާ އެންމެ ފުރިހަމަ ގޮތުގައި އެ ދެމަފިރިން ގެންދިޔައީ ލިބިގަންނަމުންނެވެ.
***
މުޅިން އައު ދުވަހަކަށް އިރު އަރައިފިއެވެ. ހުސްނާ އަށް ބޭސް ދިނުމަށްފަހު، މިއަދުގެ ވަގުތެއްގައި ގެޔަށް ދޫކޮށްލާނެ ކަމަށް، ޑޮކްޓަރުން މައުލޫމާތު ދިނެވެ. ހުސްނާއާ ދޭތެރޭގައި ވިިސްނައި، ހުސްނާ ހިތްހަމަ ޖައްސައިގެން ގެންގުޅުމަށް ޑޮކްޓަރުން އިންޒާރު ދިނެވެ. އެހެން ނޫނީ ކަންތައްތައް ގޯހުން ގޯހަށް ގޮސްދާނެ ކަމަށް ޑޮކްޓަރު ބުންޏެވެ. ޑޮކްޓަރުގެ ވާހަކަތަކުން ޝީލާ އާއި މަންސޫރަށް ގެނުވީ އިތުރު ހާސް ކަމެކެވެ. ވިސްނަމުން ދިޔަ ސިކުނޑިއަށް އިތުރަށް "ލޯޑް" ބޮޑު ވީއެވެ. ނަމަވެސް ޑޮކްޓަރުގެ ބަހަކީ މުހިންމު އެއްޗެއް ކަމަށް ބަލައިގެން އިތުރު ވިސްނުމަކަށް ދާން ޖެހޭނެ ކަމުގައި އެދެމީހުން ވެސް ޤަބޫލު ކުރިއެވެ.
މޫނު ދޮވެލައި ހަދައިގެން ޒަކްވާން މިސްރާބު ޖެހީ ލިވިޔާގެ ގެއަށެވެ. ހެނދުނުގެ ސަޔަށް ލިބިފައިވާ ދަޢުވަތަކަށެވެ. މަންމަ ހޮސްޕިޓަލުން މިއަދު ދޫކޮށްލާނެތީ ޒަކްވާން ނިންމައިގެން ހުރީ ސަޔަށް އިންސާފު ކޮށް ނިމުމާ އެކު، ވީ އެންމެ އަވަހަކަށް ހޮސްޕިޓަލާ ދިމާލަށް ދާށެވެ.
"އާދޭ ސައިބޯން! ދެންމެ ދޮންބެ ބޭރަށް ދިޔައީ.. ޑިއުޓީއަށް." ލިވިޔާއަށް ޒަކްވާން ފެނުމާ އެކު، ހިނިތުންވުމަކާ އެކު ބުންޏެވެ. ލިވިޔާގެ ހިތުގައި އުނދަގޫ ކަމެއް ހުއްޓަސް އެކަން ފޮރުވަން ލިވިޔާ ނުހަނު ހުށިޔާރެވެ. ގޭގެ ތެރެއަށް ނަޒަރު ހިންގައިލުމަށްފަހު، ޒަކްވާން އައިސް އިށީންނީ މޭޒުގެ ކައިރީގައި ހުރި ގޮނޑިއެއްގައެވެ.
"ކޮންގްރާޓްސް!" ގަމީހުގެ އަތް ކުރި އޮޅައިލަމުން، ޒަކްވާން ހީނލިއެވެ. އެ ހީނލުމުން ފެނުނީ އަސްލެވެ. ލިވިޔާ ހައިރާން ވިއެވެ. އަދި ހިތްހަމަޖެހުމެއް ވެސް ލިބުނެވެ. ލިވިޔާގެ ހުރިހާ ވެސް ހާސް ވުމަކީ، ޒަކްވާންގެ ހިތުގައި ފޮރުވައިގެން އޮތީ ކޯއްޗެއް ކަން ނޭނގުމެވެ. ޒަކްވާން ދިޔައީ ހަމަޖެހޭކަން ދައްކަމުންނެވެ. ކައިވެންޏާ މެދު އުފާވެ، އެކަމާ މެދު ރުހިފައިވާ ކަން ޒަކްވާންގެ މޫނުމަތިން ލިވިޔާއަށް ފެންނަމުން ދިޔައެވެ.
"އަހަރެން ވަރަށް އުފާވެއްޖެ ދޮންބެއަށް ތިކަހަލަ ރަނގަޅު ކުއްޖެއް ލިބުނީމަ. އެއް ކުލާހުގަ ކިޔެވުނީމަ، އެނގޭ ޔޫ އާ ދި ބެސްޓު ކަން. ދޮންބެއަށް ނުލިބޭނެ ތިޔަށްވުރެ، ވަކި ރަނގަޅު ކުއްޖެއް." ރޮށްޓެއް ނަގަމުން ޒަކްވާން ބުނެލިއެވެ. ޒަކްވާންގެ ބޭނުމަކަށް ވީ ލިވިޔާއަށް ޒަކްވާނާ ވާހަކަދައްކަން ފަސޭހަ ކުރުވުމެވެ. ޒަކްވާންގެ ސިކުނޑީގައި އެކަންތައް ނެތްކަން ދެއްކުމެވެ.
"ފެމިލީ އަދި އޯކޭ ވާނެ. ފެމިލީގަ ވެސް ލިވިޔާއާ އެންޓި މީހެއް ނެތް. ލިވިޔާއާ މެދު ހިތްހަމަ ނުޖެހިގެން، ވެގެން އުޅޭ ކަމެއް ނޫން މީ.. އެހެން ވީމަ އެކަމާ އަޅާނުލާ! އެއްވެސް ކަމެއް ބޭނުން ވިޔަސް، އަަހަރެން ގާތުގަ ވެސް ބުނާތި! ލަދުން ނުހުންނާތި! ހެހެ." ޒަކްވާންގެ ފަރާތުން ފެންނަ "ކޫލް" ކަމުން އޭނާގެ ހިތް އޮތީ ކިހިނެއް ކަމާ މެދު، މީހަކު ޝައްކެތް ވެސް ނުކުރާނެއެވެ. ޒަކްވާންގެ ހިތުގައި ލިވިޔާއަށް އޮތް ލޯބި ކަނަކަށް ލާފައި، ޒަކްވާން މަސައްކަތް ކުރީ އެ ޙަޤީޤަތް ފޮރުވައި ފަސް އަޅާށެވެ.
ކުޑަ ގޮތެއް ހަދާލާފައި "ވަރަށް މީރޭ" ބުނެ، ޒަކްވާން ވަރަށް އަވަސްކޮށް ކޮޅަށް ތެދުވިއެވެ. ލިވިޔާގެ ފަރާތުން އިތުރު ސުވާލެއް އައުމުގެ ކުރިން ދެން ވެސް ވާހަކަ ދެއްކީ ޒަކްވާނެވެ.
"އެބަ ޖެހޭ ހޮސްޕިޓަލަށް ދާން! އެހެންވެ އަސްލު. އައި އަންނާނަން ރަނގަޅަށް ކާން.. އިނގޭ!" ޒަކްވާން ބުނި ޖުމުލައިން ލިވިޔާއަށް ލިބުނީ ހައިރާން ކަމެކެވެ.
"ހޮސްޕިޓަލަށް؟ އެއީ ކީއްކުރަން؟ ކާކު ބަލީ؟" ހައިރާންކަމާ އެކު ލިވިޔާ އަހައިލި ސުވާލުން ޒަކްވާނަށް ގެނުވީ ވެސް އިތުރު ހައިރާން ކަމެކެވެ. މަންމަ ހޮސްޕިޓަލްގައި އޮތްކަން ލިވިޔާއަށް ނޭނގެނީ ބާއޭ ޒަކްވާންގެ ހިތަށް އެރިއެވެ.
"އެއީ މަންމަ.. ހޮސްޕިޓަލްގަ ބާއްވައިގެން.." ޒަކްވާން ޖެހިލުންވެ ހުރެ ޖަވާބު ދިނެވެ. ދޮންބެ ސިއްރުކުރި ކަމެއް އަނެއްކާ ބުނެވުނީ ފަދަ އިޙްސާސެއް ވާތީއެވެ. ލިވިޔާއަށް ލިބިގެން ގޮސްފައިވާ ހައިރާން ކަމުން އެކަން ވެސް ލިވިޔާއަށް ނޭނގޭ ކަން ޒަކްވާނަށް ޔަޤީން ވިއެވެ. ލިވިޔާ ބަލަން ހުރީ ކަޅި ޖަހައި ނުލާ ޒަކްވާންގެ މޫނަށެވެ. ލިވިޔާގެ މޫނުން ފެންނަނީ ހަމަ އެންމެ ސުވާލެކެވެ. އެއީ ލިވިޔާއާ ހެދިގެން ހެއްޔެވެ؟
"ލިވިޔާ. ޑޯންޓު ބީ ސޭޑް އިނގޭ! ހުރިހާ ކަމެއް ވެސް އަދި އޯކޭ ވާނެ. މަންމަމެންނަށް އަދި ނުވިސްނެނީ.." ޒަކްވާން އެހެން ބުނެލީ ލިވިޔާ ކުރަން ބޭނުން ވެފައިވާ ސުވާލަށް ދިން ޖަވާބެއްގެ ގޮތުގައެވެ. ލިވިޔާއާ ފުރަގަސް ދެމުން ޒަކްވާން ހިނގައިގަތީ، އެކަމާ މާބޮޑަށް ނުވިސްނަން ލިވިޔާއަށް ނަސޭހަތްތެރި ވެފައެވެ.
ޒަކްވާން ގެއިން ނުކުތްތާ މާ ގިނަ އިރު ތަކެއް ނުވަނީސް، ޝަހުރު ގެއަަށް އައިސް ވަނެވެ. އެއިރު ވެސް ލިވިޔާ ހުރީ ސިޓިންގރޫމަގައި ކޮޅަށެވެ. ޒަކްވާންގެ ފަރާތުން ލިބުނު މައުލޫމާތުން ލިވިޔާއަށް ވަނީ ވަރަށް އަސަރު ކޮށްފައެވެ. ލިވިޔާ އެންމެ ދެރަވަނީ، އޭނާއާ ހެދި ޝަހުރުގެ މަންމައަށް ހޮސްޕިޓަލްގައި ފަރުވާދޭ ކަން އެނގުމުންނެވެ.
"ލިވީ.." ލިވިޔާގެ މޫނު ފެނުމާ އެކު، ގެއަށް އައިސް ވަތް ޝަހުރަށް ކަމެއް ގޯސް ވެއްޖެކަން ޔަޤީން ވިއެވެ.
"ލިވީ.." ލިވިޔާގެ ދާދި ގާތުގައި ހުއްޓިލަމުން، ޝަހުރު ހިފައިލީ ލިވިޔާގެ އަތުގައެވެ. ލިވިޔާ އޭނާގެ ކަޅި އަމާޒު ކޮށްލީ ސީދާ ޝަހުރުގެ ދެލޮލަށެވެ. ލިވިޔާގެ ދެލޮލުން ފެނުނު ހިތާމައިން ޝަހުރު ޖެހިލުންވިއެވެ. ޝަހުރަށް އިތުރު ސުވާލެއް ނުކުރެވެނީސް، ލިވިޔާ ކޮށްލީ ސުވާލެކެވެ.
"ކީއްވެ؟ ކީއްވެ ނުބުނީ މަންމަ ބަލިވެގެން އުޅޭ ވާހަކަ؟ އަހަރެންނާ ހެދި މަންމައަށް ފަރުވާ ކުރަމުންދާ ވާހަކަ؟ ކީއްވެ އެކަން ސިއްރު ކުރީ؟ ބުނެބަލަ! އެވަރު ވީއިރު ކީއްވެ ސިއްރު ކުރީ؟ ކީއްވެ؟" ލިވިޔާގެ ދެލޮލުގެ ތެރެއަށް ފެންތައް ޖަމާވެ، ފުރިގަތެވެ. އެއްވެސް އެއްޗެއް ނުބުނެ ޝަހުރު ވަގުތު ކޮޅަކަށް ގަނބު ވިއެވެ. (ނުނިމޭ)