ރާއްޖެ ކުޅިވަރު

ނިއުގެ ކޯޗު އެނބުރި އަތުވެއްޖެ

Nov 19, 2015

ނިއު ރޭޑިއަންޓްގެ ކޯޗު ސާބިއާގެ ނިކޮލާ ކަވަޒޮވިޗް ކުއްލި ގޮތަކަށް ގައުމަށް ދިޔަތާ ދެ ހަފުތާ ފަހުން މިއަދު މެންދުރު އެނބުރި މާލެ އަތުވެއްޖެ އެވެ.

އެންމެ ހަތަރު މެޗަށް ފަހު ކޯޗު އެނބުރި ގައުމަށް ދިޔައީ އޭނާގެ އަންހެނުން ބަލިވެގެންނެވެ. ކޯޗު މާލެ އަންނަދެން ނިއުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިޔައީ އޭނާގެ ލަފާގެ މަތިން އެސިސްޓެންޓް ކޯޗު އަޝްރަފް ލުތުފީ (ސަމްޕަތު) އެވެ. އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ނިއު މިރޭ ވާދަކުރާނީ ބީޖީއާ އެވެ.

ތަޖިކިސްތާނާއި ސްރީލަންކާގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ނިއުގެ ކޯޗަކަށް ހަމަޖެއްސީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. އޭނާގެ ކޯޗުކަމުގައި ނިއު މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، ވެލެންސިއާ އަތުން ވަނީ ބަލިވެފަ އެވެ.

މިސީޒަނުގައި މިހާތަނަށް ހަތަރު ކޯޗަކު އައްޔަންކޮށްފައިވާ ނިއުރޭޑިއަންޓާ ކަވަޒޮވިޗް ހަވާލުވިއިރު ވެސް އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ އެއްވަނާގައި އޮތް ޓީމު މިވަގުތު ވެސް އޮތީ އެއްވަނާގަ އެވެ. ނިއު އަށް 23 ޕޮއިންޓް ލިބިފައިވާއިރު އެންމެ ގާތުން ވާދަކުރާ ޓީސީ އޮތީ 21 ޕޮއިންޓާއެކުގަ އެވެ.

އަންނަ އަހަރު އޭއެފްސީ ކަޕުން ޖާގަ ހޯދުމަށް ނިއު އަށް މިދިޔަ ތިން އަހަރު އެ ޓީމު ހޯދި ލީގު ކާމިޔާބު ކުރަންޖެހެ އެވެ. ނިއު އަށް ވަނީ މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ގެއްލިފަ އެވެ. އެންމެ ފަހުގެ ތިން އަހަރުގެ ޗެމްޕިއަން ބަލިވީ މާޒިޔާ އަތުން 3-1އިންނެވެ.