ޓެކްނޯލޮޖީ

ނިންޓެންޑޯގެ ސްވިޗް އޯލެޑް ތައާރަފް ކޮށްފި

ގިނަ ލީކް ތަކަކަށް ފަހު ނިންޓެންޑޯއިން އާ "ސްވިޗް" ކޮންސޯލެއް ތައާރަފު ކޮށްފި އެވެ.

ނަމަވެސް މި "ސްވިޗް" އަކީ ކުރިން ހީކުރެވެމުން އައި ގޮތަށް "ސްވިޗް ޕްރޯ" އެއް ނޫނެވެ. އެއާ ހިލާފަށް މި ސްވިޗަށް ގެނެސްފައިވާ ބަދަލަކީ ހާޑްވެއާގެ ކުދި އަޕްޑޭޓްތަކާއި އޯލެޑް ޑިސްޕްލޭ އެކެވެ.

މިދިޔަ ދެ އަހަރުގެ އެންމެ ގަދައަށް ވިކުނު ގޭމް ކޮންސޯލް ތަކުގެ ތެރޭގައި ހިމެނޭ "ނިންޓެންޑޮ ސްވިޗް" ގެ މި މޮޑެލް ގެ ނަމަކީ "ސްވިޗް އޯލެޑް މޮޑެލް" އެވެ. މި މޮޑެލްގައި އާ 720 ޕިކްސަލް ގެ އޯލެޑް ސްކްރީނެއްގެ އިތުރުން، އާ ޑޮކެއް ހިމެނެ އެވެ. އަދި މި ޑޮކްގައި އިތާނެޓް ގުޅޭ ޕޯޓެއް ވެސް އިނދެެ އެވެ. އަދި މީގެ އިތުރުން އޯޑިއޯ ކޮލިޓީ ވެސް މިފަހަރު ކުރިއަށް ވުރެ ރަނގަޅު ވާނެ ކަމަށް ނިންޓެންޑޯއިން ބުންޏެވެ.

ލީކްތަކުގައި އާ ސވިޗްއިން 4K ރެޒަލިއުޝަން ގައި ބޭނުން ކުރެވޭނެ ކަމަށް ބުނެފައިވާއިރު އިއުލާން ކުރި، އާ މޮޑެލްއިން ވެސް 1080 ޕިކްސަލްއަށް ވުރެ މަތިން ގޭމްތަކެއް ނޭޅުވެ އެވެ.

ނިންޓެންޑޯގެ އާ ސްވިޗް މި އަހަރުގެ އޮކްޓޯބަރު އަށަކުން ފަށައިގެން 350 އެމެރިކާ ޑޮލަރަށް ގަންނަން ލިބޭނެ އެވެ. އަދި މިހާރު މި ކޮންސޯލް ޕްރީއޯޑަ ކުރެވޭ މަގު ވެސް ވަނީ ހުޅުވާލާފަ އެވެ.