ހަބަރު

ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމެއްގައި ރާއްޖެއާ ސައުދީން ސޮއިކޮށްފި

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިއަދު ސޮއިކުރި އެއްބަސްވުމަކީ ރާއްޖެއާ ސައޫދިއަރަބިއާ އާ ދެމެދު އޮތް ގުޅުން ވަރުގަދަކޮށް، ދެގައުމުގެ ދެމެދުގައި އޮތް އެހީތެރިކަމުގެ ގުޅުން މިހާރަށްވުރެ ވަރުގަދަ ކުރުމުގެ ގޮތުން ސޮއިކުރި އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރް އެވެ. ސައުީ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އިއްޔެ ރާއްޖެއަށް ވަޑައިގެންނެވި ސައޫދީ އިސްލާމިކް މިނިސްޓަރު ޝައިހް ސޯލިހް ބިން އަބްދުލް އަޒީޒް އަލް މުހައްމަދު އެވެ.

އެއްބަސްވުމާ ބެހޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ޒިޔާދު ވިދާޅުވީ، މިއަދު ސޮއިކުރި އެއްބަސްވުމާ އެކު ރާއްޖެއާ ސައޫދީ ސަރުކާރާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށެވެ. އެގޮތުން މި އެއްބަސްވުމާ އެކު ދީނީ އެކި ކަންކަމުގައި ސައުދީ ސަރުކާރުން ފުޅާ ދާއިރާއެއްގައި ފައިސާގެ އެހީއާ ވަސީލަތް ލިބޭނެ ކަމަށެވެ. އަދި ތަފާތު ތަމްރީން ޕްރޮގްރާމްތައް ހިންގުމާ ރާއްޖޭގައި ހުރި މިސްކިތްތަކުގެ ފެންވަރު މަތިކޮށް، އިމާމުންނަށް އިތުރު ތަމްރީނާ އިނާޔަތް ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި އެއްބަސްވުމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް ބޭނުންވާ ދީނީ ފޮތްތައް ތަރުޖަމާ ކުރެވި، ރާއްޖޭގެ އިލްމުވެރިންނަށް ސައޫދީއަށް ގޮސް އެގައުމުގެ އިލްމުވެރިންނާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ. އަދި ވަގުފް ޕްރޮޖެކްޓް ތައް އިތުރުވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ސައޫދީ އިސްލާމިކް މިނިސްޓަރު ޝެއިޚް ސޯލިހު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ސައޫދީ ރަސްގެފާނުގެ އަރިހަށް ދާދި ފަހުން ކުރެއްވި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް އުފުލިގެންދިޔަ ދަތުރުފުޅެއް ކަމަށެވެ. އެހެންކަމުން މިއަދު ސޮއިކުރި އެއްބަސްވުމާ އެކު ދެގައުމުގެ ރަހުމަތްތެރިކަން އިތުރަށް ބަދަހިވާނެ ކަމަށާއި، އެއްބަސްވުމުގެ ސަބަބުން ދެ ގައުމަށްވެސް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.