ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ކްރެޑިޓް ކާޑުގެ ލިމިޓް 500 ޑޮލަރަށް މަތިކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭނެ ލިމިޓް 500 ޑޮލަރަށް މަތިކޮށްފި އެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ހީނަރުވެ ޑޮލަރު ލިބުމުން ދަތިވުމުން، ޑޮލަރުގެ ރިޒާވް ހިފައްޓަން ބީއެމްއެލް އިން އެޅި ފިޔަވަޅުތަކާއެކު ކްރެޑިޓް ކާޑުގެ ލިމިޓް ވަނީ 250 ޑޮލަރަށް ދަށްކުރީ މި ދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ނަމަވެސް ބުރާސްފަތި ދުވަހު ބީއެމްއެލް އިން ބޭއްވި އަހަރީ އާއްމު ޖަލްސާގައި ސީއީއޯ ޓިމް ސޯޔާ ވަނީ ކްރެޑިޓް ކާޑުގެ ލިމިޓް މަތި ކުރާން ނިންމާފައިވާކަން އިއުލާނު ކޮށްފަ އެވެ.

މި ބަދަލާއެކު އޮންލައިން ކޮށް ވިޔަފާރި ކުރާ ފަރާތްތަކާއި މި ނޫންވެސް ބޭނުންތަކަށް ރާއްޖޭން ބޭރަށް ދާ މީހުންނަށް ފަސޭހަ ވެގެންދާނެ އެވެ.

ބީއެމްއެލް އިން ބުނީ ކްރެޑިޓް ކާޑަށް މި ބަދަލު ގެނެނައި ނަަމަވެސް، ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓް ކަނޑައަޅާފައިވާ ޑެބިޓް ކާޑަށް މިހާރު ވެސް ދީފައިވާ ލިމިޓަކީ 250 ޑޮލަރު ކަމަށެވެ. ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާނަމަ ކަސްޓަމަރުންނަށް ދުވާލަކު 3،000 ޑޮލަރާ ހަމަޔަށް ކާޑު ބޭނުން ކުރެވޭނެ ކަމަށެވެ.

ބީއެމްއެލް އިން ބުނީ ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާ ކަސްޓަމަރުންނަށް މިހާރެކޭ ވެސް އެއްގޮތަށް ކޮންމެ ކާޑަކަށް، މަހަކަށް 750 ޑޮލަރުގެ ލިމިޓެއް ލިބޭނެ އެވެ. އަދި ބޭސް ފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާ ދެއްކުމަށް ކާޑަށް ވަގުތީ ލިމިޓް ދެމުންދާނެކަމަށާއި އެގޮތަށް ލިމިޓް އިތުރު ކުރުމަށް އެދި ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކަމާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅޭނެ ކަމަށެވެ.