ހަބަރު

އިލްމުވެރިން ޒުވާނުންނަށް މަގު ދައްކަން ޖެހޭނެ: ރައީސް މައުމޫން

ބަދަލުވަމުންދާ ދުނިޔެ އެއްގައި ޒުވާނުންންނަށް ސީދާ މަގު ދައްކައިދޭން ގައުމުގެ އިލްމުވެރިން ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ދުނިޔެއަށް އަންނަ ބަދަލުތަކާއެކު ޒުވާނުންނަށް ކުރިމަތިވާ މައްސަލަތަކާ މެދު ބަހުސްކޮށް ދިރާސާކުރަން މިއަދު ފެށި އިލްމުވެރިންގެ ތިންވަ ނަ މަހާސިންތާ ފައްޓަވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގެ އެންމެ ބޮޑު އެއް ތަސައްވަރަކީ ޒުވާނުން ހަރުދަނާ ބަޔަކަށް ހަދައި ޒުވާނުން ލައްވައި ގައުމު ބިނާކުރުން ކަމަށެވެ. އެހެން ކަމުން ޒުވާނުން މަގުން ނުގެއްލި ސީދާ މަގުގައި ދަމަހައްޓަން ހެޔޮ ނުބައި ބުނެދޭން އިލްމުވެރިން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ބަދަލުވަމުންދާ ދުނިޔެއެއްގައި ނުގުޅޭ ސަގާފަތާ އަގީދާ ގައުމުތަކުގައި އަށަގަތުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން އެފަދަ ދަނޑިވަޅުތަކުގައި ހެޔޮ ގޮތާ ނުބައި ގޮތް ރައްޔިތުންނަށް، ހާއްސަކޮށް ޒުވާނުންނަށް ބުނެދީ، ރަނގަޅު ކުރަންޖެހޭ ކަންތައްތަކާ ދީނާ މެދު ޒުވާނުންގެ ހިތްތަކުގައި އުފެދޭ ޝައްކާ ވަހުމް ފިލުވައިދިނުމުގައި އިލްމުވެރިންގެ ދައިރު ވަރަށް ބޮޑު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ބަދަލުވަމުންދާ ދުނިޔެއެއްގައި ނުގުޅޭ ކަންތައްތަކާ ފިކުރުތައް ގައުމުތަކުގެ ބޯޑަރު ހުރަސްކުރުމަކީ ވަރަށް ކައިރީގައި އޮންނަ ކަމެއް. އެހެންކަމުން އެފަދަ ހާލަތްތަކުގައި ޒުވާނުންނަށް ހެވާއި ނުބައި ބުނެދީ ސީދާ މަގު ދައްކުވައިދޭން ބަޔަކު ތިބެން ޖެހޭ. އިލްމުވެރިންނަކީ މިކަމުގައި އެންމެ ބޮޑު ޒިންމާއެއް އަދާކުރާ ބޭފުޅުން،" ރައީސް މައުމޫން ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އހުމަދު ޒިޔާދު ބާގިރު ވިދާޅުވީ، އިސްލާމިކް މިނިސްޓްރީން އަންނަ އަހަރަށް ރާވާފައިވާ އެންމެ މުހިއްމު އެއް ކަމަކީ ދީނީ ދަރުހުގެ އިތުރަށް ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު ދާއިރާތަކުން ހަރަކާތްތައް ހިންގުން ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ފެށީ މަހާސިންތާ އަކީ "ޒުވާނުންނާ ބަދަލުވަމުންދާ ދުނިޔެ" ނަމުގައި ފެށި މަހާސިންތާ އެކެވެ.

މި މަހާސިންތާގައި ދުނިޔެއަށް އަންނަ ބަދަލުތަކާ، އޭގެ ސަބަބުން ޒުވާނުންނަށް އަންނަ ބަދަލުތަކާ މައްސަލަތައް ދިރާސާކޮށް، އެ މައްސަލަތަކުން އަރައިގަނެވޭ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ އެވެ. އަދި ޒުވާނުންނަށް އިސްލާމީ ތަރަހައިގެ ތެރެއިން ޒުވާނުންނަށް ހިންގިދާނެ ހަރަކާތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރާނެ އެވެ.

މި މަހާސިންތާގައި ރާއްޖޭގައި ތިބި ގިނަ އަދަދެއްގެ އިސްލާމީ އިލްމުވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.