ހަބަރު

އަދާލަތު ވަނީ ސަރުކާރު ހިސޯރުކޮށްފައި: ނަޝީދު

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ސަރުކާރު ހިސޯރު ކޮށްފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.

ޓުވިޓާ މެދުވެރިކޮށް ރައީސް ނަޝީދު މިއަދު ނެރުއްވި ބަޔާނެއްގައި އެ މަނިކުފާނު ވަނީ އަދާލަތު ޕާޓީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އެމަނިކުފާނު ވިދާޅުވީ 2018 ވަނަ އަހަރު ވެރި ކަމަށް އައީ ކޯލިޝަނަކުން ކަމަށް ވިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަން ކުރައްވަމުން ގެންދަވަނީ އަދާލަތު ޕާޓީގެ ވިސްނުމަށް ކަމަށެވެ.

"ރައީސް ސޯލިހުގެ ހުރިހާ ނިންމުމެއްގައި އަދާލަތު ޕާޓީ ނުފޫޒު އެންމެ ބޮޑަށް އޮތުމުން އެނގެނީ މިހާރުގެ ކޯލިޝަނުން މުޅި ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފުވެފައި ވާކަން" ރައީސް ނަޝީދު ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ އުސޫލުތަކާ ދިވެހީންގެ ވިސްނުން ތައާރަޒުވާކަން ދޭހަވާ ފަދަ ގޮތަކަށް ވެސް ރައީސް ނަޝީދުގެ ބަޔާނުގައި ވާހަކަ ހިމަނާފައި ވެއެވެ. އެގޮތުން ގިނަ ދިވެހީންނަކީ ބިނާ ކުރަނިވި ފިކުރުގެ ބައެއް ކަމަށާއި އަދި ވިސްނުން ހުރީ މިނިވަންކަމާއި އަދި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ކަމަށެވެ. އަދި ދީނީ ގޮތުން ގިނަ ދިވެހީންނަކީ މެދުމިނުގެ ބައެއް ކަމަށާއި ވޯޓު ދީފައި ވަނީ ވެސް އެފަދަ ވިސްނުން ހުރި ކެންޑިޑޭޓުންނަށް ކަމަށެވެ.

"ދިވެހީން ވޯޓު ދިނީ މިފަދަ ކަންތައްތައް ނިގުޅައިދޭން ނުކުތް ހައްދު ފަހަނަ އަޅާފައިވާ ވިސްނުމެއް ބަޔަކަށް ނޫން." ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ 2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމަށް އައީ ބޮޑު ފަރަގަކާއެކުގައި ކަމަށާއި އޭގައި ބޮޑެތި ސަބަބުތަކެއް ވެސް އެބަހުރި ކަމަށާއި އޭގެ ތެރޭގައި އެމްޑީޕީން ގެންގުޅޭ އުސޫލުތަކާއި މިނިވަންކަމަށް އޮންނަ ލޯތްބާއި ރާއްޖޭގެ ސަގާފަތަށް ކުރާ ލޯތްބާއި އަދި ހަަމަހަމަކަމަށް ކުރާ ވަކާލަތްތައް ހިމެނޭ ކަމަށެވެ.

އަދާލަތު ޕާޓީއަށް ބަހުގެ ހަމަލާތަކެއް ދެއްވި އިރު ރައީސް ނަޝީދާ އިބްރާހިމް މުހައްމަދު ސޯލިހުގެ ގުޅުން ވަރަށް ބޮޑަށް ވަނީ ގޯސްވެފަ އެވެ. އަދި އިދިކޮޅު ޕީޕީއެމާއެކު ކޯލިޝަނެއް ހަދަން ވެސް ރައީސް ނަޝީދު ވަނީ ހުށަހަޅުއްވައިފަ އެވެ. އެ ކޯލިޝަންގެ ޝަރުތެއްގެ ގޮތުގައި މެދު މިނުގެ ދީނީ ވިސްނުން ހުރުމާއި "ހިސާން ބިލަ" ށް ތާއީދު ކުރަން ޖެހޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އިދިކޮޅުން ވަނީ އެ ޝަރުތުތަކާ ދެކޮޅު ހައްދަވައި ކޯލިޝަނަށް ޖާގައެއް ނެތް ކަަމަށް ބުނެފަ އެވެ.