ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ހާއްސަ ސިޓީއެއްގައި ބަޣާވާތުގެ އިސް މޭސްތިރިޔަކަށް ވެވަޑައިނުގަތުމަށް ނަސޭހަތްތެރިވެ ވަޑައިގެންފި އެވެ.
މޫސަގެ އަތުން ލިޔުއްވާ ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ އެންމެ ބޮޑު މަގުސަދަކީ ރައްޔިތުންގެ އަޑު އަހައި، ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭ ގޮތަށް މަސައްކަތް ކުރުން ކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެކުގައި ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާތީ އެކަމަކީ މިހާރުގެ ސަރުކާރު ބަޣާވާތަކުން ބަދަލުކޮށްލުމަށް ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ކުރައްވާ ކަމެއް ކަމަށް ދޭހަވާ ގޮތަށްވެސް މޫސަ ވަނީ ލިިޔުއްވާފަ އެވެ.
އެގޮތުން އެމްޑީޕީ ވެރިކަމުގައި އޮވެ ދެވަނަ ފަހަރަށް ބަޣާވާތަކުން ވެރިކަން ވައްޓާލުމުގެ މޭސްތިރިއަކަށް ވެގެންދާ ގޮތަށް ރައީސް ނަޝީދު މަސައްކަތް ކުރެއްވުމަކީ ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށް މޫސަ ވިދާޅުވެފައިވެ އެވެ. މޫސަ ގަބޫލުކުރައްވާ ގޮތުގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ ވެސް ވެރިކަމަށް ފެން ބޮވައިގަނެފައި ތިބި ބަައެއްގެ ސަބަބުންނެވެ. އެހެންވެ މިއަދު އެފަދަ ރޭވުމެއްގައި ވެރިކަމުގެ ދަހިވެތި މަޅީގައި ރައީސް ނަޝީދު ބެދެމުންދާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
މަނިކުފާނުގެ ވެރިކަން ވެއްޓި ދިޔައީވެސް ކުރިން ވެރިކަން ކުރި ބައެއްގެ ކަރު ބުޑުގައި ލީ ރަހަ ނުފިލައިގެން އެމީހުން ރޭވި ތިޔަފަދަ އަނިޔާވެރި މަޅީގައި މަނިކުފާނާއި އެމްޑީޕީގެ އެންމެން ޖެހިގެންނެވެ. މިއަދު އެފަދަ ރޭވުމެއްގައި ވެރިކަމުގެ ދަހިވެތި މަޅީގައި މަނިކުފާނު ތިދަނީ ބަނދެވެމުންނެވެ.ރީކޯ މޫސާ މަނިކު | ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް
ރައީސް ނަޝީދަށް ފޮނުއްވި ސިޓީ މޫސަ މިއަދު ވަނީ ސޯޝަލް މީޑިއާގައި އާންމުވެސް ކުރައްވާފަ އެވެ. އެގޮތުން ނަޝީދު ޓެގް ކުރައްވާ އާންމުކުރެެއްވި ސިޓީގައި ވިދާޅުވެފައިވަނީ އެފަދަ ސިޓީއެއް ލިޔަން ޖެހުނީ އެތައް ބައެއްގެ މަސައްކަތުން ރައީސް ނަޝީދު މިއަދު ހުންނެވި ހިސާބަށް ގެނައުމުން އިހްލާސްތެރިވި އެންމެން ގުރުބާން ކުރި ގޮތަށް ތިމާގެ ޖާހަތަށްޓަކައި ޕާޓީ ގުރުބާން ކުރަން ނިކުންނެވުމުން ކަމަށްވެސް ވިދާޅުވި އެވެ.
މޫސަ، ރައީސް ނަޝީދަށް ހާއްސަ ސިޓީއެއް ފޮނުއްވާފައި މިވަނީ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުށަހަޅުއްވާފައިވާ "ހިސާން ބިލް" އަށް ރައީސް ސޯލިހާއި ސަރުކާރުން ތާއީދު ނުކުރާނަމަ އެކުގައި ކުރިއަށް ނުދެވޭނެ ކަމަށް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާތީ އެވެ.