އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު އަލުން އެ ޕާޓީއާ ގުޅިވަޑައިގެންފި އެވެ.
މޫސަ މިއަދު އެމްޑީޕީއަށް ސޮއިކުރައްވާ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ފޯމު ހަވާލުކުރެއްވިއިރު މިރަސްމިއްޔާތުގައި ރައީސް އިބްރާހީމް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މޫސަ އެމްޑީޕީން ވަކިކުރީ އެ ޕާޓީގެ ވިޕްލައިނާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓުލީ ކަމަށް ކަނޑައަޅައި އޭނާއަށް އެޅި ފިޔަވަޅެއްގެ ގޮތުގަ އެވެ.
އެމްޑީޕީން މުސާ ވަކިކުރުމުން މިދިޔަ ރިޔާސީ އިންތިހާބުގައި އޭނާ ވަނީ މިހާރުގެ އިދިކޮޅު ޕާޓީ -- ޕީޕީއެމްއާ ގުޅިވަޑައިގެން ރައީސް ޔާމީނަށް އޭރު ކެމްޕޭން ވެސް ކޮށްދެއްވާފަ އެވެ. ނަމަވެސް ރައީސް ސޯލިހް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މޫސަ ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެންފަ އެވެ.
އޭގެފަހުން މިދިޔަ ދުވަސްތަކުގައި މޫސަ ގެންދަވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ބައެއް ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް ސޯލިހާއި ސަރުކާރުގެ ސިޔާސަތުތައް ވަރަށް ބޮޑު ދިފާއުކުރައްވާ ވާހަކަދައްކަވަމުންނެވެ.
ރައީސް ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށް ވިދާޅުވެ އެކަމުގައިވެސް މޫސަ ގެންދަވަނީ ވާހަކަދައްކަވަމުންނެވެ.