ދިވެހި ފުލުހުންގެ ތާރީހުގައި ވެސް ހިންގާ އެންމެ ބޮޑު މަޝްރޫއު ބިޑް ނުކޮށް އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް އެންޑް ޑިވެލޮޕްމަންޓްސްއާ ހަވާލު ކޮށްފި އެވެ.
ފުލުހުންގެ އިސްކަންދަރު ކޮށީގައި މިއަދު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުގެ އަގަކީ 48 މިލިއަން ޑޮލަރެވެ.
މި އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ފައުންޑާ އަދި ޗެއާމަން ބުޕޭޝް ނާގަރާޖަން އެވެ.
މި އެއްބަސްވުމުގެ ދަށުން 61 ޕޮލިސް ފެސިލިޓީއާއި އިމަރާތް ބިނާ ކުރާނެ އެވެ. މީގެތެރޭގައި ދޫނިދޫގައި އިމާރާތްކުރާ ކަސްޓޯޑިއަލް ފެސިލިޓީއާއި މިހާރުވެސް ބޭނުންކުރަމުންދާ ދެ އިމާރާތެއް އުމްރާނީ ގޮތުން އިތުރަށް ތަރައްގީ ކުރާނެ އެވެ. އަދި އަތޮޅު ތެރޭގެ ރަށްރަށުގައި އިމާރާތްކުރާ 23 ޕޮލިސް ސްޓޭޝަނާއި 21 ޕޮލިސް ޕޯސްޓްގެ އިތުރުން 8 އަތޮޅު ޕޮލިސް ސްޓޭޝަނާއި މާލޭގައި އިމާރާތް ކުރާ ޕޮލިސް ސްޓޭޝަނަކާއި ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްކުރާ ޕޮލިސް ސްޓޭޝަނަކާއި ހަތަރު އެކޮމޮޑޭޝަން އިމާރާތް މިމަޝްރޫއުގައި ހިމެނެ އެވެ.
މި މަޝްރޫއުގައި ހިމެނޭ ހުރިހާ މަސައްކަތެއް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ދިވެހި ފުލުހުންނާ ހަވާލުކުރަންޖެހެ އެވެ.
ފުލުުހުންގެ އިދާރާއިން ބުނީ މި މަޝްރޫއުގެ ސަބަބުން ފުލުހުންގެ މަރުކަޒުތައް ތަފާތު ސަރަހައްދުތަކުގައި ގާއިމުކޮށް، ލާމަރުކަޒީ އުސޫލުން ރައްޔިތުން ބޭނުންވާ ފަދަ ޒަމާނީ ޑިމޮކްރެޓިކް ހިދުމަތެއް ދިނުމުގެ މަގު ތަނަވަސް ވެގެން ދާނެ ކަމަށެވެ. މީގެއިތުރުން ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް މީހުން ބަންދުކުރެވޭނެ ވަސީލަތްތައް ގާއިމުވެ، އަސާސީ ގޮތުން ފުލުހުންގެ މަރުކަޒުތަކުގައި ހުންނަންޖެހޭ ކަންކަން ފުރިހަމަވެގެން ދާނެ ކަމަށެވެ.
މިރަސްމިއްޔާތުގައި ސީޕީ ހަމީދު ދެއްކެވި ވާހަކަފުޅުގައި ވަނީ މި މަޝްރޫއަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އުމްރާނީ ތަރައްގީއަށް މިހާތަނަށް ހިންގޭ އެންމެ ބޮޑު މަޝްރޫއު ކަން ފާހަގަކުރައްވާފަ އެވެ.
ކޮމިޝަނާ ވިދާޅުވީ ފުލުހުންގެ ހިދުމަތް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާގެ ދަށުން ފުލުހުންގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި، އިންސާނީ ވަސީލަތާއި ގާނޫނާއި ގަވާއިދުތަކާއި ފުލުހުން ޒިންމާދާރު ކުރެވޭނެ ޑިމޮކްރެޓިކް އުސޫލުތަކުގެ އިތުރުން އެކަށީގެންވާ އުމްރާނީ ވަސީލަތަކީ ކޮންމެހެން ބެނުންތެރި ކަމެއް ކަމަށެވެ.
"މިއަދު މި ވެވުނު އެއްބަސްވުމަކީ މިމަގުން ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް. މިފަދަ ބޮޑު ޕްރޮޖެކްޓެއް ހިންގުމަކީ ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްގީ ކުރުމަށް ދިވެހި ސަރުކާރުން ދެއްވާ އަހައްމިއްޔަތު ދައްކުވައިދޭ ކަމެއް. އެހެންކަމުން މި ޕްރޮޖެކްޓްގައި އެހީތެރިވެދެއްވި ސަރުކާރުގެ ވުޒާރާތަކަށާއި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުގެ އިތުރުން އިންޑިއަން ހައިކޮމިޝަނަށް ޝުކުުރު ދަންނަވަން،" ސީޕީ ހަމީދު ވިދާޅުވެފައިވެ އެވެ.
މިރަސްމިއްޔާތުގައި އިންދިރާ ޕްރޮޖެކްޓްސްގެ ޗެއާމަން މރ. ބުޕޭޝް ނާގަރާޖަން ވިދާޅުވީ ދިވެހިރާއްޖެ އަކީ އެންމެނަށް އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް ދިވެހި ސަރުކާރާއި ދިވެހި ފުލުހުން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ފުރުސަތު ލިބުނީތީ އުފާ ކުރައްވާ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތްތައް ދިވެހި ސަރުކާރުން ބޭނުންވާ ފެންވަރުގައި ކަނޑައެޅޭ ތަރީހުތަކަށް ނިންމައި ހަވާލުކުރާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފަ އެވެ.
މި މަޝްރޫއަށް ފައިނޭންސް ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއަން އެގްޒިމް ބޭންކާއި ދިވެހި ސަރުކާރާއެކު ވެވޭ ލޯން އެއްބަސްވުމެއްގެ ދަށުން މަޝްރޫއުގެ 85 އިންސައްތަ އެގްޒިމް ބޭނުންކުން ފައިނޭންސް ކުރާ ގޮތަށެވެ. ބާކީ 15 އިންސައްތަ ހަމަޖައްސާނީ ދިވެހި ސަރުކާރުންނެވެ.
މި މަޝްރޫއަކީ ބިޑްކުރުމަކާ ނުލައި ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލުން ކުރިއަށް ގެންދާ މަޝްރޫއެކެވެ. ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ދަށުން ހިންގާފައިވާ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް ވުރެ ފުލުހުންގެ މި މަޝްރޫއަށް ކުރަންޖެހޭ ހަރަދު ނިސްބަތުން ކުޑަ ކަން ވެސް ފުލުހުންގެ އިދާރާ އިން ފާހަގަކޮށްފައިވެ އެވެ.
މިރަސްމިއްޔާތުގައި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އާއި ފުލުހުންގެ ހިދުމަތުގެ އިސް ބައެއް އޮފިސަރުންނާއި އިންޑިއަން ހައި ކޮމިޝަންގެ ބައެއް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.