ނަފުރަތު އުފެއްދުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ހުށަހެޅި "ހިސާން ބިލާ" ދެކޮޅު ހަދަނީ ރާއްޖޭގެ މަދުބައެއް ކަމަށް ބުނުމުގެ ޖާގައެއް ނެތް ކަމަށް ބުނެ އަދާލަތު ޕާޓީން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފި އެވެ.
ރައީސް ނަޝީދު މިއަދު އިނގިރޭސި ބަހުން ނެރުއްވި ބަޔާނުގައި އަދާލަތު ޕާޓީއަށް ބަހުގެ ހޫނު ހަމަލާތަކެއް ވަނީ ދެއްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ކޯލިޝަނެއްގެ ތެރެއިން އެމްޑީޕީން 2018 ވަނަ އަހަރު ވެރިކަމަށް އައި ނަމަވެސް ރާއްޖޭގެ ގިނަ ރައްޔިތުން ވޯޓު ދިނީ އެމްޑީޕީގެ މިނިވަން ފިކުރަށް ކަމަށާއި އަދި ހަރުކަށި ފިކުރަށް ނޫން ކަމަށެވެ. ނަމަވެސް އަދާލަތުން ސަރުކާރު ހިސޯރު ކޮށްފައިވާ ކަމަށާއި އަދި ސަރުކާރުން ފަހުން ހިސާން ބިލު ދިފާއުނުކުރަން ފެށީވެސް އަދާލަތުގެ ނުފޫޒުން ކަމަށެވެ.
ރައީސް ނަޝީދުގެ ބަޔާނާ ގުޅިގެން އަދާލަތު ޕާޓީން ވެސް މިރޭ ވަނީ ހަމަ އިނގިރޭސިން ބަޔާނެއް ނެރެފަ އެވެ. އަދާލަތުން ބުނީ ހިސާން ބިލަށް ތާއީދު ނުކުރަނީ މަދުބައެކޭ ބުނުމުގެ ޖާގައެއް ނެތް ކަމަށެވެ. އެގޮތުން 120 އަށް ވުރެ ގިނަ ކައުންސިލަކާއި 100 އަށް ވުރެ ގިނަ އެންޖީއޯއާއި އަދި ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ނޫން ޕާޓީތަކާއި އަދި ގިނަ ޕާލިމަންޓް މެމްބަރުން ވެސް ބިލާ ދެކޮޅުކަން އަދާލަތުން ފާހަގަކުރި އެވެ.
"އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ޕާލަމަންޓުން ވެސް އެ ބިލާ ދެކޮޅަށް ތެދުވީ. އެހެންކަމުން މިއީ މަދު ބައެއްގެ ވިސްނުންކަމަށް ދޭހަވާގޮތަށް ވާހަކަ ދެއްކުމަކީ އޮޅުވާލުން" އަދާލަތުގެ ބަޔާނުގައި ވެއެވެ.
އެ ބިލު ފަރުމާކޮށްފައި އޮތީ ނަފްތަރުގެ ކުށްތައް ހުއްޓުވުމަށް އދ. އިން ކަނޑައަޅާަފައިވާ އުސޫލުތަކާއި ރައްޖޭގެ ގާނޫނުތަކާއި އިސްލާމް ދީނާއި ހިލާފަށް އަދި މަދަނީ ހައްގުތަކަށް އަރައިގަނެވޭ ގޮތަށް ކަމަށް އަދާލަތުން ބުނެއެވެ.
"ހިސާން" ބިލުގެ މަސައްކަތް ޖުޑިޝަރީ ކޮމިޓީން ނިންމައި ބިލު ފާސް ކުރަން ކޮމިޓީއަށް ފޮނުވި ނަމަވެސް ރައީސް ސޯލިހަށް ތާއީދުކުރާ މެމްބަރުންގެ އަޣުލަބިއްޔަތާއެކުބިލު ފާސް ނުކޮށް އަލުން ދިރާސާ ކުރަން ވަނީ ކޮމިޓީއަށް ފޮނުވާފަ އެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ އެ ބިލަށް ސަރުކާރުން ތާއީދު ނުކުރާނަމަ އެކުގައި މަސައްކަތް ނުކުރެވޭނެ ކަމަށެވެ.