އަދާލަތު ޕާޓީން ސަރުކާރު ހިސޯރުކޮށް ޑިމޮކްރަސީގެ ބާރު ކަނޑުވާލައިފައިވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަން ބައިނަލްއަގުވާމީ ސަމާލު ކަމަށް ގެނައުމުން އެ ވާހަކަތައް ދޮގުކޮށް އަދާލަތު ޕާޓީން ވެސް އެކަން ބައިނަލްއަގުވާމީ ސަމާލުކަމަށް ގެނެސްފި އެވެ.
ރައީސް ނަޝީދު މިއަދު ޓުވިޓާ މެދުވެރިކޮށް އިނގިރޭސި ބަހުން ނެރުއްވި ބަޔާނުގައި ވިދާޅުވީ ކޯލިޝަނެއްގެ ތެރެއިން އެމްޑީޕީން 2018 ވަނަ އަހަރު ވެރި ކަމަށް އައި ނަމަވެސް ރާއްޖޭގެ ގިނަ ރައްޔިތުން ވޯޓު ދިނީ އެމްޑީޕީގެ މިނިވަން ފިކުރަށް ކަމަށާއި އަދި ހަރުކަށި ފިކުރަށް ނޫން ކަމަށެވެ. ނަމަވެސް އަދާލަތުން ސަރުކާރު ހިސޯރު ކޮށްފައިވާ ކަމަށާއި އަދި ސަރުކާރުން ފަހުން ހިސާން ބިލު ދިފާއު ނުކުރަން ފެށީވެސް އަދާލަތުގެ ނުފޫޒުން ކަމަށެވެ.
ރައީސް ނަޝީދުގެ ބަޔާނާ ގުޅިގެން އަދާލަތުން ވެސް މިރޭ ވަނީ އިނގިރޭސި ބަހުން ބަޔާނެއް ނެރެފަ އެވެ. އަދާލަތުން ރައީސް ނަޝީދުގެ ވާހަކަތައް ސިފަކުރީ ގާނޫނީ ގޮތުންނާއި ޑިމޮކްރަސީގެ ތެރެއިން އެކުލަވާލައިފައި އޮތް ސަރުކާރެއްގެ ބާރު ކަނޑުވާލުމަށް ދެއްކެވި ވާހަކަތަކެއްގެ ގޮތުގަ އެވެ.
"މިކަން ބައިނަލްއަގުވާނީ ސަމާލުކަމަށް ގެންނަން،" އަދާލަތުގެ ބަޔާނުގައި ވެއެވެ.
އަދާލަތުން ބުނީ ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ ސިޔާސީ މަގުސަދުތަކެއް ހާސިލު ކުރުމަށް ކަމަށެވެ. އަދި އެކަން ހާސިލުކުރަށް ބައެއް މައްސަލަތަކަކީ ގައުމީ މައްސަލަތަކެއްގެ ގޮތުގައި ނަގައި ނިވާފަތްގަނޑަކަށް ހަދައިފައިވާ ކަމަށެވެ.
އަދާލަތު ޕާޓީއަކީ ހަރުކަށި ފިކުރުގެ ޕާޓީއެއް ކަމަށް ކުރާ ތުހުމަތުތަކަށް ރައްދުދީ އެ ޕާޓީން ބުނީ ރައީސް އިބްރާހިމް މުަހައްމަދު ސޯލިހު ހަރުކަށި ފިކުރާ ދެކޮޅަށް ކުރައްވަމުން ގެންދަވާ މަސައްކަތަކަށް އެއްބާރުލުން ދޭނެ ކަަމަށެެވެ. އަދި ދީނީ އަދި ސިޔާސީ ހަރުކަށި ފިކުރާވެސް ދެކޮޅަށް ރައްޔިތުން އަތުކުރި އޮޅާލުމަށް ޕާޓީން ގޮވާލި އެވެ.
"އަދާލަތު ޕާޓީ އުފެއްދި މަގުސަދުތައް ހާސިލުކުރަން މަސައްކަތް ކުރުމުގައި ދެމިތިބޭނަން. އަދި މަދު ބަޔަކު ކުރާ ފުރައްސާރަޔާ ބިރަކަށް ނުސިހޭނެ" އަދާލަތުގެ ބަޔާނުގައި ވެއެވެ.
އަދާލަތު ޕާޓީގެ އުސޫލުތަކާ ދިވެހީންގެ ވިސްނުން ތައާރަޒުވާކަން ދޭހަވާ ފަދަ ގޮތަކަށް ވެސް ރައީސް ނަޝީދުގެ ބަޔާނުގައި ވާހަކަ ހިމަނާފައި ވެއެވެ. އެގޮތުން ގިނަ ދިވެހީންނަކީ ބިނާ ކުރަނިވި ފިކުރުގެ ބައެއް ކަމަށާއި އަދި ވިސްނުން ހުރީ މިނިވަންކަމާއި އަދި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ކަމަށެވެ. އަދި ދީނީ ގޮތުން ގިނަ ދިވެހީންނަކީ މެދުމިނުގެ ބައެއް ކަމަށާއި ވޯޓު ދީފައި ވަނީ ވެސް އެފަދަ ވިސްނުން ހުރި ކެންޑިޑޭޓުންނަށް ކަމަށެވެ.
އެވާހަކަތަށް ރައްދު ދީ އަދާލަތުން ބުނީ ދިވެހީން ވޯޓު ދިނީ އިންސާފާއި ސުލްހައަށާއި އަދި ކޮަރަޕްޝަނާ ދެކޮޅަށް ކަމަށެވެ. އަދި ރާއްޖޭގެ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުންކަމަށް ރައީސް ނަޝީދު ސިފަކުރެއްވި ކުރެއްވުން އަދާލަތުން ކުށްވެރިކުރެއްވި އެވެ.