މިނިސްޓްރީ އޮފް ޓޫރިޒަމް

ގަވާއިދާ ހިލާފުވި ތިން ގެސްޓްހައުސެއް ބަންދު

Jul 17, 2021

ގަވާއިދާ ހިލާފަށް ދެކުނު އޭޝިއާގެ ޓޫރިސްޓުންނަށް ހިދުމަތްދެމުންދިޔަ ތިން ގެސްޓްހައުސެއްގެ ލައިސެންސް ޓޫރިޒަމް މިނިސްޓްރީއިން ސަސްޕެންޑްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީއިން މިއަދު ބުނީ ގަވާއިދާ ހިލާފުވި އިތުރު ތިން ގެސްޓް ހައުސްއަކަށް އިންޒާރު ވެސް ދީފައިވާނެ ކަމަށެވެ. މީގެ ތެރޭގައި ދެކުނު އޭޝިއާއިން ވަޒީފާއަދާކުރަން އަންނަ މީހުން ކަރަންޓީނުވާން ހަމަޖައްސާފައިވާ ގެސްޓް ހައުސްއެއްވެސް ހިމެނެ އެވެ.

އެ ތަންތަން ހޯދައި ފިޔަވަޅު އަޅާފައި ވަނީ ގެސްޓު ހައުސްތަކާއި ޓޫރިސްޓް ހޮޓާތަކުން އެޗްޕީއޭ އަދި ޓޫރިޒަމް މިނިސްޓްރީގެ ގައިޑްލައިންތަކަށް އަމަލުކުރަމުންދޭތޯ ބެލުމަށް ފަށާފައިވާ ހާއްސަ އިންސްޕެކްޝަނެއްގެ ތެރެއިންނެވެ.

އެ ގެސްޓްހައުސްތަކުގައި ތިބި ދެކުނު އޭޝިޔާގެ ޓޫރިސްޓުން ކަރަންޓީނުވާން ރިސޯޓުތަކަށް ދިއުމަށް މިނިސްޓްރީއިން ވަނީ ފުރުސަތުދީފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އިންސްޕެކްޝަނެއް ފަށާފައިވާއިރު ސައްހަ ނޫން ހޮޓެލް ބުކިން ލިޔެކިޔުން ހިފައިގެން ރާއްޖޭގެ ބޯޑަރުން އެތެރެވާން އުޅުނު 248 މީހަކު ވަނީ ދާދިފަހުން ވަނީ ހުއްޓުވާފަ އެވެ. އޭގެތެރެއިން ގިނައީ އިންޑިއާ މީހުންނެވެ.

ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ރާއްޖެ ހުޅުވާލައިފައިވީ ނަމަވެސް ގެސްޓުހައުސްތަކާއި ޓޫރިސްޓު ހޮޓާތައް އެމީހުންނަށް ހުޅުވާލާފައެއް ނުވެ އެވެ.