ދުނިޔެ

ޓްރަމްޕަށް ނާކާމިޔާބުވުމުން އީރާނަށް ހަމަލާދޭން ނަތަންޔާހޫ އެދުނު: ރިޕޯޓް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް 2020 ގެ ރިޔާސީ އިންތިހާބު ގެއްލި ވަޑައިގެންނެވިކަން ކަށަވަރު ވުމާއެކު އީރާނަށް އަސްކަރީ ގޮތުން ހަމަލާ ދިނުމަކީ ބުއްދިވެރި ކަމެއް ކަމަށް ޓްރަމްޕަށް ވިސްނައި ދެއްވަން، މިހާރު މަގާމު ގެއްލިވަޑައިގެން ހުންނެވި އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށް ބުނާ ރިޕޯޓެއް "ދަ ނިއު ޔޯކާ" އޮންލައިން ނޫހުގައި ޝާއިއުކޮށްފި އެވެ.

އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން ޓްރަމްޕް އީރާނަށް ހަމަލާ ނުދެއްވީ، ޔޫއެސް ޖޮއިންޓް ޗީފް އޮފް ސްޓާފް، ޖެނެރަލް މާކް މިލޭ ދެކޮޅު ހެއްދެވިލެއް ބޮޑުކަމުންނެވެ. ޓްރަމްޕް އަރިހުގައި މާކް މިލޭ ވިދާޅުވި ކަމަށް ވަނީ އީރާނަށް އަސްކަރީ ހަމަލާއެއް ދީފިނަމަ ފިތްކަނޑައިގެން ދާވަރުގެ ހަނގުރާމައެއް ފެށޭނެ ކަމަށާއި އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަަމަށެވެ.

ޖެނެރަލް މާކް މިލޭއާ ހަވާލާދީ ރިޕޯޓްގައި ބުނެފައި ވަނީ ހަނގުރާމައެއް ފެށުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ޓްރަމްޕް ވެސް ގަބޫލުފުޅު ކުރައްވާ ކަމަށާއި އެކަމަކު ވެސް ނޮޅައިގެން ކާން އެދުންވެރިވެފައި ތިބި ދެތިން މީހަކު ޓްރަމްޕްގެ އަރިހުގައި އުޅުއްވި ކަމަށެވެ.

އެމެރިކާ ލައްވައި އީރާނަށް ހަމަލާދޭން ނަތަންޔާހޫ ވެސް ހުންނެވީ ކަރުހިއްކައިގެންފައި ކަމަށާއި ރޮކެޓެއް ނަމަވެސް ފޮނުވާލުން މޮޅުކަމެއް ގޮތުގައި ޓްރަމްޕަށް ވިސްނައި ދޭން އެމީހުން ވަރަށް މަސައްކަތްކުރި ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.

ނަތަންޔާހޫގެ އިތުރުން ޓްރަމްޕްގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ އަދި ނައިބު ރައީސް މައިކް ޕެންސް ވެސް ތިއްބެވީ ޓްރަމްޕްގެ އަރިހުގައި ކުސްތަޅަތަޅާ ކަމަށާއި އީރާނަށް ހަމަލާ ދޭން ޖެހޭ ސަބަބެއް ކަމަށް އެމީހުން ބުނީ އީރާނަކީ ޝައިތޯނީ ގައުމަކަށް ވާތީ ކަމަށެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުން ޓްރަމްޕަށް ރިޔާސީ އިންތިހާބު ގެއްލި ވަޑައިގަތުމުން ބަޣާވާތް ކުރައްވަން އުޅުއްވި އަޑުތަކެއް ފެތުރުނު ކަމަށާއި، ގައުމުގައި ބަޣާވާތް ކުރަން ރާވައި ގާނޫނާ ޚިލާފު އަމުރެއް އަތުވެއްޖެ ނަމަ މަގާމުގައި ދެމިނުހުންނަވާނެ ކަމަށް ވިދާޅުވެ މާކް މިލޭ އާއި ބައެއް ސީނިއާ އޮފިޝަލުން މަޝްވަރާ ކުރެއްވި ކަމަށެވެ.