މެންޗެސްޓާ ޔުނައިޓެޑް

މެންޗެސްޓާ ޔުނައިޓެޑުގެ ހާއްސަ ކުޅުންތެރިންތަކެއް

އިނގިރޭސި ވިލާތުގެ އެންމެ ކާމިޔާބު ފުޓްބޯޅަ ކުލަބަކީ 66 ތަށި ކާމިޔާބު ކޮށްފައިވާ މެންޗެސްޓާ ޔުނައިޓެޑެވެ. ސަތޭކަ ސާޅީސް ތިން އަހަރު ދުވަސްވެފައިވާ މި ކުލަބުން މަތީ ފަންތީގެ ކުލަބު ފުޓްބޯޅައިގައި ހާސިލު ކުރެވޭ ހުރިހާ ތައްޓެއް ވަނީ ހާސިލު ކޮށްފަ އެވެ. މީގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ރިކޯޑު އަދަދަކަށް، 20 ފަހަރުވަނީ ހޯދާފަ އެވެ.

ފުޓްބޯޅައިގެ ލެޖެންޑުން ކަމަށްވާ ސާ ބޮބީ ޗާލްޓަން، ޖޯޖު ބެސްޓު އަދި ޑޭވިޑް ބެކަމް ފަދަ ކުޅުންތެރިން ވަނީ މެންޗެސްޓާ ޔުނައިޓެޑުގެ ފަހުރުވެރި ރަތް ޖާޒީގައި ކުލަބަށް ގިނަ ކާމިޔާބީތައް ހޯދާދީފަ އެވެ.

އެކަމަކު މި ލެޖެންޑުންގެ ތެރެއިން ވެސް މެންޗެސްޓާ ޔުނައިޓެޑަށް އެންމެ ގިނަ މެޗު ކުޅެދީފައި ވަނީ ރިޔަން ގިގްސް އެވެ.
މެންޗެސްޓާ ޔުނައިޓެޑުގެ އެކަޑަމީން ނުކުމެ ސީނިއާ ޓީމަށް ގިގްސް އޭނާގެ ފުރަތަމަ މެޗު ކުޅެދީފައި ވަނީ 1990 ގަ އެވެ. އަދި އޭރުން ފެށިގެން 2014 ވަނަ އަހަރު ރިޓަޔާ ކުރުމާ ހަމައަށް ގިގްސް ކުޅެފައި ވަނީ މެންޗެސްޓާ ޔުނައިޓެޑަށެވެ.

ޖުމްލަ 24 އަހަރު ދުވަހުގެ ތެރޭގައި ގިގްސް ވަނީ 963 މެޗު މެންޗެސްޓާ ޔުނައިޓެޑަށް ކުޅެދީފަ އެވެ. ވޭލްސް އަށް ނިސްބަތްވާ ގިގްސް ވަނީ މެންޗެސްޓާ ޔުނައިޓެޑާއެކު ކުލަބު ފުޓްބޯޅައިގައި ހާސިލު ކުރެވޭ ހުރިހާ ތައްޓެއް ހާސިލުކޮށްފަ އެވެ. މީގެ ތެރޭގައި ޕްރިމިއާ ލީގު 13 ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު ދެފަހަރު ވަނީ ކާމިޔާބު ކޮށްފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ދެވަނަ އަށް އެންމެ ގިނަ މެޗު ކުޅެދީފައި ވަނީ ސާ ބޮބީ ޗާލްޓަން އެވެ.

ގިގްސް އެކޭ އެއްގޮތަށް ސާ ބޮބީ ޗާލްޓަން އަކީ ވެސް މެންޗެސްޓާ ޔުނައިޓެޑުގެ އެކަޑަމީން އުފަންވި ތަރިއެކެވެ. މެންޗެސްޓާ ޔުނައިޓެޑުގެ ސީނިއާ ޓީމަށް ޗާލްޓަން އެންމެ ފުރަތަމަ މެޗު ކުޅެދީފައިވަނީ 1956 ގަ އެވެ. އަދި 1973 ވަނަ އަހަރާ ހަމައަށް ޗާލްޓަން ވަނީ އެ ކުލަބަށް ކުޅެދީފަ އެވެ. އެގޮތުން މެންޗެސްޓާ ޔުނައިޓެޑުގައި ހޭދަކުރި 17 އަހަރުގެ ތެރޭގައި ޗާލްޓަން ވަނީ 758 މެޗު ކުޅެދީފައެވެ. އަދި އިނގިރޭސި ވިލާތުން ވޯލްޑްކަޕް ކާމިޔާބުކުރި ޓީމުގައި ވެސް ޗާލްޓަން ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑަށް އެންމެ ގިނަ ގޯލު ކާމިޔާބު ކޮށްދީފައިވާ ވޭން ރޫނީ އަންނަނީ މެންޗެސްޓާ ޔުނައިޓެޑަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިންގެ ލިސްޓުގެ ހަވަނައަށެވެ.

ފަހުގެ ތާރީޚެއްގައި ޔުނައިޓެޑުން ފެނިގެންދިޔަ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރޫނީ މެންޗެސްޓާ ޔުނައިޓެޑާ ގުޅުނީ 2004 ވަނަ އަހަރެވެ. އެވަޓަން އިން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ރޫނީ ވަނީ 2017 ވަނަ އަހަރާ ހަމައަށް މެންޗެސްޓާ ޔުނައިޓެޑަށް ކުޅެދީ، 263 ގޯލު ޖަހައި ކުލަބުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ލަގަބު ހޯދާފަ އެވެ.