ހުސައިން މުހައްމަދު ދީދީ

އެމްޑީޕީ ބައިބައިވެ ފެކްޝަނެއް ނެތް: މެންބަރު ހުސައިން

ސަަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ފަޅިފަޅިވެ ދެ ފެކްޝަނަކަށް މަސައްކަތް ކުރާ ހިސާބަށް އަދި ނުދާ ކަމަށާ ރައީސް ސޯލިހާއި ރައީސް ނަޝީދު ވަކިވެވަޑައިގެން މަސައްކަތް ނުކުރައްވާނެ ކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ވިދާޅު ވެއްޖެ އެވެ.

ހުސައިން މިހެން ވިދާޅުވީ އަވަސްގެ މޯނިންގް ޝޯ "ފަށަމާ" ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވުން އުފެދި ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ގުޅުން ވަނީ ގޯސްވެފަ އެވެ. އަދި ސިޔާސީ ގޮތުން ރައީސް ސޯލިހާއެކު ކުރިއަށް ދެވެން ނެތް ކަމަށް ވެސް ނަޝީދު ވަނީ ރަސްމީކޮށް އިއުލާނު ކުރައްވާފަ އެވެ. މީގެ އިތުރުން އިދިކޮޅު ލީޑަރާއި އިދިކޮޅު ޕާޓީ ބައިވެރިވާހެން އެމްޑީޕީން އިސްވެ ކޯލިޝަނެއް ހަދަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. ސަރުކާރަށް ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތު ވެސް ނަޝީދު ކުރައްވަ އެވެ. އަދި ހަަރުކަށި ފިކުރު ފެތުރި ރައީސް ސޯލިހް ހުންނެވީ "ފިތިފައި" ކަމަށްވެސް ނަޝީދު ވިދާޅު ވެއެވެ.

އެކަންކަމާއި ގުޅުވައި ސުވާލު ކުރުމުން މެންބަރު ހުސައިން ވިދާޅުވީ ރައީސް ސޯލިހާއި ރައީސް ނަޝީދުގެ މެދުގައި އޮތީ ޕޮލިސީތަކުގައި އޮތް ހިޔާލު ތަފާތު ވުމެއް ކަމަށެވެ. އަދި ދެ ބޭފުޅުންނަށް އެކުގައި ކުރިއަށް ވަޑައިނުގެންނެވޭ މިންވަރަށް ގުޅުން ގޯސްވެފައި ނުވާ ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި އެ ދެ ބޭފުޅުންނަކީ [ރައީސް ސޯލިހާއި ރަައީސް ނަޝީދު] އެކީގައި މަސައްކަތް ކުރެއްވޭނެ އަދި މުސްތަގުބަލުގައި ވެސް ކުރައްވާނެ ދެ ބޭފުޅުން. އަޅުގަނޑަށް ވަރަށް ޔަގީން ކުރިއަށް އޮތް އިންތިހާބުތަކުގައި ވެސް ދެ ބޭފުޅުން އެއްކޮށްކަން މަސައްކަތް ކުރައްވާނީ ވެސް. އަޅުގަނޑުމެން ރިޔާސީ އިންތިހާބަކަށް ދާއިރުވެސް 2023 ގައިވެސް އެއިން އެއް ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާއަކަށް ވެގެންދާނީ،" ހުސައިން ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެމްޑީޕީ ފަޅިފަޅިވެ ފެކްޝަން އުފެދިފައިވާ ކަމަށް ބަޔަކަށް ހީކުރެވުނު ނަމަވެސް އެ މަންޒަރު އަދި ފެނިވަޑައި ނުގަންނަވާ ކަމަށެވެ. އޭގެ ބަދަލުގަައި ދެ ރައީސުން ވެސް ގޮތް ދޫކުރަން ވަން ޖެހިވަޑައިގަތުމުން އެކަން ކުރައްވާ އެކުގައި ކުރިޔަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެމްޑީޕީ ބައިބައި ވެގެން އެމްޑީޕީގެ ދެ ލީޑަރުން ދެ ޕާޓީއެއް ހައްދަވައިގެން މަސައްކަތް ކުރައްވާނެ ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އެ ދެ ބޭފުޅުންގެ މަސައްކަތް ނިމޭއިރުގައި ނިމިގެންދާނީ އެއްކޮށް. ދެ ބޭފުޅުން ދޫކުރައްވަން ޖެހޭ ތާންގައި ދޫކުރައްވާފައި ވަޑައިގަންނަވަން ޖެހޭ މިސްރާބަކަށް ވަޑައިގަންނަވާނެ އެ ވަގުތެއް ޖެހުނީމަ. ބައެއް ބޭފުޅުން އެ ވިދާޅުވާ ގޮތުގައި އެމްޑީޕީ ފަޅިފަޅިވެ ދެ ފެކްޝަނަކަށް އަދި ނުދާ ކަމަށް އަޅުގަނޑު ދެކެނީ،"

އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހަށް ޕްރައިމަރީއެއް ނެތި ދިނުމާއި ގުޅޭ ގޮތުން އުފެދިފައިވާ ބަހުސާއި ގުޅޭގޮތުން ވެސް ހުސައިން ވާހަކަ ދެއްކެވި އެވެ. ވެރިކަމުގައި ހުންނަވާ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނަމަ އެމްޑީޕީގެ ރިޔާސީ ޓިކެޓް ޕްރައިމަރީއެއް ނެތި އެ ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް އެއީ ސައްހަ ނިންމުމެއް ކަމާމެދު ނަޝީދަށް ވަފާތެރި މެންބަރުން މިހާރު ސުވާލު އުފައްދަވަ އެވެ. އެ ސުވާލު މިހާރު އުފައްދަވަނީ ރައީސް ސޯލިހަށް އެ ފުރުސަތު ނުދެއްވަން ކަަމަށް ވެސް ބައެއް މެންބަރުން ދެކެވަޑައިގަންނަވަ އެވެ.

ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ޓިކެޓް ލިބިވަޑައިގަންނަވަނީ ޕްރައިމަރީއަކުން ކަމަށާ ޕްރައިމަރީގައި ވާދަ ކުރައްވާ ޓިކެޓް ހޯއްދަވާނެ ކަމަށްވެސް ނަޝީދު މިހާރު ވަނީ ވިދާޅުވެފައެވެ.

ހުސައިން ވިދާޅުވީ ވެރިކަމުގައި ހުންނަވާ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނަމަ އެމްޑީޕީގެ ރިޔާސީ ޓިކެޓް ޕްރައިމަރީއެއް ނެތި އެ ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ ގައުމީ މަޖިލީހުން ފާސްކޮށް އެކަން ގާނޫނީ ގޮތުން ނިމިފައިވާނަމަ އެކަން އެގޮތަށް ކުރިއަށްދާން ޖެހޭނެ ކަމަށެވެ. އަދި އެއީ މިވަގުތަށް އެންމެ ރަނގަޅު ގޮތް ނޫންނަމަ ކޮންގްރެސްއަކަށް ގޮސް ގޮތްތަކެއް ނިންމުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ ޓިކެޓް ލިބިވަޑައިގަންނަވަނީ ޕްރައިމަރީއަކުން ކަމަށާ ޕްރައިމަރީގައި ވާދަކުރައްވާ ޓިކެޓް ހޯއްދަވާނެ ކަމަށްވެސް ނަޝީދު ވިދާޅުވެފައިވާތީ އެކަމާއި ގުޅޭގޮތުން ހުސައިން ވިދާޅުވީ ނަޝީދު ބައެއް ފަހަރު ވިދާޅުވާ ވާހަކަފުޅު އެހެން މާނައެއްގައި ވިދާޅުވެފައި ވެދާނެ ކަމަށެވެ.

"ކޮންގްރެސްއެއް ވެސް ބޭއްވި ދާނެ. އަދި އެކަމަށް [ރިޔާސީ ޓިކެޓް] އެހެން ގޮތްތަކެއް ވެސް ހޯދިދާނެ. އެއީ ޕްރައިމަރީއެއް ބަންދުވެފައި އޮންނަ ގޮތަކަށް ކަންކަން ނިމިފަައެއް ނޯންނާނެ ކޮންމެ ގޮތެއްވިޔަސް. އެއީ އެމްޑީޕީގެ އަސާސީ ގަވާއިދު ވެސް ބަދަލު ކުރެވިދާނެ ކޮންގްރެސްއެއް ބާއްވައިގެން،" ހުސައިން ވިދާޅުވިއެވެ. "އެމްޑީޕީގެ އާންމު މެންބަރުން އެކަމަކަށް އެދެންޏާމު އެއީ ރައީސް ނަޝީދު ވިޔަސް އަދި ރައީސް ސޯލިހް ވިޔަސް ކޮންމެ ބޭފުޅަކު ވިޔަސް ގައުމީ މަޖިލީހުން ނިންމައިފިއްޔާ ކޮންގްރެސްއެއް ބާއްވައިގެން ގޮތްތަކެއް ނިންމަން ޖެހޭނީ،"

ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަކަށް ބަދަލުކުރަން ރައީސް ނަޝީދު ފައްޓަވާފައިވާ މަސައްކަތްޕުޅާއި އިދިކޮޅު ޕާޓީއާއެކު ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައިވާތީ ހުސައިން ވިދާޅުވީ އިންތިހާބެއްގައި އެމްޑީޕީ އާއި ޕީޕީއެމް އެކުވެ މަސައްކަތް ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ވެއްޖެނަމަ އެކަން ކުރާނީ ރައްޔިތުން ކަމަށާ ބަރުލަމާނީގެ ފައިދާ ބޮޑު ކަމަށް ދެކޭނަމަ އެކަމުގައި ޕީޕީއެމްގެ އެހީތެރިކަން ހޯދުން އެއީ މައްސަލައެއް ނޫން ކަމަށްވެސް ހުސައިން ވިދާޅުވިއެވެ.

"އިންތިހާބަކަށް ކުރިމަތިލާން ޕީޕީއެމާއެކު އެމްޑީޕީން ކޯލިޝަނެއް ހަދައިގެން މަސައްކަތް ކުރާނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،"

ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމުގައިވެސް ފައިދާ އާއި ގެއްލުން ހުންނާނެ ކަމަށާ ނަމަވެެސް މިއީ ނިޒާމީ ވޯޓަކަށް ރައްޔިތުންގެ ޝައުގުވެރިކަން ހުންނާނެ ވަގުތެއް ނޫން ކަމަށްވެސް ހުސައިން ވިދާޅުވިއެވެ. ކޮވިޑާއެކު އާންމު ރައްޔިތުންގެ ދިރިއުޅުން ބަދަލުވެ އެތައް ގޮންޖެހުމެއް އޮތްއިރު ނިޒާމީ ބަހުސަށް މިވަގުތު ރަނގަޅު ނޫން ކަމަށްވެސް ވިދާޅުވިއެވެ.