ޗައިނާގެ 14 އަހަރުގެ އަންހެންކުއްޖެއްގެ ބާސްކެޓް ބޯޅަ ކުޅުމުގެ ހުނަރު ފެނިފައި އިންޓަނެޓުގައި ހުޅު ފަޅައިފި އެވެ. އިސްކޮޅުގައި 7 ފޫޓު 4 އިންޗި ހުރި މި ކުއްޖާ ބާސްކެޓްބޯޅަ ކުޅޭލެއް އޮމާން ކަމާއި އޭނާގެ ކިބައިގައި ހުރި ހުނަރަކީ ވަރަށް މޮޅު ކުޅުންތެރިންގެ ކިބައިގައި ނޫނީ ނުހުންނަ ވަރުގެ ހުނަރެއް ކަމަށް މި ކުއްޖާ ކުޅޭތަން ފެންނަ ވީޑިއޯ ބަލާފައި ވަރަށް ގިނަ މީހުން ބުނެފައި ވެއެވެ.
ޗައިނާގެ ނެޝަނަލް ބާސްކެޓްބޯލް ލީގުގެ އަންހެނުންގެ ފައިނަލް މެޗްގެ ކްލިޕެއް ވައިރަލް ވެފައިވާއިރު މި ކްލިޕުން ކުއްޖާގެ އާދަޔާޚިލާފަށް މޮޅުކަން ފެނެ އެވެ.
ޒަންގް ޒިއޫ ނަމަކަށް ކިޔާ މި ކުއްޖާ އަކީ ޗައިނާގެ ބާސްކެޓްބޯޅަ ތަރި ޔާއޯ މިންގް ފަދަ އަލިގަދަ ތަރިއަކަށް ވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް މި ކްލިޕް ބެލި މީހުން ބުނެ އެވެ.
ޒެންގް އާއި އޭނާއާއެކު ކުޅޭ އެހެން ކުދިންގެ ހުރި އެންމެ ބޮޑު ތަފާތަކީ އޭނާގެ ހުނަރުގެ އިތުރުން އޭނާގެ އިސްކޮޅެވެ. އޭނާގެ ޓީމުގެ ގިނަ ކުދިން އަދި އިދިކޮޅު ޓީމުގެ ގިނަ ކުދިންނަށް ވުރެ ޒެންގް އިސްކޮޅުން މާ ދިގުވެފައި ބިޔައެވ
ޒެންގްގެ ވާހަކަ ޗައިނާގެ މީޑިއާތަކުން ވެސް މާ ގަދަޔަށް ދައްކަން ފަށާފައިވަނީ އަންޑަ 15 އަންހެން ކުދިންގެ ފައިނަލްގައި ޒެންގް ސްކޯ ކޮށްދިން 42 ޕޮއިންޓާއެކު އޭނާގެ ޓީމަށް މުބާރާތުގެ ތަށި ހާސިލު ކުރެވުމުންނެވެ.
ޗައިނާގެ ގްލޯބަލް ޓައިމްސް ނޫހުން ބުނެފައިވާ ގޮތުގައި އެއް ވަނަ ގްރޭޑް ގައި ކިޔަވަން ފެށިއިރުވެސް ޒެންގްގެ އިސްކޮޅުގައި ފަސް ފޫޓު ދެ އިންޗި ހުއްޓެވެ. އަދި ހަ ވަނަ ގްރޭޑް ނިމުނުއިރު ޒެންގްގެ އިސްކޮޅުގައި ހަ ފޫޓު އަށް އިންޗި ހުރި ކަމަށް ވެސް މި ނޫހުން ބުނެފައި ވެއެވެ.
ޗައިނާ ނޫސްތަކުން ބުނާ ގޮތުގައި ޒެންގްގެ މައިންބަފައިންނަކީ ވެސް ޕްރޮފެޝަނަލް ބާސްކެޓްބޯޅަ ކުޅުންތެރިންނެވެ. އޭނާގެ މަންމަ ޔޫ ޔިންގް އަކީ ޗައިނާގެ ނެޝަނަލް ބާސްކެޓްބޯލް ޓީމުގެ މެމްބަރެއް ކަމަށް ވެސް މި ޚަބަރުގައި ބުނެފައި ވެއެވެ. ޒެންގް މިހާރު ވެސް އޭނާގެ މަންމަ އާއި ބައްޕަ އަށް ވުރެ ވެސް މާ ދިގެވެ. އެހެންވެ ދިގުވާ އުމުރު ފަހަނައަޅާއިރު ޒެންގް ކިޔާ ވަރަކަށް ދިގު ވާނެތޯ ބަޔެއް މީހުން ސުވާލު ކުރެ އެވެ.