ބާސެލޯނާ

އާ ސީޒަނަށް ބާސާގެ ޕްލޭން ބީ އެއް ނެތް

މި ސަމާ ޓްރާންސްފާ މާކެޓުގައި ބާސެލޯނާއިން ފައިސާގެ މައްސަލަ ހައްލު ކުރުމަށްޓަކައި ކުޅުންތެރިން ތަކެއް ވިއްކާލަން ޖެހޭނެކަން އެއީ އެންމެނަށް އެނގޭ ބޮޑު ސިއްރެކެވެ. ނަމަވެސް ކުޅުންތެރިންތައް ވިއްކާލުމަށް ފަހު ކުޅުމުގައި އެމީހުންގެ ޕްލޭން ބީއެއް ނެތްކަން މިއީ އެކްލަބަށް އޮތް އެންމެ ބޮޑު އެއް ބިރެވެ.

ބާސާގެ ފަހަތް ރަނގަޅު ކުރުމުގެ ގޮތުން މިފަހަރުގެ ޓްރާންސްފާގައި އެމާސަން ރޯޔަލްގެ އިތުރުން އެރިކް ގާސިއާ ވަނީ ޓީމަށް ހޯދާފަ އެވެ. ނަމަވެސް އެންމެގެ ލޯތައް އަމާޒު ވެފައި ހުރީ ބާސާގެ އެޓޭކިން ލައިނަށް ސާޖިއޯ އަގުއެރޯ އާއި މެންފިސް ޑިޕާއީ ގެންދިއުމުން އެކަމަށެވެ.

ލިއޮނަލް މެސީ ކޭމްޕް ނޯ ގައި އިތުރު ފަސް އަހަރު މަޑުކުރާނެ ކަމަށް ބެލެވޭ އިރު، އަގުއެރޯ، ޑިޕާއީ، ފާޓީގެ އިތުރުން ޑެމްބެލޭ އާއެކު ބާސާގެ އެޓޭކިން ލައިނު ފެނިގެން ދަނީ އިދިކޮޅު ޓީމުތައް ބިރުގަންނަހާ ވަރުގަދަ ކޮށެވެ. އެކަމަކު ބާސާއިން 2021/22 ސީޒަނަށް ނުކުންނަ އިރު ރޮނާލްޑް ކޫމަންގެ ބޯ ހާސްކޮށްލާ ވަރުގެ ކަންތައް ތަކެއް އެބަހުއްޓެވެ.

އެގޮތުން ސައުލް ނިހުއެޒްގެ ބަދަލުގައި އެންޓޯނިއޯ ގްރީޒްމެން އޭނާގެ ކުރީގެ ކްލަބް އެތެލެޓިކޯ މެޑްރިޑަށް ސްވެޕް ޑީލެއްގެ ދަށުން ދޫކޮށްލާނެ ކަމަށް ރިޕޯޓުތައް ބުނަމުން ދާއިރު، މިއީ ބާސާއަށް އެންމެ ރަނގަޅު ގޮތްތޯ ސުވާލު ކޮށްލުން މުހިންމެވެ. ވޯލްޑްކަޕް 2018 ފްރާންސަށް ކާމިޔާބު ކޮށްދިނުމުގައި ވެސް އިސް ދައުރެއް އަދާކުރި ގްރިޒްމެން ބާސާއިން ދޫކޮށްލުން އެއީ އެމީހުންނަށް ހެދޭ ވަރަށް ބޮޑު ގޯހަކަށް ވެދާނެ އެވެ.

ގްރީޒްމެން އާއެކު ނުވަތަ އޭނާ ނުލައިވެސް ބާސާއަށް ރަނގަޅު ބަދަލު ތަކެއް ހަގީގަތުގައި ނެތެވެ. ބާސާގެ އެޓޭކިން ލައިނަށް ބަދަލެއްގެ ގޮތުގައި މިހާރު އިނީ މާޓީން ބްރެއިތުވެއިޓެވެ. އެކަމަކު ބާސާ އާއެކު މިހާތަނަށް އޭނާއަށް ނުދެއްކުނު ރަނގަޅު ކުޅުން އަލުން ދެއްކިދާނެ ކަމާއި މެދު ޝައްކެވެ. އަނެއް ކޮޅުން މިހާރު ބްރެތުވެއިޓުގެ ވިސްނުން ވެސް ހުރީ އެހެން ކްލަބަކަށް ބަދަލުވާށެވެ.

އެހެން ކަމުން ބާސާގެ މާލީ ދަތިތަކާއެކު މިފަހަރު އެމީހުންނަށް އޮތީ ކުޅުންތެރިއަކަށް އަނިޔާ ނުވެ ބަދަލުތަކެއް ގެންނަން ނުޖެހޭނެ ކަމަށް އުންމީދު ކޮށްގެން އަތް އުރާލައިގެން ތިބުމެވެ. އަދި މިފެށޭ ސީޒަނުގައި ރަނގަޅު ނަތީޖާއެއް ނެރުމަށް މިހާރު ތިބި ކުޅުންތެރިންނާއި އެކު ގަދައަޅައި މަސައްކަތް ކުރުމެވެ.