ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހާއި އެމްޑީޕީގެ ރައީސް ކަން ކުރައްވާ ކުރީގެ ރައީސް، މުހައްމަދު ނަޝީދާ ދެމެދު ޖެހިފައިވާ މައްސަލަ ހައްލު ކުރެވޭނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
"ހިސާން ބިލަ" ށް ރައީސް ސޯލިހުގެ ސަރުކާރުން ތާއީދު ނުކުރާނަމަ، އެކުގައި މަސައްކަތް ކުރައްވަން ދަތިފުޅު ވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އިއްޔެ ނެރުނު ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ރައީސް ނަޝީދު ވަނީ ސަރުކާރާ، އާދަލަތު ޕާޓީއަށް އޮތް ހިތްހަމަ ނުޖެހުންތައް ބަންޑުން ކޮށްލާފަ އެވެ.
އެމްޑީޕީގެ އިސް ދެ ލީޑަރުންގެ މެދުގައި ޖެހިފައިވާ މައްސަލައާ ގުޅޭގޮތުން އެ ޕާޓީގެ ޗެއާ ޕާސަން ހަސަން ލަތީން މިއަދު ވަނީ އަވަސް އަށް އިންޓަވިއުއެއް ދެއްވާފަ އެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ ކަންބޮޑުވުންތައް އެއީ ޕާޓީގެ ވެސް ކަންބޮޑުވުންތައް ކަމަށެވެ.
"ހިސާން ބިލަ" ކީ ސަރުކާރުގެ ފަރާތުން ރައްޔިތުން މަޖިލީހަށް ހުށަހެޅުު ބިލެ ކެވެ. ނަމަވެސް މިހާރު ސަރުކާރުން އެ ބިލާ ހަވާލު ނުވާ ކަމަށާއި ތާއީދު ވެސް ނުކުރާ ކަމަށް ހަސަން ވިދާޅުވި އެވެ. އެއީ ސަރުކާރުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.
"ސަރުކާރުން ކޮށްގެން ވާނެ ކަމެއް ނޫން، 'ހިސާން ބިލް' މަޖިލީހަށް ފޮނުވާފައި އެއަށް ތާއީދު ނުކުރުމަކީ. ސަރުކާރުން އެ ބިލަށް ހަވާލެއް ނުވި. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން،" ހަސަން ލަތީފް ވިދާޅުވި އެވެ.
ޗެއާ ޕާސަން ވިދާޅުވީ ދެ ރައީސުންގެ ހިޔާލު "ހިސާން ބިލް" ގެ މައްސަލައިގައި ވަރަށް ތަފާތެވެ. ނަމަވެސް އެކަން ހައްލު ކުރެވިދާނެ ކަމަށާއި އެއީ އެ ދެ ބޭފުޅުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށެވެ.
އެމްޑީޕީ ދެ ބައި ވެދާނެތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހަސަން ވިދާޅުވީ އެވާހަކަ ދައްކަން އަދި އަވަސް ކަމަށެވެ.