ޖަރުމަން

ޖަރުމަނު ޓީމު މެޗު ދޫކޮށް ދަނޑުން ފައިބައިފި

ޖަރުމަނުގެ އޮލިމްޕިކްސް ފުޓްބޯޅަ ޓީމުން ހޮންޑިއުރަސް އާއި ބައްދަލު ކުރި އެކުވެރި ކަމުގެ މެޗު ނުނިމެނީސް މެޗު ދޫކޮށްލައި ދަނޑުން ފައިބައިފި އެވެ.

ހޮނިހިރު ދުވަހު ކުޅުނު މި މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ޖަރުމަނު ޓީމުން މެޗު ދޫކޮށްލައި ދަނޑުން ފޭބީ އެޓީމުގެ ޖޯޑަން ޓޮރުނަރައިއާއަށް ނަސްލީ ގޮތުން ތަފާތުކޮށް ދިމާކުރުމާއެކު ފުރައްސާރަ ކުރުމުންނެވެ. ޖޯޑަން ބުނި ގޮތުގައި އޭނާއަށް ދެ ފަހަރެއްގެ މަތިން ހޮނޑިއުރަސްގެ ކުޅުންތެރިޔަކު ދަނޑު މަތީގައި ފުރައްސާރަ ކުރި އެވެ. މި މެޗު ބަލަން އެއްވެސް ސަޕޯޓަރަކު ނުވައްދަ އެވެ.

ފުރައްސާރަ ކުރުމުގެ މި ހާދިސާއާއެކު ޖަރުމަނު ޓީމުގެ ހުރިހާ ކުޅުންތެރިން އެކުގައި ދަނޑުން ފޭބި އެވެ. އަދި އެވާހަކަ އެމީހުންގެ އޮފިޝަލް ޓްވިޓާ ހޭންޑަލްގައި ވެސް ހިއްސާ ކުރި އެވެ.

ޖަރުމަނުން މެޗު ދޫކޮށް ދަނޑުން ފޭބުމުން ހޮންޑިއުރަސް ކުޅުންތެރިން ޖަރުމަނުގެ ބެންޗަށް ގޮސް އެކަމާއި މައާފަށް އެދުނެވެ. އަދި ހޮންޑިއުރަސް ޓީމުން ވަނީ މިކަމާއި ގުޅިގެން ބަޔާނެއް ވެސް ނެރެފަ އެވެ. އެބަޔާނުގައި ބުނެފައި ވަނީ ފުރައްސާރަ ކުރުމުގެ އެ އަމަލަކީ "މިސް އަންޑަސްޓޭޑިން" އެއް ކަމަށެވެ.

ޖޯޑަން އަށް ވަނީ މީގެ ކުރިން ވެސް ފުރައްސާރަ ކުރުމުގެ މައްސަލަ އާއި ކުރިމަތިލާން ޖެހިފަ އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައި ބާލިންގެ ޑިފެންޑަރަކު ޖޯޑަން އަށް ފުރައްސާރަ ކުރުމުން އޭނާ ވަނީ 50،000 ޔޫރޯ އިން ޖޫރިމަނާ ކޮށްފަ އެވެ.

ހޮންޑިއުރަސް އާއި ޖަރުމަނު ޖަޕާނުގައި ބައްދަލު ކުރި ރަހުމަތްތެރި ކަމުގެ މެޗަކީ މިއަންނަ ހަފްތާގައި ފެށޭ 2020 އޮލިމްޕިކްސް އަށް ތައްޔާރު ވުމުގެ ގޮތުން ކުޅުނު މެޗެކެވެ. މި މެޗު ހުއްޓާލި އިރު ދެޓީމު އޮތީ 1-1 ކުން އެއްވަރު ވެފަ އެވެ.

މިފަހަކަށް އައިސް ފުޓްބޯޅަ ތެރޭގައި ނަސްލީ ގޮތުން ކުޅުންތެރިން ތަފާތުކޮށް އެމީހުންނަށް ފުރައްސާރަ ކުރުން ވަނީ ވަރަށް ގިނަވެފަ އެވެ. އެގޮތުން ނިމިދިޔަ ޔޫރޯ 2020 ގައި އިންގްލެންޑުގެ ޕެނަލްޓީ ނާކާމިޔާބުވި ސާކާ، ސެންޗޯ އަދި ރަޝްފޯޑް އަށްވެސް ވަނީ ފުރައްސާރަ ކޮށްފަ އެވެ. އަދި ގޯލު ޖެހުމުގެ މައްސަލަ ދިމާވި ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާ އާއި އޭނާގެ އާއިލާއަށް ވެސް ގިނަ ސަޕޯޓަރުންތަކެއް ފުރައްސާރަ ކުރި އެވެ.