ވާހަކަ

ސިއްތާ

(13 ޖުލައި 2021 އާ ގުޅޭ)

ކުޑަދޮރު ލައްޕާލުމާއެކު ލައިޒަލް އައިސް އެނދު ކައިރީ މަޑުކޮށްލިއެވެ. އެނދުމަތީ އޮތް ފޯނު ގުދުވެލާފައި ނެގިއެވެ. އޭނާއަށް މެސެޖެއް އައިހެން ހީވެ ފޯނު ބަލަން ފެށިއެވެ. ގާބޫލުނުކުރެވިފައި ހުރި ލައިޒަލްގެ ލޮލުން ފާޅުވެލި ހައިރާންކަން އޮބި މަޑުމަޑުން ތުންފަތް ދެމިލައިފިއެވެ. ފޯނަށް ބަލަމުން އޭނާ އެނދުގައި އޮށޯވެ ހަމަޖެހިލިއެވެ. އެއްމިޔަކަނުން ހިނިއައިސްފަ އޮތް ގޮތުން އެ ސިކުނޑީގައި ދައުރުވަނީ ލާނެތް ޝުއޫރުތަކެއްކަން ގައިމެވެ. އިރުކޮޅަކު އެގޮތުގައި ފޯނަށް ގެއްލިފައި ލައިޒަލް އޮތެވެ. ދެން މަޑުމަޑުން މޭގައި ފޯނު ބާއްވާލިއެވެ.

"ތިދިނީ ސިގްނަލްއެއްތަ؟ ނޫނީ އަހަރެން ކަންތައް ކުރާނީ ކިހިނެއްތޯ ބަލަންވެގެން ކުރި ކަމެއްތަ؟." ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮވެ ލައިޒަލް ވާހަކަދެއްކިއެވެ. ދެން އޭނާގެ ހިނިތުންވުން ފުޅާވެލައިފިއެވެ. ދެތުންފަތުގެ ދޭތެރެއިން އެއްވަރަށް ހުރި ހުދު ދަތްތައް ފެނިލިއެވެ.

ހިތުގެ ލަގަން ދޫވީ ލައިޒަލް ނުވިސްނާ ހުއްޓައެވެ. ދުވާލުގެ އަލިކަމުގައި ވަނިކޮށް އޭނާ ވަރުގަދަ ސިހުރެއްގައި ޖެހުނީއެވެ. ދެ ލޯ ކަނުކޮށްލާ ފަދަ ނޫރާނީ ކަމެވެ. ހަމަލޮލަށް ޕަރީއެއް ފެނުމަކީ ނާދިރުކަމެކެވެ. އެއީ ހިޔާލީ ވާހަކައަކުން ނޫނީ ނުފެންނާނޭ މަޙުލޫގެކެވެ. ނަމަވެސް އާދަމުގެ ދަރިއަކަށް ފެނިއްޖެނަމަ ބުއްދި ގޯސްވާކަމުގައި ތުންތުންމަތިން ބުނާތީ އަހައިފަ ވެއެވެ. އެކަމުގައި ހުރީ ކިހާ ވަރެއްގެ ތެދެއްކަމެއް ނޭނގުނަސް ލައިޒަލްއަށް ވީ އެހެނެވެ. ބުއްދި ގޯސްވާ ހިސާބަށް ދިޔައީ ކުރިމަތިން ފާޅުވީ ހޫރުޕަރީއެއް ވީމައެވެ. އެކަމުގެ ސަބަބުން އޭނާގެ ކެތްތެރިކަން ގެއްލުނީކަން ލައިޒަލް ގަބޫލުކުރެއެވެ. ބުއްދި އިސްކުރެވި އޭނާގެ އާންމު ތަބީޢަތަށް ރުޖޫއަވާން ވަގުތުތަކެއް ނެގިއެވެ. މިހާރު އޭނާ އެހެރީ އެގޮތުގައެވެ. ކުރީން އޭނާގެ އެންމެހާ ހިއްސުތައް ހިސާރުކުރީ މޭގައި ތެޅިފޮޅެމުން އައި ހިތެވެ. ނަމަވެސް އެ ހިތަށް އޭނާގެ ނަފްސު އަޅުދާސް ކުރުމުގެ ބާރު ނެތި އެ ހިތުގެ ޖަޒުބާތުތައް ހިފެހެއްޓުމުގައި ލައިޒަލް ކުރި ހޯދައިފިއެވެ. އެހެންވިޔަސް ހިތުގެ މަގްސަދު ބަދަލެއް ނުވެއެވެ. އެ ބޭނުންވުމުގެ އަސަރު ފިލައި ނުދެއެވެ. ހާސިލުވުމުން ނޫނީ ހަޔާތުގައި އުފެދިފައިވި ހަނަފަސްކަމަށް ތެތްކަމާއި އާރޯކަމުގެ އަސަރު ވެރިއެއްނުވާނެއެވެ.

* * * * *

ކޮޓަރިން ނުކުތް އަންހެން ދަރިފުޅަށް ސަލީމާ ގޮވާލިއެވެ. މިރޭ ވެސް ނުނިދިގެންތޯ އަހާލީ އޭނާގެ ގާތުގައި އުޝާ އައިސް ހުއްޓިލުމުންނެވެ. އޭނާ އިނީ ހުޅުވާފައި ހުރި ބެލްކަނީގެ ދޮރާ ދިމާވާނޭހެން ހުރި އުނދޯލީގައެވެ.

"މަންމަ ނުނިދަންތަ؟." ދެ މީހުންނަށް އިށީނދެވޭނެހެން ހުރި އެ އުނދޯލީގައި ސަލީމާއާ ޖެހިގެން އުޝާ އިށީނެވެ.

"މިރޭ ކާރުގަ އެ އައީ ލައިޒަލްތަ؟" ސަލީމާ އަހާލިއެވެ. އުޝާ ލައްވާލީ ހޫންއެކެވެ. ރައްޓެހިކުއްޖަކާއެކު ބޭރަށް ގޮސްލާފައި އަންނަމޭ ބުނިއިރު އެ ރައްޓެއްސަކީ ލައިޒަލްކަމެއް އުޝާ ނުބުނެއެވެ.

"މީހަކާ އިންނާކަށް ދަރިފުޅު ނުވިސްނަންތަ؟" އަސްލު މައުލޫ ސަލީމާ ހާމަކޮށްލިއެވެ.

"ދެން މަންމާ، ތިހެން އަބަދު ނާހަބަލަ... ހިތަށް އަރުވާލާއިރަށް ވާކަމެއްނަމަ މިހާރު އަހަރެން ވެސް ހުންނާނީ އިނދެގެން. އެހެންނޫނަސް ބޮޑުދޮންބެ ވެސް އެއުޅެނީނު. ފުރަތަމަ އޭނާއެއްނު މިއާއިލާއިން މީހަކާ އިންނަންވީ. ދޮށީ ވެސް އޭނާ ވިއްޔާ." އުޝާ ބުނެލިއެވެ. އެއީ އޭނާ ސަމާލުކަން ދޭން ބޭނުންވާ ވާހަކަތަކެއް ނޫނެވެ.

"ބަލަ އުޝާ! އަންހެން ކުދީންނާއި ފިރިހެން ކުދީން ތަފާތޭ. އަންހެން ކުދީން އަވަހަށް ޒަވާޖީހަޔާތެއް ފެށުން ރަނގަޅީ. މަންމަ ހީކުރީ އަދުހަމްއާ ދެ ކުދީން ކައިވެންޏާ ހަމައަށް ދާނޭ."

"އަދުހަމްގެ ވާހަކަނުދައްކާ މަންމާ." އުޝާ ގަޔާނުވިކަން އޭނާގެ އަޑަށް އައި ބަދަލުން ވެސް ދޭހަވެއެވެ. އުނދޯލިން ފޫހިއްލާލަން އުޅުމުން އުޝާގެ އަތުގައި ސަލީމާ ހިފާލިއެވެ. އަލުން ބައިންދައިފިއެވެ.

"އެހެންއެވަނީ އުޝާއަށް ވެސް ވިސްނާނުލެވޭތީ، ރަނގަޅު ހަރުދަނާ ކުއްޖަކާ ގުޅިބަލަ." ސަލީމާ މިހެން ބުނިއިރު އެ ބުނާ ރަނގަޅު ކުއްޖެއްގެ ސޫރަ ލޯ ކުރިމަތީ ވާ ކަހަލައެވެ.

"ހަރުދަނާ ކަމަށް ފެނިގެން ރައްޓެހިވަނީ، ރަނގަޅު އާއިލާތަކުގެ، ވަޒީފާ އަދާކުރާ، ތަނަވަސްކަން ހުރި، މާލޭ ކުދީން... ދެން މަންމަ ތިބުނާ ރަނގަޅު ހަރުދަނާކަމެއް ބަލާނެގޮތެއް މަށަކަށް ނޭނގޭ." އުޝާ ސުވާލު އުފެދުނެވެ.

"ބަލާބަލަ ލައިޒަލް، ތީ ހާދަ ދުވަހެއްގެ އެކުވެރިކަމެކޭ، މަންމައަށް ވަރަށް ކަމުދޭ، ދަރިފުޅާމެދު ހާއްސަގޮތެއް ނެތްނަމަ އޭނާ އެހެން ނޫޅޭނެ."

"އަނެއްކާ އަނެއް ވާހަކަ. އަހަރެމެންނަކީ ފްރެންޑްސް އޭ ބުނީމެންނު." އުޝާއަށް ބުނެވުނެވެ.

"އެކުވެރީންވީމަ އަދި މާ ރަނގަޅެއްނު، އޭރުން އެކަކުއަނެކަކުގެ ގޮތް ބޮޑަށް އެނގޭނެ ދޯ. އިންނަންޏާ އިންނަންވީ ލައިޒަލް ކަހަލަ ކުއްޖަކާ. މަންމަ މީ އުޝާނަމަ، އަތްދަށުން އެ ފުރުސަތު ދާން ދޫކޮށެއްނުލާނަން. ތިހެން އެކުވެރިންނޭ ކިޔަކިޔާ ހުއްޓާ ލައިޒަލް ބައިވެރިއެއް ހިޔާރުނުކުރާ ކަމެއް ވެސް ނޭނގެ، އެކުވެރީންނަށްވުރެ ހުރިހާ ގޮތަކުން ވެސް ހަޔާތަށް އަންނަ ބައިވެރިޔާ މުހިންމުވާނެ. އޭރުން އޮންނާނީ އެކުވެރިކަން ދަމަހައްޓަން އުނދަގޫވެފަ." އަމިއްލަ ހަޔާތުގެ ހިތި އެ މާޒީގެ ތަޖުރިބާގައި ސަލީމާ ވާހަކަދެއްކިއެވެ.

ސަލީމާ ވާހަކަދައްކާ ނިމުނުއިރު ވެސް އުޝާ އިނީ ހިމޭނުންނެވެ. މަންމަ އެ ދެއްކި ވާހަކައާ މެދު އޭނާ ވިސްނަނީއެވެ. ލައިޒަލްއަކީ އޭނާގެ ވަރަށް ގާތް ރަހުމަތްތެރިއެކެވެ. ހިތުން ހާއްސަކަމެއް ދެވިފައިވާ ޒުވާނެކެވެ. ނަމަވެސް ސަލީމާ އެބުނާފަދަ ޝައުގުވެރިކަމެއް ލައިޒަލްގެ ފުށުން ދުވަހަކުވެސް ފެނިފައެއް ނެތެވެ. އުޝާއަށް އިސްނަގާކަށް ނުކެރޭނެއެވެ. ފިކުރުތަކުގައި ބަނދެފައި އުޝާ އިންދާ ސަލީމާ ތެދުވެއްޖެއެވެ. ވިސްނާލަން ނަސޭޙަތްތެރި ވަމުންނެވެ. އަދި ދަރިފުޅުގެ ބޮލުގައި އަތްބާއްވާލާފައި ނިދަން ދަނީ ކަމުގައި ސަލީމާ ބުންޏެވެ. އޭނާ ގޮސް ކޮޓަރިއަށް ވަންއިރު ވެސް އުޝާ އުނދޯލީގަ އިނީއެވެ.

* * * * *

ހުކުރު ދުވަހެވެ. އީހާންގެ އަތުން ފޯނު ދޫވާ ވަގުތެއް ނާދެއެވެ. އޭނާގެ ހުރިހާ ސަމާލުކަމެއް ފޯނަށް ދެވިފައި ވިއެވެ. އެހެންޏާ ނީރާ ކޮބާތޯ އޭނާ ބަލާނެއެވެ. ކޮންމެވެސް ޖެއްސުމެއް ކޮށްނުލެވޭނަމަ ހިތްހަމައެއް ނުޖެހޭނެއެވެ. މިއަދު އޭނާއަށް ނީރާ އުޅޭކަމުގެ ހިލަން ވެސް ނުވާ ކަހަލައެވެ. ކޮޓަރިއަކުން ވެސް އޭނާ ނުނިކުމެއެވެ. ލަމްހާ ހަޅޭފަޅޭ ޖަހައިގަނެގެން ހުކުރު ނަމާދަށް އީހާން ފޮނުވިއެވެ.

ރޭ އީހާން އައުމުން ފުރަތަމަ ފަހަރަށް ނީރާއަށް އުނދަގޫވެއްޖެއެވެ. ލައިޒަލްގެ ހިޔާލުތައް އޭނާ ނިންޖާ ދުރުކޮށްފިއެވެ. ނިދާފައި ހުރެ އީހާން އައިސް އޭނާގެ އެނދަށް އެރުމުން ނީރާއަކަށް މާގިނައިރަކު ނޯވެވުނެވެ. އީހާންގެ ފުށުން ދުވަހަކުވެސް ގޯނާއެއް ކުރިމަތިވެފައި ނެތަސް، އެއް އެނދުގައި ތިބެ އެހެން ފިރިހެނަކާމެދު ހިޔާލުކުރުން ނީރާއަށް ދަތިކަމަކަށްވީއެވެ. އޭނާ އެނދުން ފައިބައިގެން ކޮޓަރިން ނުކުތީއެވެ. ނިދުނީ ކިހިނެއް، ކޮންއިރަކު ކަމެއް އޭނާ ނުދެނަހުއްޓެވެ. ހޭލެވުނީ ލަމްހާ ގޮވީމައެވެ. އޮވެވުނީ ސިޓިންރޫމު ސޯފާގައެވެ. ރަޖާގަނޑު ދަމަމުން ގޮސް ކޮޓަރިއަށް ވަންއިރަކު އީހާނު ވެސް ހޭލައިފިކަން އެނގުނެވެ. އޭނާ ނީރާގެ ކޮޓަރިއަކު ނެތެވެ. ހޭލައިގެން އަމިއްލަ ކޮޓަރިއަށް ދިޔައީކަން ޔަގީންވަނީ އެހެންވެއެވެ.

އިރުއޮއްސެންވީއިރު އީހާނު ގެއަކު ވެސް ނެތެވެ. ވާހަކަ ހިފައިގެން އީހާން ނާންނާތީ ވެގެން އުޅޭ ގޮތެއް ނީރާއަކަށް ނޭނގެއެވެ. އެހެންވިޔަސް އޭނާއަށް ޔަގީންވަނީ ޝީންއާ ގުޅުމެއް އޮތްކަމެވެ. އީހާން ގޭގައި ނެތް ނަމަވެސް ނީރާއަށް ގުޅާފައި ކެފޭއަށް ދާން ތައްޔާރުވެގެން ހުރުމަށް އޭނާ އޮތީ ބުނެފައެވެ. ރޭގަނޑު ދިހައެއް ޖަހަންވާއިރަށް ނީރާ ތައްޔާރުވީ އެހެންވެގެންނެއް ނޫނެވެ. އޭނާ ބޭރަށް ދާހިތެއް ހަގީގަތުގައި ނެތެވެ. ނަމަވެސް ގޭގައި އޮތުމުން އެންމެންގެ ލޯތަކަށް ފޮރުވިހުރެ ލައިޒަލް ކުރާ ގޯނާތަކުން ސަލާމަތް ނުވެވޭނެކަން އެނގެނީއެވެ. އެ ހިޔާލުތަކާއި ދުރަށް ދާން ނީރާ އިނީ ބޭނުންވެފައެވެ. ދާނަމޭ ބުނެ އެއްބަސްވީ އެންމެ ބޮޑު ސަބަބަކީ އެޔެވެ.

"އެހާ ދަންވަންދެން ނޫޅެއްޗޭ. ބަލައިގެން އުޅެއްޗޭ..." ނީރާ ނުކުންނަން އައިއިރު އޭނާގެ ފަހަތުގައި ލަމްހާ ހުއްޓެވެ. ނީރާ ބޭރަށް ނުކުންނަންޏާ އެއީ ލަމްހާގެ އާދައެވެ.

"މަންމަ ނިދަން ވަންނަ ފަހުން ކަންނޭގެ އާދެވޭނީ." ބޫޓަށް އަރައި ހިންދެމިލުމަށްފަހު ނީރާ ބުންޏެވެ. ލިފްޓް ހުރި ދިމާއަށް ނީރާ ހިނގައިގަތުމުން ލަމްހާ ނުކުމެލިއެވެ. ލޮލަށް ނީރާ ގެއްލެންދެން ދޮރުމަތީ ލަމްހާ މަޑުކޮށްލައިގެން ހުއްޓެވެ.

"ހާދަ ތަތޭ." އިމާރާތުގެ އެންމެ ތިރީ ޕާކިން ސަރަހައްދުގައި އޮތް ކާރަށް ނީރާ އައިސް އެރުމާއެކު އީހާން ބުނެލިއެވެ. އޭރު ކުރީ ސީޓުގެ ދޮރުފަތް ނީރާ ހުޅުވާލީ ދެ ހިޔާލެއްގައި ހުރެއެވެ. ޝީން އިނދެފާނޭ ހީވާތީއެވެ.

"ޝީން ނުގެންދަންތަ؟" ނީރާއަށް އަހާލެވުނެވެ.

"އެއީ އަދި ތިއަށްވުރެ ތަތް މީހެއް." އީހާން ބުނެލިއެވެ. ނީރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"ތީގެ މާނައަކީ ޝީން ބައިވެރިވާނެއޭ ދޯ." ހިނިއައިސްފަ އިނދެ ނީރާ އަހާލިއެވެ. މަގަށް ކާރު ނެރި މަޑުކޮށްލި އީހާންގެ ނަޒަރު ނީރާއަށް ހުއްޓާލިއެވެ. އެއްލޯ މަރާލުމާއެކު އޭނާ ބޯޖަހާލީ ނީރާއާ އެއްބަސްވުމަށެވެ.

"ޔާނުއާ ރިދާ އެކޮޅުގަ އެބައުޅޭ، އެމީހުން ކައިރިއަށް ނީރާ ވައްޓާލާފަ މިކޮޅަށް އައިސް ޝީން ގޮވައިގެން ދާނަން. އޯކޭތަ." އީހާން ގަސްދުކޮށްފައި އޮތް ގޮތް ބުނެލިއެވެ. ނީރާ ބޯޖަހާލަމުން އެންމެ ރަނގަޅޭ ބުނެލިއެވެ.

* * * * *

އެންމެ ފަހުން ބޭއްވި "މޯލްޑިވިއަން އައިޑަލް"ގައި ވިދާލި އަންހެން ލަވަކިޔުންތެރިޔެއްގެ ރީތި ހިތްގައިމު އަޑު ކެފޭގެ ތެރޭގައި ވިއެވެ. ބޭންޑުގެ މިއުޒިކު އިތުރު ފުރިހަމަކަމެއް އެ އަޑަށް ގެނެސްދެއެވެ. ކެފޭގެ މޭޒުތައް މީހުންނާއިގެން ފުރިފައިވެއެވެ. ނީރާ ގޮވައިގެން އީހާން އެރީ ތަނުގެ މަތީ ފަންގިފިލާއަށެވެ. ޕްރައިވެޓް ކޮޓަރިތަކެއް ފަދައިން ހަދާފައި ހުރި ކަރޯކޭ ބޫތުތަކުން އެންމެ ބިއްދޮށުގައި ހުރި ކޮޓަރިއަށް އީހާން ވަނެވެ. އެތަނުގައި އެވަގުތު އިނީ ރިދާ އެކަންޏެވެ. ނީރާއާއި އީހާން ފެނުމާއެކު އެ މޫނު އުޖާލާ ވެއްޖެއެވެ. ދަތްދިލުވައި އިންތަނުން ރިދާ ތެދުވިއެވެ.

"މިއަންނަނީ އިނގޭ." ނީރާ ގާތު އީހާން ބުނެލިއެވެ.

"ޔާނު ކައިރިއަށްތަ އެދިޔައީ." ރިދާއަށް އަހާލެވުނެވެ.

"ހީވަނީ... ރިދާ ކިހިނެއްތަ؟" އީހާންގެ ސިއްރު ބޭޒާރުކޮށްނުލާންވެގެން ނީރާ ވާހަކަ ބަދަލުކޮށްލިއެވެ.

ދެ އަންހެން ކުދީން ވާހަކައިގަ ތިއްބާ އެތަނަށް ޔަމާނު އައެވެ. ނީރާ ފެންނައިރަށް "ޑޯލް"އޭ ގޮވާލައިފިއެވެ. ދެއަތް ފުޅާކޮށްލުމާއެކު އައިސް ނީރާއާ ކަރާކަރުޖައްސާ ސަލާމްކޮށްލައިފިއެވެ. ނީރާގެ ރީތިކަމަށް ތައުރީފުކޮށްލިއިރު އެތަނުގައި ޔަމާނުގެ ޒަމާންވީ ލޯބިވެރިޔާ އިނީ ހިނިއައިސްފައެވެ. އެ ގުރޫޕުގައި އެންމެ ހަގު މެންބަރަކީ ނީރާއެވެ. އެހެންވެ ހާއްސަ ލޯތްބެއް އެންމެންގެ ހިތުގައި ވެސް އޭނާގެ މައްޗަށް ވެއެވެ. ޔަމާނަށް އައި ފޯނުކޯލާއެކު އެނާ ބޭރަށް ނުކުތެވެ. ޝީން ގޮވައިގެން އީހާން އައިސް ވަނީ އެވަގުތެވެ. ރިދާން އިނީ އަޖައިބުވެ އަންތަރީސް ވެފައެވެ. ރައްޓެއްސަކަށް ނުވިޔަސް ޝީންއަކީ ކާކުކަން އޭނާއަށް ވެސް އެނގެއެވެ. ރާއްޖޭގެ އުދަރެހުގައި މަޝްހޫރުކަން ހޯދަމުން އަންނަ ޒުވާން އަލިގަދަ ތަރިއެއްވީމައެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގައި ނުހަނު މަގުބޫލުކަމެއް ހޯދާފައިވާތީއެވެ.

"އީ..ހާ..ން..." އަކުރުތަކަށް ދަމާލަމުން ރިދާ ގޮވާލިއެވެ.

ރަކި ހިނިތުންވުމަކާއެކު އީހާންގެ އަތުގައި ހިފާލައިގެން ޝީން ހުއްޓެވެ. އަންނާށޭ ބުނެ ނީރާ އަތުން އިޝާރާތްކޮށްލިއެވެ. އެހިނދު ނީރާއާއި ޖެހިގެން އިން ރިދާ ވެސް ދުރަށް ޖެހިލައިފިއެވެ. ބޭނުންވީ އެ ދެމީހުންގެ މެދުގައި ޝީން ބައިންދާށެވެ.

"މީ ރިދާ... ޔާނު ބިޓު." ތިން އަންހެން ކުދީންގެ ކުރިމަތީ ހުރެ އީހާން ބުނެލިއެވެ.

"ޝީން... އަސްލު ނަންތަ އެއީ؟" ރިދާގެ "އޮންޓްރޮގޭޝަން" ފެށިއެވެ. ނީރާ ހީނގަތް އިރު އޭނާގެ ހުނުން ބާރެވެ. ރިދާގެ ގޮތް ރަނގަޅަށް އެނގޭތީއެވެ. ނަމަވެސް އެ ހިނިތުން ފަނޑުވީ ހަނދާނަށް ސޫޒަން އައުމުނެވެ. އެމީހުންނަށް ތައާރަފްކޮށްދޭން ސޫޒަން ގޮވައިގެން އީހާން އައި ދުވަހު ވެސް ރިދާ އުޅުނީ ހަމަ އެހެންނެވެ.

"ގާއިޒް..." ދޮރުހުޅުވާލައި އެތެރެއަށް ވަން ޔަމާނު ގޮވާލިއެވެ. ހީވީ އެންމެންގެ ސަމާލުކަން ހޯދުމަށް ގޮވާލި ހެންނެވެ. އެހެންވެ އެ ދިމާއަށް އެންމެން ބަލާލީ އެކުއެކީގައެވެ. ނަމަވެސް ނީރާގެ ވައިނޮޅީގަ މީހަކު ހިފެހެއްޓި ކަހަލައެވެ. ނޭވާލާން ދަތިވެ މީހާ ހުއްޓުން އަރާފައި އިނދެވުނެވެ. އެ ހިޔާލުތަކަކާއި ދުރުވުމަށް އޭނާ ބޭނުންވިއިރު ހިތާއި ސިކުނޑީގައި ބިންވަޅު ނެގެމުން އައި ސޫރަ އެހެރީ ސީދާ ނީރާގެ ކުރިމަތީގައެވެ. އެ ތޫނު ބެލުން ނީރާއަށް އަމާޒުވެލި ހިނދު ހިތުގެ ތެޅުން ބަދަލުވެލައިފިއެވެ.

"ލައިޒަލް... މީޓް ދި ކްރައުޑް، މައި ބޭބީ... އީހާން، އޭނާގެ ނިއު ގާލް... ދެން އޭނީ އަހަރެމެންގެ ޑޯލް." އެންމެންގެ ތައާރަފެއް ޔަމާނު ދިނެވެ. ކޮޅަށް ހުރި އީހާނާއި ލައިޒަލް ސަލާމެއްގެ ގޮތުގައި ބޮލުން އިޝަރާތެއް ކޮށްލިއެވެ.

ޝީންގެ އަތުގައި ހިފާލުމާއެކު ރިދާއާއި ނީރާގެ މެދުން އޭނާ ނަގައިގެން ގެނެސް އީހާންގެ ގާތުގައި ބޭންދިއެވެ. ޔަމާނު އިށީނީ ރިދާގެ ކައިރީއެވެ. އެއްފަރާތުގައި އެކަނިވެފައި އިން ނީރާގެ ކައިރީ ލައިޒަލް އިށީނީ ޔަމާނު އިށީންނާށޭ ގޮވާލީމައެވެ. އެތަނުގައި ވަށައިގެން އިށީނދެވޭނެ ގޮތަށް ހުރިއިރު ލައިޒަލްއަށް ދުރުގައި އިށީނދެވުނީހެވެ. އެކަން ނީރާއަށް ފާހަގަވިއެވެ. މަޑުމަޑުން އިސްޖަހާލެވުމާއެކު ނީރާ ފިނިވެއްޖެއެވެ. އެންމެން ބޭނުންވާ އެއްޗިއްސަށް އޯޑަރުދޭން ފެށީ ދެނެވެ. އެކަމުގައި ޔަމާނާއި އީހާން އިސްވެ އުޅުނެވެ.

"އުޝާ ކީއްވެތަ ނައީ؟ ނުވެސް ބުނޭ ނާދެވޭނެއެކޭ..." ޔަމާނު ބުނެލިއެވެ.

"ފެމެލީ ކަމެއް ޖެހުނީ." ލައިޒަލް ބުނެލިއެވެ. އެ އަޑު އިވުމުން އިސް އޮބާލައިގެން އިން ނީރާއަށް ތިރީ ތުންފަތުގައި ދަތްއަޅާލެވިއްޖެއެވެ. ނޭފަތުގައި ހަރުލާފައިވީ ލައިޒަލްގެ ގައިން ދުވާ ފިރިހެންވަންތަ ވަހެވެ. އެއީ ކޮން ސެންޓެއްގެ ވަސްކަން ނޭނގުނަސް ހިއްސުތަކަށް ބާރުފޯރުވާ ފަދަ ލުއިލުއި މީރު ވަހެކެވެ. ކުއްލިއަކަށް ސިހިފައި ކަހަލަ ގޮތަކަށް ނީރާއަށް ބަލާލެވުނީ އޭނާގެ އަތުގައި ލައިޒަލްގެ އަތް ބީހިލީމައެވެ. ކުރީން ރޭގެ މަތިން ހަނދާން އާކުރުވި އިޝާރާތަކަށް ވިއެވެ. ގަސްދުގައި ލައިޒަލް ކުރިކަމެކޭ މިފަހަރު ވެސް ނީރާގެ ހިތާއި ޟަމީރު އެއްބަސްވިއެވެ.

"ބްރީތް... ބިއުޓިފުލް..." މޫނު ކައިރިކޮށްލުމާއެކު ސިއްރެއް ބުނެލި ފަދައިން ލައިޒަލް ބުންޏެވެ. އަދި އޭނާ ބުނި ބަސްތައް އަތުގެ އިޝާރާތުން ދައްކާލިއެވެ. ބޭއިޚްތިޔާރުގައި މޫނު ރަތްވެގެން އައިކަމުގެ ހޫނުކަމެއް ނީރާއަށް އިހްސާސް ކުރެވުނެވެ. އެހިނދު ލައިޒަލްގެ ތުންފަތް ހަރަކާތްކޮށްލިއެވެ. ހިނިތުންވެލަން އުޅުނު ފަދައިންނެވެ. ނަމަވެސް ބޭރަށް ފާޅެއްނުވިއެވެ. އޭނާ އެތެރެއެތެރެއިން ހީނލީ ފަދައެވެ. ނީރާއަށް އެ ބަދަލުތައް ގެނުވީ ގާތުން އެ ފިރިހެންވަންތަ އަޑު އިވިގެންކަމެއް ލައިޒަލް ނުދެނަހުއްޓެވެ. (ނުނިމޭ)