ހަނިމާދޫ

ހަނިމާދޫ މަގުތަކުގައި ތާރުއެޅުމުގެ މަޝްރޫއު ފަށައިފި

Jul 18, 2021
2

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ހދ. ހަނިމާދޫ މަގުތަކުގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް މިއަދު ފައްޓަވައިދެއްވައިފި އެވެ.

މި މަސައްކަތް ރައީސް ފައްޓަވައި ދެއްވީ ތާރު އެޅުމަށް ހަމަޖެހިފައިވާ މަގެއްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ހަނިމާދޫ މަގުހެދުމުގެ މަޝްރޫއުގެ ދަށުން 20 މަގެއްގެ 44،000 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރުއެޅާނެ އެވެ.

އަދި ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމުގެ އިތުރުން މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެ އެވެ. މިމަޝްރޫއަކީ 71.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީގެ ތާރީހުގައި އެންމެ ގިނަ މަޝްރޫއު ނިންމާ ހަވާލުކުރެވުނީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ކަމަށެވެ. އެ ކުންފުނީގެ މަސައްކަތްތައް ބައްޓަންކުރަމުން އަންނަނީ ސީދާ ރައީސް ސޯލިހުގެ އިރުޝާދުގެ ދަށުން ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ސޯލިހް ހަނިމާދޫ އަށް ވަޑައިގެން މިއުޅުއްވަނީ ހދ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅެއްގަ އެވެ.