ހަބަރު

އެކްސިޑެންޓްވި ޒުވާނާގެ ހާލު ވަރަށް ސީރިއަސް: ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

އައްޑޫގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާގެ ހާލު ވަރަށް ސީރިއަސް ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

ބާރު ސްޕީޑުގައި ދުއްވާފައި ގޮސް ސައިކަލް ކޮންޓްރޯލުން ވެއްޓިގެން ހިނގި އެކްސިޑެންޓްގައި ޒަހަމްތަކެއް ލިބިފައިވަނީ ސ. ހިތަދޫ ޓިނުޖެހިގޭ، ނަވާލް މުހައްމަދު، 17، އަށެވެ.

"އަވަސް" އަށް މައުލޫމާތުދެއްވަމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޕަބްލިކް ރިލޭޝަންސް އޮފިސާ އަލީ މޫސާ ވިދާޅުވީ، އެކްސިޑެންޓެއްގައި އަނިޔާވި ނަވާލުގެ ބޮލުގެ ނާށިގަނޑުގެ ބޮޑު ބައެއް ފަޅައިގެން ގޮސްފައިވާ ކަމަށާއި އޭނާ އަށް މި ވަގުތު އެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށެވެ.

އަލީ ވިދާޅުވި ގޮތުގައި އެ ކުއްޖާ މާލެ ގެންދަން ހޮސްޕިޓަލުން ވަނީ ހުރިހާ އިންތިޒާމެއް ހަމަޖައްސާފަ އެވެ. އާސަންދައިގެ ދަށުން ފަރުވާއަށް ބޭނުންވާ ހުރިހާ ކަމެއް ހަމަޖެހިފައިވީ ނަމަވެސް އެންމެ ފަހުން ހެދި ޓެސްޓުތަކުން ދަތުރު ކުރެވޭވަރަށް ވުރެ ނަވާލްގެ ހާލު ދައްކަމަށް ފެންނާތީ އޭނާ އަދިވެސް އޮތީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ބާއްވާފަައި ކަމަށެވެ.

"އިންތިޒާރުކޮށްގެން މި ތިބީ ކުއްޖާގެ ހާލު ކުޑަކޮށް ވެސް ހަމަޔަކަށް އެޅެން ދެން. އެ ނޫން ގޮތަކަށް މާލެ ގެންދެވޭކަށް ނެތް. މާލެ ގެންދިޔުމުގެ ހުރިހާ ކަމެއް ނިމިފަ މިހާރު ވަނީ. އައިޖީއެމްއެޗާ ވެސް ވާހަކަ ދައްކާފަ ހުރިހާ ކަމެއް ނިމިއްޖެ. އެކަމަކު ފްލައިޓަށް އެރުވުމަކީ ވަރަށް ބޮޑު ރިސްކެއް ކަމަށް ޑޮކްޓަރުން އަދިވެސް ބުނަނީ. އެކުއްޖާގެ ހާލު އެއަށްވުރެ މާ ސީރިއަސް،" އަލީ ވިދާޅުވި އެވެ.

ހިތަދޫ ބޮޑު މަގުގައި މިއަދު ހިނގި މި އެކްސިޑެންޓުގައި ދެންވެސް އަނިޔާވެފައިވަނީ ކުޑަ ކުއްޖަކަށެވެ. އެއީ އުމުރުން 14 އަހަރުގެ ފިރިހެންކުއްޖެކެވެ. އެކުއްޖާ އަކީ ނަވާލްގެ ސައިކަލުގެ ފަހަތުގައި އިން ކުއްޖާ އެވެ. ނަމަވެސް އޭނާއަށް މާ ސީރިއަސް ޒަހަމްތަކެއް ނުލިބެ އެވެ.