ކުޅިވަރު

ޕަރްމާގެ ސުޕަމޭން އެނބުރި އައުން

ޕަރްމާގެ ސުޕަމޭން އެނބުރި އައުން ތަފާތު ގޮތަކަށް އެޓީމުގެ ޓްވިޓާގައި ދައްކާލައިފި އެވެ.

އިޓަލީގެ ފުޓްބޯޅަ ލެޖެންޑް ބުފަން 20 އަހަރަށް ފަހު އޭނާ ފުރަތަމަ ކްލަބް ފުޓްބޯޅަ ފެށި ޕަރްމާ އަށް އެނބުރި ދިއުމުން އެކްލަބުން ވަނީ ވީޑިއޯ ޑޮކިއުމެންޓަރީ އަކުން އެކަން އިއުލާނު ކޮށްފަ އެވެ.

މި ވީޑިއޯގައި ފެންނަނީ ކަޅު ކުލައިގެ ހުޑީއެއް އަޅައިގެން ހުރި މީހަކު ފަކީރާއެއް ހިފައިގެން ޕަރްމާގެ ސްޓޭޑިއަމްއަށް ވަދެ ގޯލު ތެރެ ކޮންނަ މަންޒަރެވެ. އަދި އެތަން ކޮނުމަށް ފަހު ނަގާ ފޮށީގައި އޮންނަނީ ސުޕަމޭން ކިޓަކާއި ބުފަންގެ ޕަރްމާ ޖާޒީ އެވެ. ޖާޒީ މަތީގައި ބުފަން ޕަރްމާއަށް ކުޅުނު އިރުގެ ފޮޓޯތަކެއް ހުއްޓެވެ. ސުޕަމޭން ރިޓާންސް ހޭޝްޓެގް ބޭނުންކޮށް، މި ވީޑިއޯ އާއެކު ބުފަން ޓެގްކޮށް އޭނާ ނިސްބަތްވާ ތަނަށް އެނބުރި އައިސްފައިވާ ކަމަށް ލިޔެފައިވެ އެވެ.

އުމުރުން 43 އަހަރުގެ ބުފަން ޕަރްމާއަށް ބަދަލުވީ ފްރީ ޓްރާންސްފާ އެއްގަ އެވެ. އެންމެ ފުރަތަމަ ޕަރްމާ އިން ވިދާލުމަށް ފަހު އޭނާ ބަދަލުވީ އިޓަލީގެ ޔުވެންޓަސް އަށެވެ. ޔުވެންޓަސް އަށް ބުފަން ވަނީ 20 އަހަރު ކުޅެދީފަ އެވެ. އޭގެ ތެރެއިން 12 މަސް ދުވަސް ވަންދެން 2018-19 ސީޒަންގައި ބުފަން ފްރާންސްގެ ޕީއެސްޖީ އަށް ކުޅުނެވެ.