އެމްޑީޕީއަށް ކޮންމެ ފަހަރަކުވެސް ރިޔާސީ އިންތިހާބް ކާމިޔާބުކުރެވުނީ ހަރުކަށި ފިކުރުގެ މީހުންގެ ވޯޓާއެކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެމްޑީޕީއަށް 2013 ވަނަ އަހަރާއި 2018 ވަނަ އަހަރު ވެސް އިންތިހާބް ކާމިޔާބު ކުރެވުނީ ހަރުކަށި ފިކުރުގެ މީހުންގެ ވޯޓާ އެކު ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ގޮތުން އެ މީހުންގެ ވޯޓު އިންތިހާބު ކާމިޔާބުކުރަން މުހިއްމު ކަމަށެވެ.
އެކަމަކު "ހަރުކަށި ފިކުރުގެ" ބަޔަކީ ކޮން ބައެއް ކަމެއް ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް ބެލެވޭ ގޮތުގައި ރައީސް ނަޝީދު އެ އިޝާރާތް ކުރައްވަނީ އަދާލަތު ޕާޓީ އަށެވެ. އެމްޑީޕީން 2008 އަދި 2018 ވަނަ އަހަރުވެސް އިންތިހާބް ކާމިޔާބު ކުރިއިރު އަދާލަތު ޕާޓީ އޮތީ އެމްޑީޕީ ކޯލިޝަންގަ އެވެ.
ރައީސް ނަޝީދު އިއްޔެ ނެރުއްވި ބަޔާނުގައި ވިދާޅުވީ ކޯލިޝަން ސަރުކާރަކުން ވެރިކަމަށް އައި ނަމަވެސް އަދާލަތު ޕާޓީން ސަރުކާރު ހިސޯރުކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރުން ސްޕޮންސާ ކޮށްގެން ހުށަހެޅި "ހިސާން ބިލް"އަށް ސަރުކާރުން ތާއިދުކުުރުން ހުއްޓާލީވެސް އަދާލަތުގެ ނުފޫޒުން ކަމަށް ނަޝީދު ތުހުމަތުކުރައްވަ އެވެ.
ހަރުކަށި ފިކުރުގެ މީހުންގެ ވޯޓާއެކު އެމްޑީޕީން އިންތިހާބު ކާމިޔާބުކުރި ނަމަވެސް އެމީހުންގެ ސަބަބުން ގައުމުގެ ހާލަތު ނުރައްކަލަށް ވެއްޓިދާނެ ކަމަށް ރައީސް ނަޝީދު ލަފާކުރައްވަ އެވެ.
"ބައްލަަވާ އަފްގާނިސްތާން މިހާރު އޮތް ހާލަތު" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ރައީސް ސޯލިހާ އެއްވެސް ދުޝްމަންކަމެއް ނެތް ކަމަށެވެ. އަދި އެމްޑީޕީ ބައިބައިވެގެން ދާން ބޭނުން ނުވާ ކަމަށެވެ.
"އަޅުގަނޑު ހުރިހާ ދުވަހަކު ޕާޓީ ބައިބައި ވިޔަކަ ނުދޭނަން. އަދި މެދުމިނުގެ އުސޫލު ގެންގުޅޭ އެންމެން އެއް ޕްލެޓްފޯމަކަށް އަރަން ޖެހޭ. އޭގައި ޕީޕީއެމްވެސް ހިމެނިދާނެ" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ތަރުޖަމާނު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއާ ހަވާލާދީ "ދަ ހިންދޫ" އިން ބުނީ އެމްޑީޕީ ބައިބައިވުމުގެ ފުުރުސަތެއް އަދި ނެތް ކަމަށެވެ. ނަމަވެސް ޕާޓީއަށް ގޮންޖެހުންތައް ހުރިކަމަށް އޭނާ އެއްބަސްވެފައިވެ އެވެ. އަދި ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުންދާ ކަމަކަށް އިމްތިޔާޒަށް ގަބޫލެއް ނުކުރެއްވެ އެވެ.