ޕީއެސްއެމް

ދައުލަތުގެ މީޑިއާގެ ހަރަދު ކުޑަކުރަން މުވައްޒަފުން ވަކިކުރަނީ

ދައުލަތުގެ ފައިސާއިން ހިންގާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ހަދަރު ކުޑަކުރުމަށް މުވައްޒަފުންގެ އަދަދު މަދުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ޕީއެސްއެމްގެ މެނޭޖިން ޑައިރެކްޓަރު އަލީ ހާލިދު އަވަސް އަށް ވިދާޅުވީ މުވައްޒަފުންގެ އަދަދު މަދުކުރަން ކުންފުނިން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އަމަލީ މަސައްކަތް އަދި ފަށާފައި ނުވާ ކަމަށެވެ. މުވައްޒަފުން މަދު ކުރަނީ ހަރަދު ކުޑަކުރުމުގެ ގޮތުން ކަމަށް ވެސް ވިދާޅުވި އެވެ.

އަލީ ވިދާޅުވީ ހަރަދު ކުޑަކޮށް އަދި މުވައްޒަފުން މިހާރަށް ވުރެ މަދުކޮށް ދައުލަތުގެ މީޑިއާ ހިންގާނެ ގޮތުގެ ސްޓްރަކްޗާއެއް ތިން ފަހަރެއްގެ މަތިން އެކުލަވާލާފައިވާނެ ކަމަށެވެ. އޭރުން ގާތްގަނޑަކަށް 360 މުވައްޒަފުންނަށް ކުންފުނީގެ މުވައްޒަފުންގެ އަދަދު މަދުކުރެވޭނެ އެވެ.

"ހަރަދު ކުޑަކުރުމުގެ ގޮތުން ވަރަށް ގިނަ މަސައްކަތްތައް ކުރަމުން ދަނީ. މިހާރު ޕީއެސްއެމް ހިންގަމުންދާ އިމާރާތުގެ ގޯތި ތެރޭގައި އިތުރު އިމާރާތެއް އަޅައި ހުރިހާ މުވައްޒަފުން އެއް އިމާރާތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަން ވަނީ ނިންމާފައި." އަލީ ހާލިދު ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވިއިރު ފީއެސްއެމްގައި 500 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރި އެވެ. އެކަމަކު ހަރަދު ކުޑަކުރުމަށް މިހާރު ވެސް އެ ކުންފުނިން ވަނީ ބައެއް މުވައްޒަފުން ވަކިކޮށްފަ އެވެ.

ޕީއެސްއެމްގައި މިހާރު މަސައްކަތް ކުރާ މުވައްޒަފުންގެ ޖުމްލަ އަދަދު ވަނީ ސާފުވާ ގޮތް ނުވެފަ އެވެ. އެކަމަކު އެ ކުންފުނީގައި މިހާރުވެސް 400 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ ކަމަށް ކުންފުނީގެ ދުވަސްވީ ބައެއް މުވައްޒަފުން ނަން ނުޖެހުމަށް ޝަރުތުކޮށް ބުނެފައިވެ އެވެ.