ޕީއެސްއެމް

ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޒަން މަޝްރޫއު އިފްތިތާހްކޮށްފި

Mar 29, 2022
1

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، "ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޒަން ބްރޯޑްކާސްޓިން ނެޓްވާކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" އިފްތިތާހްކޮށްދެއްވައިފި އެވެ.

ރައީސް ސޯލިހް މިމަޝްރޫއު އިފްތިތާހްކޮށްދެއްވާފައި ވަނީ މިކަމަށްޓަކައި މިއަދު ހަވީރު ޕީއެސްއެމްގެ ޓެލެވިޒަން މޯލްޑިވްސް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޒަން ބްރޯޑްކާސްޓިން ނެޓްވާކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި އަހަރުގެ ފެބްރުއަރީ މަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދެވޭނީ ރާއްޖޭގައި ޑިޓިޓަލް ޓީވީ ނެޓްވާކެއް ގާއިމުކުރުމުގެ މަސައްކަތެވެ.

އެގޮތުން 2024 ވަނަ އަހަރުގެ ތެރޭގައި ނިންމުމަށް މަސައްކަތްކުރަމުންދާ މި މަޝްރޫއު ނިމޭއިރު ހައި ޑެފިނިޝަން ކޮލިޓީގައި ލޯކަލް 8 ޗެނަލް މުޅިން ހިލޭ ރާއްޖޭގެ އާބާދީގެ 90 އިންސައްތަ ސަރަހައްދަށް ފޯރުކޮށްދެވޭނެ އެވެ.

ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޒަން ބްރޯޑްކާސްޓިން ނެޓްވާކަކީ ވަރަށް ގިނަ، ތަފާތު ހިދުމަތްތަކެއް ފޯރުކޮށްދޭ ވިއުގަ އެކެވެ. މީގެ އެންމެ މުހިއްމު ކަމަކީ ގުދުރަތީ ކާރިސާއެއް ދިމާވާ ހާލަތެއްގައި މި ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ދުރާލާ އިންޒާރުދޭ ނިޒާމެއް ގާއިމުކުރެވިގެންދާ ކަމެވެ.

މި ރަސްމިއްޔާތުގައި ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެސް ވަނީ ބައިވެރިވެވަޑައިގެންނެވި އެވެ.

ޓީވީއެމްގެ ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޒަން މަޝްރޫއު އިފްތިތާހްކޮށްފައި މިވަނީ ފާހަގަކުރަމުންދާ ޓީވީއެމްގެ 44 ވަނަ އަހަރީ ދުވަހާ ގުޅުވައިގެންނެވެ.