ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"ޕީއެސްއެމަށް އެއްވެސް ނުފޫޒެއް ނުފޯރުވާނަން"

ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި ރައްޔިތުން އިތުބާރު ކުރާ މީޑިއާ އަކަށް ހައްދަވައިދެއްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑުގެ 56 ވަނަ އަހަރީ ދުވަހާ ގުޅިގެން ރައީސް ސޯލިހު ދެއްވި ހިތޯބުގައި ވިދާޅުވެފައިވަނީ، މިދިޔަ އަހަރު ތަކުގެ ތެރޭގައި ޕީއެސްއެމްގެ ޗެންލްތަށް ހިންގާފައިވާ ގޮތުން ރައްޔިތުންގެ ފާޑު ކިޔުން އަމާޒުވެފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުގައި ޕީއެސްއެމް އަށް އެއްވެސް ކަހަލަ ނުފޫޒެއް ނުފޯރުވައި މިނިވަންކަމާއި ހަމަހަމަކަމާ އެކު ހަބަރާއި މައުލޫމާތު ގެނެސްދިނުމުގެ ފުރުސަތު ދައުލަތުގެ މީޑިއާއަށް ދެއްވާނެ ކަމަށެވެ.

ކޮންމެ މިނިވަންކަމާއެކު ޒިންމާތަކެއް އަންނަށްކަން ހަދާންކޮށްދެއްވާ ރައީސް ވިދާޅުވީ، ނޫސްވެރިން ވެސް މިނިވަންކަމާ އެކު ތިބެ ތެދު މައުލޫމާތު ގެނެސްދެއްވުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ނޫސްވެރިން ކުރާ މަސައްކަތުގެ ސަބަބުން މި ސަރުކާރުން ނޫސްވެރިން ގެންގޮސް ބަންދުނުކުރާނެ ކަމަށާއި ނޫސްވެރިންނަށް އެ މީހުންގެ މަސައްކަތް ކުރުމަށް ފުރުސަތު ދެއްވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރަށް ފާޑުކީ ނަމަވެސް އެމަނިކުފާނު ކަންބޮޑުވެ ވަޑައިނުގަންނަވާ ކަމަށާއި ނޫސްވެރިން އެ މީހުންގެ ޒިންމާ އަދާކޮށްގެން ބިރު ގަންނަނީ ކަންކަން ގޯސްކޮށްކޮށް އެކަންކަން ފޮރުވަން ބޭނުންވާ ސަރުކާރުތަކުން ކަމަށެވެ. ސިޔާސީ މީހުންނަށް ވީތީ، ޒާތީ ދިރިއުޅުމަކީ ވަރަށް ކުޑަކޮށް އޮންނަ އެއްޗެއް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ނޫސްވެރިން ސިޔާސީ މީހުންނަށް ފާޑުކިޔާނެކަން ކޮންމެ ސިޔާސީ މީހަކު ވެސް ގަބޫލު ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.