ވާހަކަ

ވީމޭ ކަލާޔާނުލާ

(16 ޖުލައި 2021އާ ގުޅޭ)

"ޖަވާބު ދީބަލަ! ބުނެބަލަ! އަޅެ ކީއްވެތަ އަހަރެންނަށް އެވަރުގެ ކަމެއް ސިއްރު ކުރީ؟" ލިވިޔާގެ ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް އެކީއެކައްޗަކަށް އޭނާގެ ކޯތާފަތް މައްޗަށް ފައިބައިގަތެވެ. އެއްވެސް އެއްޗެއް ނުބުނެ ޝަހުރަށް ބަލަން ހުރެވުނީ ލިވިޔާ އަށެވެ. ދޭނެ ޖަވާބެއް ޝަހުރުގެ އަތުގައި ނެތް ކަހަލައެވެ.

"ލިވީ. ލިވީއަށް ވެސް އެނގެއެއްނު؟ އަހަރެމެންގެ ކައިވެންޏަކީ އަހަރެންގެ ޢާއިލާއާ ދެކޮޅަށް އަހަރެން ކުރި ކަމެއް ކަން. އެއީ އަހަރެންގެ ޙަޔާތުން ލިވީ ބީވުމަށް ނޭދޭތީ. އަހަރެންނަށް ދުވަހަކަވެސް އެކަމަށް ރުހެވޭކަށް ނެތް. އަހަރެންގެ ހިތުގަ އޮތް ބިރަކީ އަހަރެންނަށް ލިވީ ގެއްލުން. އެކަން ވިޔަ ނުދޭން އަހަރެން މަސައްކަތް ކުރީ. އައިމް ރިއަލީ ސޮރީ.." ޝަހުރުގެ ދޫ އޭނާ ހަރަކާތް ކޮށްލީ މަޑުމައިތިރި ކަމާ އެކުގައި، އަދި އެހާމެ ހިމޭން ރާގެއްގައެވެ.

"މަންމަ މިހާރު ރަނގަޅޭ! ލިވީ އެކަމާ ނުވިސްނާ! ޕްލީޒްް! އަދި އަހަރެން ޢާއިލާގެ ލޯތްބާއި ރުހުން އަހަރެމެންގެ މި ގުޅުމަށް ކޮންމެވެސް ދުވަހަކުން ލިބޭނޭ. ކޮންމެ ކަމެއް، ކޮންމެ ގޮތަކަށް ވިޔަސް އަހަރެން ލިވީ ދޫކޮށް ނުލާނަން! އަހަރެންނަށް ލިވީއާ ނުލާ އުޅޭކަށް ނޭނގޭނެ." މަޑުމަޑުން ލިވިޔާއާ ގާތް ވެލަމުން، ލިވިޔާގެ ލޮލުން ފައިބަމުންދާ ކަރުނަތައް ޝަހުުރުގެ އަތުގެ ނުފުށުން ފޮހެލަ ދިނެވެ. އަދި އެޔަށްފަހު، ޝަހުރުގެ ދެއަތުން ލިވިޔާގެ ހަށިގަނޑު ވަށައިލައި، ވަރަށް ލޯބިން ލިވިޔާގެ ހަށިގަނޑުގައި ބައްދައިލިއެވެ.

މެންދުރު 2 ޖަހަން ވެފައި ވަނިކޮށް ހުސްނާ ހޮސްޕިޓަލުން ދޫކޮށްލިއެވެ. ހުސްނާއާ އެކުގައި ޝީލާ އާއި ޒަކްވާން ވެސް ގެޔަށް ދިޔައެވެ. އެމީހުންނާ އެކު ހުރި މަންސޫރުގެ ޙާލު ހުސްނާ އަށް ވުރެ ހީވަނީ ބޮޑުހެންނެވެ. އެކި ޚިޔާލު ތަކާއި ފިކުރުތަކުން މަންސޫރުގެ ސިކުނޑި ވަނީ ފުރިފައެވެ. ހަދާނެ ނުހަދާނެ ގޮތެއް އޭނާއަކަށް ނޭނގެއެވެ. ހުސްނާ ހޮސްޕިޓަލުން ނުކުތް ގޮތަށް، ފުރަތަމަ ވެސް އެހީ ޝަހުރުގެ ވާހަކައެވެ. ޝަހުރު އެތަނުގައި ނެތުމުން އެތައް ޝަކުވާ އެއް ކުރިއެވެ. ނަމަވެސް އެ ޝަކުވާ ތަކުގައި މަތި ޖަހައިލީ، ހަދަން ބޭނުން ނުވި ނަމަވެސް ދޮގު ހަދައިގެންނެވެ. ހޮސްޕިޓަލުން ނުކުތް ދޮރުން ހުސްނާ އަނެއްކާ ވެސް އެތަނަށް ވައްދަން ނޭދޭތީއެވެ.

"ކޮބާ؟ ނެތެއްނު ޝަހުރެއް! ގައިމު މަންސޫރު ބުނި ޝަހުރުވީ ގޭގައޭ؟ ކޮބާތަ އަހަރެންގެ ދަރިފުޅު؟ ޝަހުރު.." ގެއަށް ވަދެވުމާ އެކު ހުސްނާ އެކި ކޮޓަރި ތަކުގެ ދޮރު ހުޅުވަމުން ވާހަކަދައްކަމުން ދިޔައެވެ. މަންސޫރާ އެކުގައި އޭނާގެ ގާތުގައި ތިބި ދެ ދަރިންނަށް ވެސް ދޫކޮށްލެވުނީ މާނޭވާ އެކެވެ. މަންމަގެ ފަރާތުން ފެންނަމުން ދިޔައީ އެމީހުން ހީކޮށްގެން ހުރި ފަދަ އުޅުމެއް ނޫނެެވެ. މިވަރުން ދާނަމަ، ހުސްނާގެ ޙާލަތު މުޅިން ގޯސް ވެދާނެ ކަމުގެ ބިރު މަންސޫރާ އާއި އޭނާގެ ދަރިންގެ އޮވެއެވެ.

"ކޮބާހޭ އަހަރެންގެ ދަރިފުޅު؟ ބުނާށޭ! މަންސޫރު.." ހުސްނާ ހަރުކޮށް ހިނގާފައި ގޮސް ހުއްޓުނީ ސީދާ މަންސޫރުގެ ކުރިމަތީގައެވެ. އޭނާގެ ދެލޮލުގެ ކަޅި ލޮލުގެ އެއް މިޔަކަނުން ގެއްލުވާލައިފައި، ހުސްނާ އަނެއްކާ ވެސް ސުވާލު ތަކުރާރު ކޮށްލީ ޝަހުރު ކޮބައިތޯ އަހައިލަމުންނެވެ.

"އަހަރެންގެ ދަރިފުޅު އަހަރެން ދޫކޮށް ދިޔައީތަ؟ ހަމަ ދިޔައީ ދޯ؟" ހުސްނާގެ އަޑު ހީވީ ގޭނިގެން ދިޔަހެންނެވެ. މޫނުމަތިން ވަގުތުން ފައުޅުވެގެން ދިޔައީ އިންތިހާއަށް ގިލަންވެރިކަމެވެ.

"ނޫން! ނޫން!" ހުސްނާއާ ގާތްވެލަމުން ޝީލާ ވަރަށް އަވަސްކޮށް ބުނެލިއެވެ. ޝީލާ މަސައްކަތް ކުރަން ފެށީ ކަމުގެ ޙަޤީޤަތް ސިއްރު ކުރާށެވެ.

"ނޫން މަންމާ! މަންމައަށް ތި ވިސްނެނީ މުޅިން ނުބައި ކޮށް.. ޝަހުރު ކޮއްކޮ ހަދާނީ މަންމަ ބުނާ ބަސް.. މަންމަ މާ ބޮޑަށް ތި.." ޝީލާ ދައްކަމުން ދިޔަ ވާހަކަތައް ކުއްލިއަކަށް ހުއްޓުނީ ގޭގެ ދޮރު ހުޅުވުމުންނެވެ.

"ޝަހުރު.." ޝީލާ ބަލައިލީ ޝަހުރަށެވެ.

"މަންމާ.." ޝީލާއަށް އެއްވެސް ސަމާލުކަމެއް ނުދީ ޝަހުރު ހިނގައިގަތީ ހުސްނާއާ ދިމާލަށެވެ.

"މަންމާ!" ޝަހުރު ގޮސް ހުއްޓުނީ ހުސްނާގެ ކުރިމަތީގައެވެ. އަދި ވަރަށް ލޯބިން ޝަހުރު ހިފައިލީ ހުސްނާގެ އަތުގައެވެ. މަޑުމަޑުން ތިރި ވަމުން ޝަހުރު އުޑުފައިން އިށީންނެވެ. އެއްވެސް މީހެއް އެއްވެސް އެއްޗެއް ނުބުނެ، ބަލަން ހުރީ ކުރިމަތިން ފެންނަމުންދާ މަންޒަރަށެވެ. ޝަހުރުގެ ފަރާތުން އިތުރު ތޫފާނެއް ޢާއިލާއަށް އައިސް ދާނެތީ ޝީލާ އާއި މަންސޫރު ހުރީ ނިކަން ހިތް ތެޅިލަ ތެޅިލައެވެ.

"އަހަރެންނަށް މާފު ކުރޭ!" ހުސްނާގެ ފައިބުޑަށް ވެއްޓި ބުނި ފުރަތަމަ ޖުމުލައިން ހުސްނާގެ ހިތަށް ލިބިގެން ދިޔައީ އުފާވެރި ކަމެކެވެ. ހުސްނާގެ އެދުމަށް ޝަހުރު ތަބާވީ ކަމުގައި ހުސްނާއަށް ޤަބޫލު ކުރެވިގެން ދިޔައެވެ. ޝަހުރާ ދިމާލަށް ވައްކަޅިއަކުން ޝީލާ ބަލަން ހުރި އިރު، މަންސޫރުގެ ބެލުމުގައި ވަނީ ކޮންމެވެސް ވަރެއްގެ ހައިރާން ކަމެކެވެ. ނަމަވެސް މަންސޫރުގެ ހިތުގައި އޮތް ތަޅާފޮޅުން ގަނޑަކަށް އެއްވެސް ލުޔެއް ނުލިބެއެެވެ.

"މަންމަ ދެރަވާ ކަމެއް ކުރެވިފަ އޮތް ނަމަ އަހަރެން މާފަށް އެދެން. މަންމާ! ކުއްޖެއް ދެކެ ލޯބި ވުމަކީ ކުށެއް ނޫން މަންމާ!" ޝަހުރުގެ ވާހަކައިގެ ރާގާއި، މިޝްރާބު ދާ ދިމާ ހާމަކޮށްލި ޖުމުލައިން، ހުސްނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެތަނުގައި ހާސް ކަމެއް ނެތި، ކަން ބަލަން ހުރީ ޒަކްވާން އެކަންޏެވެ. ނަމަވެސް މަންމައާ ދޭތެރޭގައި ޒަކްވާނަށް ވިސްނެއެވެ.

"އާނ މަންމާ! އަހަރެން ލިވިޔާ ދެކެ ވަރަށް ލޯބިވޭ! ލިވިޔާ އަކީ އަހަރެންގެ ފުރާާނަ. އަހަރެންނަށް ލިވިޔާއާ ނުލައި ނޫޅެވޭނެ މަންމާ. އަހަރެން ވަރަށް ވަރަށް ލޯބިވޭ ލިވީ ދެކެ. އެކަން މަންމައާ މި ޢާއިލާ ޤަބޫލު ކުރޭ.." ޝަހުރު ވާހަކަދައްކަމުން ދިޔައީ ވަރަށް އަސަރާ އެކުގައެވެ.

"މީ ކޮންކަހަލަ ވިޔާނުދާ ދަރިއެއްތަ؟ ލަދެއް ނުގަނޭތަ ތިހެން އައިސް ކިޔަން؟ އަހަރެންގެ ހިތެއް ދުވަހަކުވެސް، ދުވަހަކުވެސް ލިވިޔާއަށް ހެވެއް ނުވާނެ. އަހަރެންގެ ހިތް އެ އަންހެނާއަށް ހަރާން ކޮށްފަ އޮންނާނީ.." ހުސްނާ އެހެން ބުނެލި ވަގުތަކީ، އޭނާގެ ލޮލުން ކަރުނަތައް ފައިބައިގަތް ވަގުތެވެ.

"އެންމެ ރަނގަޅު! އަހަރެންގެ ދުޢާ އަކީ އަހަރެންގެ އަންހެނުންނަށް މަންމަގެ ހިތް ހެޔޮކަން ލިބުން. ކޮންމެވެސް ދުވަހަކުން ވިޔަސް.." ޝަހުރު އެހެން ބުނުމާ އެކު، ހުސްނާއަށް ފަހަތަށް ފިޔަވަޅެއް ނެގުނެވެ.

"އޭނ؟ އަންހެނުންނޭ؟ ކައިވެނި ކުރީތަ؟" ހުސްނާއަށް އަހައިލެވުނީ އެވަރަށެވެ. ހުސްނާގެ ހިތަށާއި މެޔަށް ކުއްލި ތަދެއް އަރައިގެން އޭނާ ހުރިތަނަށް ވެއްޓުނެވެ.

"މަންމާ!" ހުސްނާގެ ހުރިހާ ދަރިންތައް ދުއްވައިގަތީ ހުސްނާއާ ދިމާލަށެވެ. މަންސޫރަށް ލިބިގެން ދިޔަ ހިތްދަތިި ކަމުން، "ހުސްނާ"އޭ ގޮވާފައި، އަޑުގެ ނެތްކޮޅަށް ރޯން ފެށިއެވެ.

ރޭގަނޑުގެ އަނދިރިކަން މުޅި ދުނިޔެ ބައްދައިލި އިރު، ހުސްނާގެ ދަރިންނާއި މަންސޫރު ހުރީ ހޮސްޕިޓަލްގައެވެ. ހޮސްޕިޓަލްގެ ތަނބަކަށް ޖެހިގަނެގެން ޝީލާ ގެންދިޔައީ މޫނުމަތީގައި އަތް އަޅައި ރޮމުންނެވެ. ޝީލާގެ ދާދި ގާތުގައި އޭނާއަށް ހިތްވަރު ދިނުމުގައި ޒަކްވާން ހުއްޓެވެ. ގޮތް ހުސްވެފައިވާ މަންސޫރު ހޮސްޕިޓަލްގެ ދެކޮޅަށް ހިނގަމުން ދާއިރުު، ޝަހުރު ހުރީ ޖެހި ބުދެއްހެން ފާރަށް ޖެހިގަނެގެންނެވެ. ޝަހުރު ހީވަނީ ކުށްވެރިއެއް ހެންނެވެ. ޝަހުރުގެ ބޮލުގައި ހަރުލާފައި ވަނީ އެމްބިޔުލާންސްގައި އިން އިރު ބައްޕަ ބުނި ޖުުުމުލައެވެ. ހުސްނާ އަށް ކަމެއް ވެއްޖެ ނަމަ އޭގެ ޒިންމާ ނަގަން ޖެހޭނީ ޝަހުރަށް ކަމަށެވެ. ހުސްނާގެ ޤާތިލަކަށް ވާނީ ޝަހުރު ކަމަށެވެ. މަންމަގެ ޤާތިލަށް ވާން ބޭނުން ވާނީ ކޮން ދަރިއެއް ހެއްޔެވެ؟ އެފަދަ ބޮޑު އިލްޒާމެއް ބޮލުގައި އަޅައިގެން މުޅި ޙަޔާތް ވޭތު ކުރާނީ ކިހިނެއް ހެއްޔެވެ؟ މުޅި ދުނިޔެ އޭރުން ޝަހުރަށް ނަފުރަތު ކުރާނެއް ނޫންހެއްޔެވެ؟ މިއީ ހައްތަހާ ވެެސް ޝަހުރުގެ ބޮލަށް ޖަމާވަމުން ދިޔަ ސުވާލުތަކެވެ. މިއިން ކޮންމެ ޚިޔާލަކުން ވެސް ޝަހުރަށް ގެނުވީ ދިލަ ތަދެކެވެ. ވޭނެކެވެ.

ލިވިޔާއަށް އެތައް ފަހަރަކު ޝަހުރުގެ މޯބައިލަށް ގުޅިއްޖެއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބެއެވެ. އެކަމާ ހެދި ލިވިޔާގެ ހާސްކަން ބޮޑުވެގެން، އޭނާ ހުރީ ވަރަށް ބޮޑަށް ނުތަނަވަސް ވެފައެވެ. ޒަކްވާންގެ ނަމްބަރު އެނގޭނެ ނަމަ މިހާރު ލިވިޔާ ޒަކްވާނަށް ވެސް ގުޅާނެއެވެ. ލިވިޔާގެ ފޯން ކޯލްތަކަށް ޝަހުރު އިޖާބަ ނުދެނީ އޭނާއަށް ލިބިފައިވާ ފުންމިން ނޭނގޭ ބޮޑު ހިތާމައިގެ ސަބަބުންނެވެ. ވާހަކަދައްކާނެ ހިތްވަރު ނެތުމުންނެވެ. ކޮންމެ ގޮތެއް ވިޔަސް، ޝަހުރަށް މިވަގުތު ވިސްނެނީ އޭނާގެ މަންމައާ ދޭތެރޭގައެވެ. މަންމައަށް ދެރަ ގޮތެއް ވެއްޖެ ނަމަ، މުޅި ދުނިޔެއިން ޝަހުރު ވާނީ ބާކީއެވެ. ލިވިޔާ ވެސް ޝަހުރަށް މާފު ނުކުރާނެއެވެ.

ކުއްލިއަކަށް ހުރެފައި، އައިސީޔޫ ބޭރުގައި ތިބި ހުސްނާގެ ޢާއިލާއަށް އެކީ އެކައްޗަކަށް ބަލައިލެވުނީ އައިސީޔޫގެ މައި ދޮރަށެވެ. ދޮރުން ނުކުމެގެން އައި ޑޮކްޓަރުގެ މޫނުމަތި ވަނީ މިލައި މޯޅިވެފައެވެ. އެ މޫނުމަތިން ޢާއިލާއަށް ލިބިގެން ދިޔައީ ބާޔާން ކުރަން ދަތި ވޭނެކެވެ. ޑޮކްޓަރުންގެ ފަރާތުން ލިބެން އުޅެނީ ރަނގަޅު ޚަބަރެއް ނޫންކަން އެންމެންނަށް ވެސް ޔަޤީންވެ، ކަށަވަރު ވިއެވެ.

"ކިހިނެއްތޯ ވީ؟" އަނގައިން އެއްޗެއް ބުނާނެ ހިތްވަރު އެއްވެސް މީހެއްގެ ނެތި، މުޅި ތަނަށް ހިމޭންކަން ވެރިވުމުން އެ ސުވާލު ކޮށްލީ ޝަހުރެވެ. ޝަހުރުގެ ކެތްތެރިކަން ވަނީ މުޅިން ބޮއްސުން ލައިފައެެވެ. ހާސް ކަމާއި، އުއްމީދެއް ނެތް ފަދަ ގޮތަކަށް ޑޮކްޓަރު ދެފަރާތަށް ބޯހުރައިލިއެވެ. އެ ލިބުނީ ކޮން ޖަވާބެއްކަށް ނޭނގި، ތެޅިތެޅި އޮތް ހިތަކާ އެކު، ޝީލާގެ ކަޅި ހުއްޓިފައިވީ ޑޮކްޓަރުގެ މޫނަށެވެ. މަންސޫރު ހީވަނީ ހަމަ ދެންމެ ދެންމެ ހުރިތަނަށް ވެއްޓި ދާނެ ހެންނެވެ. ޝަހުރުގެ ޙާލަކީ ވެސް މިއީއެވެ. ހިތުގެ އަޑިން ހުއްޓުމެއް ނެތި އޭނާ ގެންދިޔައީ ހެޔޮހާ ދުޢާތައް ކުރަމުންނެވެ.

ޑޮކްޓަރު މަޑުމައިތިރި ކަމާ އެކު ގޮސް، ޑޮކްޓަރުގެ އަތް ބާއްވައިލީ ޝަހުރުގެ ކޮނޑުގައެވެ. އަދި ޝަހުރާ ހަތަރު ކަޅި ހަމަކޮށްލަމުން ޑޮކްޓަރު ދޫކޮށްލީ ހަށިފުރާ ނޭވާއެކެވެ. (ނުނިމޭ)