އައްޑޫ ސިޓީގައި ޓޫރިޒަމް ފުޅާކުރުމުގެ ގޮތުން ދެ އަހަރުގެ ތެރޭގައި 8000 އެނދު ގާއިމުކުރެވިދާނެ ކަމާމެދު ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހްމަދު މުހައްމަދު ސުވާލު އުފައްދަވައިފި އެވެ.
އައްޑޫގައި 8000 އެނދު ދެ އަހަރު ތެރޭ ގާއިމުކުރެވިދާނެ، ކަމަށް އެ ސިޓީގައި މޭޔަރު އަލީ ނިޒާރު އިއްޔެ ވިދާޅުވުމުން އެއަށް ރައްދު ދެއްވައި އަހްމަދު މުހައްމަދު ވިދާޅުވީ ދެ އަހަރުގެ ތެރޭގައި އެ އަދަދަށް އެނދު ގާއިމުކުރުމަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ.
"މިހާތަނަށްވެސް 8000 އެނދު ގާއިމުކުރެވިފައި އޮތީ މާލެ އަތޮޅުގައި އެކަނި. އެކަމަށް ހޭދަވި 47 އަހަރު އަދި 47 ރިސޯޓް 10،568 އެނދު ގެންނަން. މާލެ، ހުޅުމާލެ އަދި މާފުށި ހިމެނޭ ގޮތަށް މި ހުރިހާ ގެސްޓްހައުސްއެއްގައި ވެސް ހުރީ 5264 އެނދު" އަހްމަދު ވިދާޅުވެފައިވެ އެވެ.
އައްޑޫ ސިޓީގައި 8000 އެނދު ތަރައްގީ ކުުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު އިއްޔެ އަވަސް އަށް ވިދާޅުވީ ސަރުކާރުގެ ޕްލޭނާ އެއްގޮތަށް އައްޑޫގައި ޓޫރިސްޓް އެނދު ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން ލިންކް ރޯޑަށް ގެންނަ ބަދަލާއެކު ހަންކެޑެ ރިސޯޓަށް ވެސް 1000 އެނދު އިތުރު ކުރަމުންދާ ކަމަށެވެ.
"އޭގެ އިތުރުން ހިތަދޫ ޓޫރިޒަމް ޒޯން، ފޭދޫ ޓޫރިޒަމް މަރަދޫ ޓޫރިޒަމް ޒޯންގެ އަމަލީ މަސައްކަތް އެބަދޭ ކުރިއަށް. އެއީ ގާތް ގަނޑަކަށް އަޅުގަނޑުމެންނަށް ލަފާ ކުރެވޭ 1200 އެނދު،" ނިޒާރު ވިދާޅުވި އެވެ.
އައްޑޫގެ ފަސް ރަށަކުން ބިން ހިއްކަމުންދާ ކަން ފާހަގަކުރައްވާ ނިޒާރު ވިދާޅުވީ ކޮންމެ ރަށެއްގެ ބިމުން ވެސް ވަކި ހެކްޓަރެއް ޓޫރިޒަމަށް ކަނޑައަޅާ ގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި ގަމުގައި އިތުރު ހޮޓަލެއް އަޅަން ނިންމައި ބިޑިންގެ މަސައްކަތް ހިނގަމުންދާ ކަންވެސް ފާހަގަކުރެއްވި އެވެ.
"އަމަލީ މަސައްކަތް މިހާރު ފެށިފަ މިއޮތީ. ދެން އެނދުތައް ފެންނަން ފަށާނީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ދެ އަހަރު ވަރު ނަގާނެ. އައްޑޫގައި 8000 އެނދު އަޅަން ކަނޑައެޅި އަމާޒަށް ވާސިލް ވެވޭނެ" ނިޒާރު ވިދާޅުވި އެވެ.
އައްޑޫގައި 4000 އެނދު ގާއިމް ކުރަން 62 ބިމެއް ވެސް ކުރީގެ ކައުންސިލުން އެކި ފަރާތްތަކަށް ކުއްޔަށް ދީފައިވެ އެވެ.