ކުލަބު ވެލެންސިއާ 2-0އިން މިއަދު ބަލިކޮށް އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ އެއްވަނަ އަށް ޓީސީ ޖެހިލައިފި އެވެ.
ޖުމުލަ 24 ޕޮއިންޓާއެކު ޓީސީ އަށް އެއްވަނަ ލިބުނު ނަމަވެސް ލީގުގައި މިރޭ ބީޖީ އަތުން ނިއު މޮޅުވެއްޖެނަމަ އެ ޓީމަށް އަލުން އެއްވަނަ ލިބޭނެ އެވެ. ނިއު އަށް މިހާރު ލިބިފައިވަނީ 23 ޕޮއިންޓެވެ.
ދެ ޓީމަށް ލަނޑު ޖަހަން ހުސް ފުރުސަތުތަކެއް ލިބުނު މެޗުގައި ޓީސީގެ ފުރަތަމަ ލަނޑު ޖެހީ ފަހު ހާފުގެ 14 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ޔާމީން އިބްރާހީމެވެ. މި ޕެނަލްޓީއަކީ ވެލެންސިއާގެ ކެޕްޓަން އިބްރާހީމް އަބުދުﷲ (އިއްބެ) ޕެނަލްޓީއޭރިޔާ ތެރެއިން ކުރި ފައުލަކާހެދި ލިބުނު ޕެނަލްޓީއެކެވެ.
ބަދަލު ކުޅުންތެރިޔާ އަހުމަދު ނިޒާމް އޭނާގެ ފައިގައި ޖެހުނު ފުރަތަމަ ބޯޅައިން ޓީސީގެ ދެ ވަނަ ލަނޑު ޖެހީ ވެސް އިއްބެ ހެދި ގޯހަކުން ހުސްކޮށް ބޯޅަ ލިބުމުންނެވެ. އޭގެ ކުރިން ޓީސީން ވަނީ ދެ ފަހަރު ގޯލުގެ ހުރަސް ދަނޑީގައި ވެސް ޖަހާފަ އެވެ. ވެލެންސިއާއިން އެންމެ ރަނގަޅު ދެ ފުރުސަތު ލިބުނީ އަބުދުލްވާހިދާއި ހުސައިން ނިހާނަށެވެ. މުޅިން ހުސްކޮށް ލިބުނު މި ދެ ބޯޅަ ވެސް ޖެހީ ބޭރަށެވެ.
މި މެޗުން ބަލިވުމުން ވެލެންސިއާ ޓޭބަލުގެ ހަތްވަނާގައިވަނީ 12 ޕޮއިންޓާއެކުގަ އެވެ.
މެޗަށް ފަހު ވެލެންސިއާގެ މެނޭޖަރު އަބުދުﷲ ޝިބާއު ބުނީ ދެ ޓީމުން ވެސް ކުޅުނީ ހަމަހަމަ ކުޅުމެއް ކަމަށާއި މިއީ މަދުވެގެން ޕޮއިންޓަކާ އެކު ވެލެންސިއާ ނިންމާލަންޖެހޭ ފަދަ މެޗެއް ކަމަށެވެ.
"ލިބޭ ފުރުސަތުތައް ނިންމާލެވިގެން މޮޅެއް ވެސް ހޯދޭނީ. ފުރުސަތު ލިބި ނުޖެހިދިޔައީ. އެމީހުންނަށް ލިބުނު ފަޅި ދެ ފުރުސަތުގެ ބޭނުންކޮށްލީ. ދެ ޓީމުން ވަރަށް ހަމަހަމަކޮށް ކުޅުނު މެޗެއް މިއީ. މަދުވެގެން ޕޮއިންޓަކާއެކު ވެލެންސިއާ ނިންމާލަންޖެހޭ މެޗެއް މިއީ،" ޝިބާއު ބުންޏެވެ.
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ޓީސީ މޮޅުވި ނަމަވެސް ވެލެންސިއާ އަށް ތައުރީފް ހައްގު ކަމަށެވެ.
"ޓީސީ ވަރަށް ދަށްކޮށް ކުޅުނު ދުވަހެއްގައި މިއަދު ސަލާމަތްވީ. ތިން ޕޮއިންޓާއެކު ނިންމާލެވުމުން އެކަމާ ހިތްހަމަޖެހޭ. އެކަމަކު ވެލެންސިއާ އަށް ތައުރީފް ހައްގު މިއަދު. އެމީހުން ވަރަށް ރަނގަޅަށް ކުޅުނު. ލިބުނު ފުރުސަތުތައް ބޭނުންނުކުރެވިޔަ ދިކަން އެކަނި ވެލެންސިއާ އަށް މިއަދުމަދުވީ،" ނިޒާމްބެ ބުންޏެވެ.
އޭނާ އަދި ބުނީ ޓީސީ ލީގަށް ވާދަކުރެވޭ ޓީމެއްގެ ގޮތުގައި އޮތުމުން ވަރަށް އުފާކުރާ ކަމަށެވެ.