އަބްދުއްރަހީމް އަބްދުﷲ

ޑީލް ނުހައްދަވާނެ ހަމައެކަނި ލީޑަރަކީ ޔާމީން: އަބްދުއްރަހީމް

ސިޔާސީ މައިދާނުގައި ތިއްބެވި ލީޑަރުންގެ ތެރެއިން ޑީލެއް ނުހައްދަވާނެ ހަމައެކަނި ލީޑަރަކީ އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ޕީއެންސީގެ ރައީސް އަދި އިދިކޮޅުގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ ސައިންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އާއި ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ޔޯލަރު ވައްޑެ) އާއި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އަބްދުލްކަރީމް ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީ އަކީ ގައުމީ ފިކުރުގެ ދެ ޕާޓީ ކަމަށާ އެ ފިކުރުން ނޫނީ ގައުމަށް ތަރައްގީ އާއި ކުރިއެރުމެއް ނެތް ކަމަށެވެ. ސަރުކާރު ކޯލިޝަންގައި ތިއްބެވި ލީޑަރުންނާއި ކޯލިޝަނަށް ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް ފާޑުވިދާޅުވަމުން އަބްދުއްރަހީމް ވަނީ އެ ލީޑަރުން އަމިއްލަ އެދުމަށް ކޮންމެ ކަމެއްވެސް ކުރައްވާފާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޑީލެއްގައި ޖެހިވަޑައިގެން ދީލާނުލައްވާނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން ކަމަށް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ޑީލް ނުހައްދަވާނެ ހަމައެކަނި ލީޑަރަކީ ރައީސް އަބްދުﷲ،"

އަބްދުއްރަހީމް މިހެން ވިދާޅުވެފައިވާއިރު ޕީޕީއެމް އާއި އެމްޑީޕީ ބައިވެރިވާ ކޯލިޝަނެއް އުފައްދާ ސަރުކާރު ހިންގަން ބޭނުންވާ ކަމަށް މަޖިލީހުގެ ރައީސް އަދި ރައީސް ޔާމީންގެ ވާދަވެރިޔާ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ޔާމީންގެ އެހީތެރިކަމަށް އެދެން ޖެހޭ ކަަމަށްވެސް ދެ ފަހަރެއްގެ މަތިން ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

އަބްދުއްރަހީމްގެ ވާހަކަފުޅުގައި މަޖިލީހުގެ ފަސް މެންބަރަކު ގުޅިވަޑައިގެން އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށްވެސް ފާޑުވިދާޅުވިއެވެ. ދަނގެތި ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު އާއި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އާއި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދުގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ގުޅިގެން އުފައްދަވަން ނިންމަވާފައިވަނީ "މޯލްޑިވްސް ނެޝަނަލް ޕާޓީ" އެވެ.

އެ ޕާޓީ އާއި ޕާޓީ އުފެއްދުމުގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ ނަން ވިދާޅުވެ އެހެން ނަމަވެސް ބޭފުޅުންނަށް އިޝާރާތްކުރައްވާ ފާޑުވިދާޅުވަމުން އަބްދުއްރަހީމް ވަނީ މަޖިލީހުގައި ތިއްބަވައިގެން ރައްޔިތުންގެ ހައްގުގައި ކުރައްވަނީ ކޮން ކަމެއްތޯ ސުވާލު ކުރައްވާފައެވެ. އަދި ކުރައްވާހާވެސް ކަމަކީ ސަރުކާރުން ފޮނުވާހާ ބިލަކަށް ތާއީދުކޮށް ސަރުކާރުގެ ޕްރޮޖެކްޓްތައް ހޯދުން ކަމަށް ވިދާޅުވެ ވިޔަަފާރިވެރިޔާ ކާނަލް ނާޒިމަށް ފާޑުވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ކޮންމެ ފަހަރަކު އިންތިހާބުތަކާއި ދިމާކޮށް ސިޔާސީ ޕާޓީތައް އުފައްދަނީ ގައުމާއި ރައްޔިތުންނަށް ކަމެއް ކޮށް ދިނުުމުގެ ބޭނުމަކު ނޫނެވެ. އެއީ ދެން އުފެދޭ ސަރުކާރަކުން ބައި ހޯދަން ކުރާ ކަމެއް ކަމަށް ވިދާޅުވިއެވެ.

އަދި އައު ޕާޓީ އުފައްދަނީ ރައީސް ޔާމީންގެ ބައިވެރިވުމާއެކު ކަމަށް ކުރެވޭ ތުހުމަތަކީ ދޮގު ތުހުމަތެއް ކަމުގައި ވިދާޅުވިއެވެ. ރައީސް ޔާމީން ސިޔާސީ މަަސައްކަތް ކުރައްވާނީ ޕީޕީއެމް އާއި ޕީއެންސީގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.