އެމްޑީޕީ

ނަޝީދުގެ ދިފާއުގައި މާލޭގެ ހަތަރު ދާއިރާއެއްގެ ގޮފިން ބަޔާން ނެރެފި

Jul 20, 2021
3

ސަރުކާރާއި އިއްތިހާދުވެފައިވާ ބައެއް ޕާޓީތައް ރުއްސުމުގެ މަގްސަދުގައި އެމްޑީޕީގެ ޒަމާންވީ އުސޫލުތަކާއި އަސާސްތައް ބޮލާލައި ނުޖެހުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް ތާއީދު ކުރާކަން ހާމަކޮށް ސަރުކާރަށް ފާޑުކިޔާ އެމްޑީޕީގެ މާލޭގެ ހަތަރު ގޮތްޕަކުން ބަޔާންތަކެއް ނެރެފި އެވެ.

"ހިސާން ބިލް" ގެ ނަމުން މަޝްހޫރުވެފައިވާ ބިލު ފާސް ކުރުމަށް ނަޝީދު ފައްޓަވާފައިވާ މަސައްކަތްތަކަށް ތާއީދުކޮށް އެމްޑީޕީގެ ޒުވާނުންގެ ގޮތްޕާއި އަންހެނުންގެ ރޫހުން ވެސް ވަނީ ބަޔާން ނެރެފަ އެވެ.

އޭގެ ފަހުން ބަޔާން ނެރެފައިވަނީ އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާ އާއި ވިލިމާލެ ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާ އާއި މާފަންނު އުތުރު ދާއިރާ އެވެ. ހުރިހާ ބަޔާންތަކުގައިވެސް މައިގަނޑުކޮށް ހިމަނާފައިވަނީ އެއް ވާހަކަތަކެވެ.

އެގޮތުން އެމްޑީޕީއަކީ ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީ ކަމަށާ އެ ޕާޓީ އުފެދުނީއްސުރެން އަބަދުވެސް ވަކާލާތުކުރާ އެންމެ މުހިންމު އަސާސްތަކަކީ އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ހަމަހަމަކަން ގާއިމުކޮށް ދިރިހުރުމުގެ ހައްގު ކަށަވަރުކޮށް އަނިޔާވެރިކަން ނައްތާލުމަށް ކަމަށް ބުނެފައިވެއެވެ.

އެގޮތުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް އެމްޑީޕީއިން ވީ އެންމެ މުހިއްމު އެއް ވައުދަކީ ގޮތް ނޭނގި ގެއްލުވާލާފައިވާ މީހުނާއި މަރާލެވިފައިވާ މީހުންނަށް އިންސާފު ހޯދައިދީ އެފަދަ އަނިޔާވެރި އަމަލުތައް ރާއްޖޭގައި ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅު އަޅާނެކަމުގެ ވައުދު ކަމަށާ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުالله އާއި ޔާމީން ރަޝީދު އަދި ޑރ. އަފްރާޝީމް އަލީ އަނިޔާވެރި ގޮތަކަށް މަރާލާއި ރައީސް މުހައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލަން ބޮން ގޮއްވުމާއި ހަމައަށް ކަންކަން ދިޔައީ ރޭވުންތެރިކަމާއެކު ބަޔަކު އެމީހުންގެ ބޮލުގައި ވަކި "ލޭބަލް" ތަކެއް އަޅުވައި އެމީހުންނާއިމެދު މުޖުތަމައުގައި ނަފްރަތު އުފައްދައިގެންކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ. އަދި އެމްޑީޕީގެ ވައުދުތަކާއި އެއްގޮތަށް އެފަދަ އަނިޔާވެރި އަމަލުތައް ހުއްޓުވޭނީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށް ވަކިވަކި ފަރުދުންނާއިމެދު ނަފްރަތު އުފެއްދުމަކީ ގާނޫނީ ކުށަކަށް ހަދައިގެންކަން ގަބޫލުކުރާ ކަމަށެވެ.

އެހެން ނަމަވެސް, ސަރުކާރުގެ އިއްތިހާތުގައި ހިމެނޭ ބައެއް ޕާޓީތަކުން ނުރުހުން ފާޅުކުރި ހިސާބުން ސަރުކާރުން ފޮނުވި ބިލު ސަރުކާރުން ދިފާއު ނުކޮށް މުޖުތަމައުގައި ނަފްރަތު އުފެއްދުން ހުއްޓުވާ އަނިޔާވެރި އަމަލުތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީއިން ވެފައިވާ ވައުދު ސަރުކާރުން ހަނދާން ނައްތާލުމަކީ ޕާޓީގެ އަސާސްތަކާއި ހިލާފަށް ސަރުކާރުން ނިންމި ނިންމުމެއް ކަމަށް ބުނެފައިވެއެވެ.

އަދި މި ރާއްޖޭގެ ޒުވާނުންގެ މުސްތަގުބަލު ސަލާމަތް ކުރެވެން އޮތީ ވަގުތީ ސިޔާސީ މަންފާއަށްވުރެން ރައްޔިތުންގެ އަސަސީ ހައްގުތައް ހިމާޔަތް ކުރުން އިސްކޮށް އެމްޑީޕީ އިން ރައްޔިތުންނަށް ވިއްކި ވައުދުތައް ފުއްދުން އަވަސްކޮށްގެން ކަމުން ސަރުކާރުން އެމްޑީޕީގެ އަސާސްތަކަށް އިހްތިރާމް ކުރުމަށްވެސް އެ ބަޔާންތަކުގައި ވަނީ ގޮވާލާފައެވެ.