ޑރ. މުހައްމަދު މުއިއްޒު

ގައުމު ސަލާމަތް ކުރެވޭނެ އޮތީ އެންމެ ގޮތެއް: މުއިއްޒު

ރާއްޖެ އޮތީ ނުރައްކާތެރި މިސްރާބެއްގައި ކަމަށް ވިދާޅުވެ ގައުމު ސަލާމަތް ކުރެވެން އޮތް ހަމައެކަނި ގޮތަކީ ޕީޕީއެމްގެ ފިކުރާއެކު ކުރިއަށް ދިއުން ކަމަށް މާލެ ސިޓީގެ މޭޔަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ ސައިންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ޔޯލަރު ވައްޑެ) އާއި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އަބްދުލްކަރީމް ޕީޕީއެމްއާ ގުޅިވަޑައިގަތުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ ރާއްޖެ އޮތް މިސްރާބާ މެދު ކޮންމެ ރައްޔިތަކު ވެސް ސުވާލުކޮށް ވިސްނަން ޖެހޭ ކަމަށެވެ. މުއިއްޒު ވިދާޅުވީ ދިވެހިންގެ މިނިވަންކަން ގެއްލޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށާއި ރާއްޖޭގެ އުތުރާއި ދެކުނުން ވެސް ފެންނަން އޮތީ އެ މަންޒަރު ކަމަށެވެ.

މޭޔަރު އަދި ވިދާޅުވީ ގާނޫނު ހަދާ މަޖިލީހަށް މިހާރު ފޮނުވަމުންދާ ބައެއް ބިލްތަކަށް ބަލާލުމުން ދިވެހިންގެ ދީން، މާތް ވެގެންވާ އިސްލާމްދީން ދިވެހިންނަށް ގެއްލިގެން ހިނގައިދާނެ މަންޒަރުތައް ފެންނަމުންދާ ކަމަށެވެ.

ގައުމުގެ މިސްރާބު ބަދަލު ކުރަން ދިވެހިން ތެދުވާން ޖެހޭ ކަމަށާ އެ މަސައްކަތަށް އޮތް ހަމައެކަނި ޕްލެޓްފޯމަކީ ޕީޕީއެމް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ގައުމު ސަލާމަތް ކުރަން ބޭނުން ވަންޏާ މިއަދު އޮތީ ހަމަ އެންމެ ގޮތެއް. އެއީ ރައީސް އަބްދުﷲ ޔާމީންގެ ފިކުރު، ޕީޕީއެމްގެ ފިކުރާއެކު މި ގައުމު ހަމަ މަގަށް އެޅުވުމަށް މަސައްކަތް ކުރުން. މި ގައުމުގައި އޮތީ ދެ ފިކުރެއް. އެއީ ބިނާ ކުުރުމާއި ފަނާ ކުރުމުގެ ފިކުރު. ޕީޕީއެމްގައި އޮތީ ބިނާ ކުރުމުގެ ފިކުރު،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ޕީޕީއެމް އޮތީ ރައީސް ޔާމީން މިނިވަންކޮށް 2023 ގައި ގައުމު ބިނާ ކުރުމުގެ މަސައްކަތް ފަށަން ތައްޔާރަށް ކަމަށެވެ.