ބޮލީވުޑް

އަމީތާބާއެކު "ސިލްސިލާ" ކުޅެން ޖާޔާ އެއްބަސްވީ ސަބަބު

"ސިލްސިލާ" އަކީ ފިލްމު ރިލީޒްކުރި ދުވަސްވަރު ވަރަށް ބޮޑަށް ހިޔާލު ތަފާތުވުންތައް އުފެދި އެ ފިލްމަކާ ގުޅޭ ގޮތުން ވަރަށް ތަފާތު އެތައް ވާހަކަތަކެއް ދެއްކުނު ފިލްމެކެވެ. ގިނަ ބައެއްގެ ސަމާލުކަން މި ފިލްމަށް ލިބުނަސް ފިލްމުގައި އަމީތާބު ބައްޗަން އާއި ރޭކާ އަދި ޖާޔާ ބައްޗަން ބައިވެރި ކުރުމަކީ ޑައިރެކްޓަރު ޔާޝް ޗޯޕްޅާގެ މުޅި ހަޔާތުގައި ވެސް ކުރި އެންމެ އުނދަގޫ މަސައްކަތެވެ.

އަމީތާބަށް އެ ފިލްމު ހުށަހެޅުމާއެކު ވަރަށް ފަސޭހައިން ފިލްމު ގަބޫލު ކުރި އެވެ. އެ ދުވަސްވަރަކީ އޭނާގެ ކެރިއަރަށް ބޮޑު ވެއްޓުމެއް އައިސްފައިވާ ދުވަސްވަރަކަށް ވާތީ އެވެ. ނަމަވެސް ރޭކާ އާއި ޖާޔާ އެއްބަސް ކުރުވާނެ ގޮތެއް ޔާޝް އަށް ވެސް ނޭނގެ އެވެ. ރޭކާ އާއެކު ފިލްމު ކުޅުން ޖާޔާ އޮތީ އަމީތާބަށް މަނާ ކޮށްފަ އެވެ. އަދި ރޭކާއާ އެކު ފިލްމު ނުކުޅޭނެ ކަމަށް އަމީތާބު ޖާޔާއަށް ވައުދުވެފައި ވެއެވެ. އަމީތާބަށް ޖާޔާ އަންގާފައި ވަނީ އޭނާ ރޭކާ އާއެކު އިތުރަށް ފިލްމު ކުޅެން އެއްބަސް ވެއްޖެނަމަ ޖާޔާ ވެސް އަލުން ފިލްމު ކުޅެން ފަށާނެ ކަމަށެވެ.

ނަމަވެސް "ސިލްސިލާ" ގައި އަމީތާބުގެ ލޯބިވެރިޔާގެ ރޯލަށް ހޮވާފައި ވަނީ ރޭކާ ކަމަށް ޔާޝް ބުނުމުން އަމީތާބަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އެހެންވެ މިކަމުގެ ބަދަލު ހިފާނެ ގޮތަކަށް ޖާޔާ ހުރީ ވިސްނާށެވެ.

އަމީތާބާއި ރޭކާ އެއްބަސް ކުރުވުމަށް ފަހު ދެން ޔާޝް ފެށީ ޖާޔާ އެއްބަސް ކުރުވުމުގެ މަސައްކަތެވެ. އެންމެ ފުރަތަމަ ޖާޔާ ބުނީ ހަމަ ކަނޑައެޅިގެން ނޫނެކޭ އެވެ. ދެން އެކި ދުވަސް މަތިން ފިލްމުގެ ސްކްރިޕްޓްގެ ނެރޭޝަން ދެމުން ގޮސް ނިމެން ކައިރިވީއިރު ވެސް ޖާޔާގެ ޚިޔާލު ބަދަލެއް ނުވި އެވެ. ނަމަވެސް ފިލްމުގެ ކްލައިމެކްސް އަޑުއަހާފައި ޖާޔާ ފިލްމަށް ޝައުގުވެރިވި އެވެ.

"ސިލްސިލާ" ގައި ފެންނަނީ ކައިވެނީގެ ބޭރުން ފިރިހެނަކު ހިންގާ ގުޅުމަކަށް ވިޔަސް ނިމޭ މަންޒަރުގައި ކާމިޔާބު ލިބެނީ އަނބިމީހާ އަށެވެ. ޖާޔާގެ ޝައުގުވެރިކަން ފިލްމަށް ލިބުނީ އެ މަންޒަރުންނެވެ.

ޖާޔާ ގަބޫލުކުރި ގޮތުގައި އޭނާ އެނބުރި އަންނަން މިއަށް ވުރެ ރަނގަޅު ފިލްމެއް ނުލިބޭނެ އެވެ. ހާއްސަކޮށް ރޭކާ އާއި އަމީތާބުގެ ހަގީގީ ލޯބީގެ ވާހަކައަށް އޭނާ ދޭ ވަރުގަދަ ޖަވާބަކަށް މި ފިލްމު ހަދަން ޖާޔާ ބޭނުންވި އެވެ. އަދި އެކަން އޭނާ ކާމިޔާބު ވެސް ކުރި އެވެ.

"ސިލްސިލާ" ގައި ދައްކަނީ ހަގީގީ ލޯބީގެ ބާރުގަދަ ކަމެވެ. ކޮންމެ ކަހަލަ ގުޅުމެއް ވެސް ކާމިޔާބު ކުރުމުގައި ލޯބި ކުޅޭ ދައުރެވެ. ހަޔާތުގައި ކިތަންމެ ގިނަ އުސްގަނޑަކާއި އަޑިގަނޑެއް އަޔަސް އެ ހުރިހާ ކަމެއް ގިރާކޮށް ލޯތްބަށް ކާމިޔާބު ލިބޭ ގޮތެވެ. ކިތަންމެ ގަދަ ގަނޑެއްގައި އޮޔާއި ވަޔާއި ތޫފާނުގައި ވެސް ލޯބީގެ ނާ ދަތުރުކޮށް މަންޒިލަށް ވާސިލުވާ ގޮތެވެ.

ބޮލީވުޑްގެ އެންމެ ވަރުގަދަ ދެމަފިރިން ކަމަށްވާ އަމީތާބު އާއި ޖާޔާގެ ގުޅުމަކީ ވެސް މިފަދަ ގުޅުމެކެވެ. އެމީހުންގެ ކައިވެނީގެ ހަޔާތުގައި ވެސް މިފަދަ ވަރަށް ގިނަ ކަންކަމާ ހަގީގަތުގައި ވެސް ކުރިމަތިވި އެވެ.

އަމީތާބާއި ޖާޔާގެ ކައިވެންޏަށް 50 އަހަރު ފުރެން ކައިރިވެފައިވާއިރު މިހާ ގިނަ ދުވަހު މި ކައިވެނި ދެމިއޮތީ އެކަކު އަނެކަކަށް ކުރާ އިހުތިރާމާއި އިތުބާރު އަދި ލޯބީގެ ސަބަބުންނެވެ.