ބޮލީވުޑް

އީރާނު އަންހެނަކާ ހެދި ރޭކާގެ ގައިގައި އަމީތާބު ޖެހި!

އަމީތާބް ބައްޗަން އާއި ރޭކާގެ ލޯބީގެ ވާހަކައަކީ ބޮލިވުޑް ތަރިންގެ ލޯބީގެ ވާހަކަތަކުގެ ތެރެއިން އެންމެ ގިނަ ދުވަހު އެންމެ ހޫނުކޮށް ދެކެވިފައިވާ ވާހަކަ އެވެ. އަމީތާބު ކައިވެނިކުރީ ޖާޔާ ބައްޗަން އާ ނަމަވެސް ކައިވެނީގެ ބޭރުން ރޭކާ އާ ބޭއްވި ގުޅުމުގެ ވާހަކައަކީ ވަރަށް މަޝްހޫރު ވާހަކަ އެކެވެ. އެއް ޒަމާނެއްގައި އަމީތާބާއި ރޭކާ އެކަކު އަނެކަކާ ހެދި މޮޔަވާ ދަރަޖައަށް ލޯބިވީ ކަމަށް ވެއެވެ.

މި ދުވަސްވަރު ރޭކާ އާއި އަމީތާބުގެ މެދުގައި ޖެހުނު މައްސަލަތަކެއްގައި އަމީތާބު ރުޅިއައިސްގެން ރޭކާގެ މޫނުމަތީގައި އެތައް ފަހަރަކު ޖެހި ކަމަށް ވެއެވެ.

ރޭކާގެ ބައޮގްރަފީ "ރޭކާ: ދި އަންޓޯލްޑް ސްޓޯރީ"ގައިވާ ގޮތުން "ލާވާރީސް" ކުޅުނު ދުވަސްވަރު އެ ފިލްމުގެ ނެށުމެއްގައި ބައިވެރިވާން އިންޑިޔާ އަށް ގޮސް ހުރި އީރާނުގެ ނެށުންތެރިއަކާއި އަމީތާބު ލޯބީގެ ގުޅުމެއް ހިންގި އެވެ.

އަމީތާބާއި އީރާނުގެ ނެށުންތެރިޔާގެ ވާހަކައިގެ އަޑު ގަދަވެ ރޭކާ އަށް މިކަން އެނގިގެން އަމީތާބާ މި ސުވާލު ކޮށް އަރާރުންވި އެވެ. ރޭކާގެ މޫނުމަތީގައި އެތައް ފަހަރަކު އަމީތާބު ޖެހިކަމަށް ވަނީ މި އަރާރުމުގެ ތެރޭގަ އެވެ.

މިކަމާ ރޭކާ އައި ރުޅިން އަމީތާބާއެކު ދުވަހަކުވެސް މަސައްކަތް ނުކުރަން ގަސްތުކުރި އެވެ. އެ ދުވަސްވަރަކީ "ސިލްސިލާ"ގެ މަސައްކަތް ފަށަން ޔާޝް ޗޯޕްޅާ ތައްޔާރުވަމުން ދިޔަ ދުވަސްވަރެވެ. އެ ފިލްމުގައި ވެސް ރޭކާ ބައިވެރިނުވާން ނިންމައި ޔާޝް އަށް އެކަން އެންގި އެވެ. ނަމަވެސް ޔާޝް ޗޯޕްޅާ ފަހުން ވަނީ ރޭކާ އާ ވާހަކަ ދައްކައިގެން އޭނާ އެ ފިލްމުގައި ބައިވެރިވާން އެއްބަސް ކުރުވާފަ އެވެ.