ވާހަކަ

ސިއްތާ

(18 ޖުލައި 2021 އާ ގުޅޭ)

ލައިޒަލްގެ ތުންފަތް ހަރަކާތްކޮށްލިއެވެ. ހިނިތުންވެލަން އުޅުނު ފަދައިންނެވެ. ނަމަވެސް ބޭރަށް ފާޅެއްނުވިއެވެ. އޭނާ އެތެރެއެތެރެއިން ހީނލީ ފަދައެވެ. ނީރާއަށް އެ ބަދަލުތައް ގެނުވީ ގާތުން އެ ފިރިހެންވަންތަ އަޑު އިވިގެންކަމެއް ލައިޒަލް ނުދެނަހުއްޓެވެ.

އޯޑަރުކުރި އެއްޗެހި ކެފޭގެ ވެއިޓަރަކު ހިފައިގެން އައިސް ވަނެވެ. އަދި ހުރިހާ ތަށިތައް މޭޒުތަކުގައި އަތުރާލިއެވެ. ލައިޒަލް ކައިރިކޮށްލި އައިސްޓީ ތަށި ފެނުމުން ނީރާ ހައިރާން ވިއެވެ. އޭނާ ހީކުރީ ޔަމާނާއި އީހާން ފަދައިން ލައިޒަލް ވެސް އެރޭ ބޯނީ ކޮފީ ކަމަށެވެ. ހަމައެފަދައިން ލައިޒަލް ވެސް އިނީ ހައިރާންކަމެއްގެ ތެރޭގައެވެ. އެތަނުން އެކަކުވެސް އިޝާރާތުން ވާހަކަދައްކާ ތަނެއް އޭނާއަށް ނުފެނެއެވެ. ނީރާ އެތަނުގައި އިންއިރު އޭނާއާ އެމީހުން ވާހަކަދައްކައެވެ. އެހެން އެންމެނާ ވާހަކަދައްކާ ފަދައިންނެވެ. މިރޭ އޭނާ ވެސް އެއައީ ޔަމާނު ކުރި އާދޭހުގެ ސަބަބުންނެވެ. އެކަމަކު ލެއްވި ނަސީބާމެދު ލައިޒަލްގެ ހިތް އުފަލުން ފުރިއްޖެއެވެ. އޭނާގެ ހިތުގެ އެދުމާ ތަގްދީރު އެހީވެ މަގުދައްކައިދީފިއެވެ.

ޔަމާނާއި ރިދާގެ ސަމާލުކަން ޝީންއަށް ދެވިފައިވީ ނުހަނު ބޮޑަށެވެ. އީހާން އަންނަނީ ޝީން ގޮވައިގެންކަން ޔަމާނަށް ވެސް ނޭނގެއެވެ. އެހެންވެ ޝީންގެ ވަނަވަރު ހޯދުމާއި އޭނާއާ ގުޅުން ބަދަހިކުރުމުގައި އެ ދެމީހުން މަސްއޫލުވެފައި ތިބީ ނުހަނު ބޮޑަށެވެ. އެކުވެރީންގެ ސަމާލުކަމުން އެއްފަރާތްވެފައި ނީރާއާއި ލައިޒަލް ތިއްބެވެ. އެކަކުއަނެކަކާ ސިއްރު ބެލުންތައް ދޭތެރެއަކުން ބަދަލުކޮށްލައެވެ. ނީރާއަށް ފެންނާނޭހެން މޭޒުމަތީ ބާއްވާލި އަތުގެތެރެއަށް ލައިޒަލްގެ ފޯނު ހެޔޮވަރު ކޮށްލިއެވެ. އަދި އިންސްޓަގްރާމަށް އޭނާ ވަނެވެ. އެތަން ފެނުމާއެކު ނީރާ ލަދުގަނެއްޖެއެވެ. ނޭނގުމުގައި ކުރެވުނު ކަންތައް އޭނާގެ ހިތަށް އެރިއެވެ. ހަމައެއާއެކު ލައިޒަލް ބުނަން އުޅޭ އެއްޗެއް އޭނާގެ ހަރަކާތުން ނީރާއަށް ފަހުމް ވީއެވެ.

"ފޮލޯނުކޮށް... ހަމައެކަނި އެންމެ ފޮޓޯއަކަށް... މި ފޮޓޯ އެހާ ކަމުދިޔައީތަ؟" މޭޒުމަތީ ފޯނު ބާއްވާލުމާއެކު ލައިޒަލް އިޝާރާތުން ބުނެލިއެވެ. ކަތި ނަޒަރަކުން އޭނާގެ ހަރަކާތްތަކަށް ނީރާ ބަލަން އިނެވެ. އިޝާރާތުގެ ބަހުރުވަ އެންމެ ފުރިހަމަ ނުވިޔަސް ލައިޒަލް އެކަމަށް ފަރިތަވެފައިވާކަން ނީރާއަށް ފާހަގަވިއެވެ. ކުރީން އޭނާ ދުށް ނުފަރިތަ ކޮށިކަން މިހާރު ފާހަގަވާވަރެއް ނުވެއެވެ. ނީރާ އަތް އުފުލާލީ ލައިޒަލްއަށް ޖަވާބެއް ދިނުމަށެވެ. ލަދުގަތްކަން ފޮރުވާލައި އޭނާގެ ކެރޭކަން ހާމަކޮށްލުމުގެ ގަސްދުގައެވެ. ލައިޒަލްއަށް އެފަދަ ގޮތަކަށް އޭނާ ރަކިކޮށްނުލެވޭނެކަން އަންގާލުމުގެ ނިޔަތުގައެވެ. ނަމަވެސް އޭނާއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ރިދާ ވާހަކަދެއްކީއެވެ.

"ދެމީހަކު ވަރަށް ވައިވެފަ އެބަތިބި... ލަވައެއް ކިޔާލުމެއްނެތްތަ؟" ރިދާ އިނދެފައި ބަލާލީ ލައިޒަލްއަށެވެ. އޭނާ ވަގުތުން ދެއަތް އުފުލާލި ގޮތަށް ބޯހޫރުވާލިއެވެ. ލަވަކިޔަން ބޭނުންނުވާކަން ދައްކާލާ ފަދައިންނެވެ.

"އަހަރެމެން ފަށަމާ." ޔަމާނު ލަވަ ސެޓުކުރަމުން ބުނެލީ ރިދާއަށެވެ.

"ނީރާ... ޔޫ ހޭވް ޓު ސިންގް ޓުނައިޓް." ރިދާ ޝަރުތުކުރާ ފަދައިން ނީރާއަށް ބަލާލިއެވެ. އޭނައާ އީހާން ބައިވެރިވެލިއެވެ. އިތުރަށް އަޖައިބުވީ ލައިޒަލްއެވެ. އެންމެން ނީރާގެ ގާތުން ލަވަކިޔަން އެދޭތީއެވެ. އޭނާ ލަވަކިޔާނީ ކިހިނެއްކަން ލައިޒަލްގެ ސިކުނޑިއާއި ހިތަށް ތަސައްވުރު ނުކުރެވުނީއެވެ. އެމީހުންގެ އެ އަމަލަކީ އަޑުނީވޭ ވާހަކަނުދެއްކޭ މީހަކަށް ކުރެވޭ އަވާނިވާއަކަށް ނޫނީ ނުވާނެއެވެ. އެކުވެރީންގެ ގޮތުގައި ތިބެ އެންމެންގެ ތެރޭގައި އަނެއް އެކުވެރިޔާގެ ނުކުޅެދުންތެރިކަން ބޭޒާރު ކުރަން ވެދާނެ ހެއްޔެވެ. އެހެންވިއްޔާ އެއީ ހަގީގީ އެކުވެރިކަމެއް ނޫނެވެ.

"މަހޭ ނެތިދާނޭ..." ފޯރިއާއެކު ރިދާ ގޮވާލީ ލަވައެއް ހޯދަމުން ދިޔަ ޔަމާނަށެވެ. ފޯރި ނެގޭނެ ފަދަ ލަވަޔަކުން ފަށަން ރިދާ ބޭނުންވީއެވެ. އަދި ތެދުވެގެން ގޮސް އެއްފަރާތުގައި ހުރި ފޮށިގަނޑުގެ ތެރެއިން މައިކުތައް ނަގައިގެން އައެވެ. ފަހަރަކު މީހަކަށް މައިކެއް ރިދާ ދިނެވެ. ނީރާ މައިކުގައި ހިފާލިއިރު ވެސް ލައިޒަލްގެ ނަޒަރު އޭނާއާ ވަތްކެއް ނުވެއެވެ. އެކުވެރީންގެ ވާހަކަތައް ހުރި ގޮތުން އުނދަގޫވެގެން ނީރާ ނޫޅޭކަން އެ މޫނުން ފާޅުވާ ހިނިތުންވުން ލައިޒަލްއަށް ބުނެދިނެވެ.

"އާ ޔޫ ޓްރައިން ޓު ބީ ނޯމަލް... ލައިކް އެވްރިވަން އެލްސް..." ނީރާއަށް ބަލަން އިނދެ ލައިޒަލް ސުވާލު ކުރީ އަމިއްލަ ހިތާއެވެ. ނީރާގެ ހަރަކާތްތަކުން އޭނާއަށް ވިސްނުނީ އެފަދައިން ކަހަލައެވެ.

މޭޒުގައި ދެ އުޅަންބޮށި ކޮޅު ޖައްސާލައި ކުރިއަށް ނީރާ ޖެހިލިއެވެ. އެހިނދު ސިއްރުސިއްރުން ފަހަތަށް ދޫކޮށްލާފައި އޮތް ނީރާގެ އުނަގަނޑާ ހަމައަށް އަރާ އިސްތަށިގަނޑުގައި ލައިޒަލް އަތް ޖައްސާލިއެވެ. ނީރާއަށް ނޭނގޭނޭ ފަދަ ލަސް ހަރަކާތަކުން އިސްތަށިތަކާއި އިނގިލިން ކުޅެލިއެވެ. އެ ކުޑަ ހަރަކާތުގެ އިހްސާސް ނީރާއަށް ކުރެވި ލައިޒަލްއަށް އޭނާ ބަލާލިއެވެ. ދެ ޒުވާނުންގެ ނަޒަރު ސީދާ ވުމާއެކު ވަކިކޮށްލަން އަވަސްވީ ނީރާއެވެ.

ކަރޯކޭ ފެށުމާއެކު ރިދާއާއި ޔަމާނުގެ އަޑުން ތަން ގުގުމާލައިފަ ވިއެވެ. ދޭތެރެއަކުން އީހާން އެމީހުންނާ ބައިވެރިވެ ލަވައިގެ ކަޑީގަ ހިފާލައެވެ. ޝީން ހީނގަންނައިރު އޭނާ ވެސް އިނީ މަޖާވެފައިކަން ގައިމެވެ. ޔަމާނުމެން ލަވަ ނިންމާނުލައިގެން އީހާން އިން ކަހަލައެވެ. އެމީހުންގެ ލަވަ ނިމުމާއެކު އިހާން ފެށިއެވެ. އޭނާ ޝީންއަށް ލޯބީގެ ލަވައެއް ކިޔާދިނެވެ. އެއަށްފަހު ޝީންއާއެކު ޑުއެޓްއެއް ކިޔެވެ. އީހާނާއި ޔަމާނާ ދެ މީހުން ވެސް ލަވައެއްގައި ހިފާލިއެވެ. އަންހެން އަޑުން ޔަމާނު ލަވަކިޔަން ފެށުމުން އެކުވެރީންގެ ތެރޭ ވަކިން ފޯރި ގަދަވިއެވެ.

"ޑޯލް... ކަމޯން، މިރޭ ނުފަށަންތަ ތިއިންނަނީ؟." ނީރާގެ އަޑެއްބަޑެއް ނީވޭކަން އެނގި ޔަމާނު ގޮވާލިއެވެ. މަޑުމަޑުން އިނުމަކީ ނީރާގެ ގޮތެއް ނޫނެވެ. އެ އަޑުން ލަވައެއް ކިޔާ ނުލަނަމަ އެމީހުންގެ ކަރޯކޭ "ނައިޓް" ފުރިހަމައެއް ނުވާނެއެވެ. ނަމަވެސް ނީރާގެ ނުކެރުމާއި ފަސްޖެހުމުގެ ސަބަބަކީ ލައިޒަލްއެވެ.

"އީހާން ބުނި ނީރާ ވަރަށް ރީތިކޮށް ލަވަކިޔައޭ." ޝީން ވެސް ނީރާގެ އަޑު އަހާލަން އެދޭކަން ހާމަކުރިއެވެ.

ލައިޒަލްއާ ދުރަށް ޖެހިލަން ނީރާ އިންތަނުން ތެދުވަން އުޅުނެވެ. ފޫހިއްލާ ނުލެވެނީސް ނީރާގެ އަތުގައި ލައިޒަލް ހިފާލިއެވެ. މޭޒުދަށުން ގުޅިފައިވި އެ ދެއަތްތިލަ އިތުރު މީހަކަށް ނުފެނެއެވެ. ލައިޒަލްގެ މޫނުން ފާޅުވި އަސަރުތަކުން އޭނާ އެ އެދެނީ ދުރަށް ނުދިއުމަށްކަން ނީރާއަށް އެނގުނެވެ. ހިތް ދެކޮޅެއް ނުވިއެވެ. އިންތަނުން ނީރާ ތެދުވުމުގެ ހިޔާލު ދޫކޮށްލީއެވެ. ވައަތްތިލައަށް މައިކް ހެޔޮވަރު ކޮށްލުމާއެކު މަޑުމަޑުން ލައިޒަލްގެ އަތުގެ ތެރެއިން އަތް ނެގިއެވެ. އެ މޫނާއި ކޮންމެ ހަރަކާތަކަށް ފާރަވެރިވެ ލައިޒަލް އިންކަން ނީރާއަށް އެނގެއެވެ. ރިދާއާއި އީހާން ލަވައެއް ހޮވަން އުޅުމުން ނީރާ އަތް ހޫރާލިއެވެ. އަދި ލަވައެއް ހޮވީ އޭނާ އަމިއްލައަށެވެ.

"ވަޓް!... ވާވް!..." ލިބުނު ސިހުމާއެކު ލައިޒަލްގެ ހިތް ބުނެލިއެވެ. ކަންފަތުގައި ޖެހުނު އަޑުގައި އެއްވެސް އައިބުކަމެއް ނެތެވެ. ހައިރާންވެ އަންތަރީސްވެފައި ނީރާއަށް ބަލަން ލައިޒަލްއަށް އިނދެވުނެވެ. ލަވައިގަ ކިޔަމުންދިޔަ ބަސްތަކާމެދު ލައިޒަލްއަށް ވިސްނާލެވުނެވެ. ނީރާ ހާމައެކުރަނީ ހިތުގެ ހާލުބާއޭ ލައިޒަލް ސުވާލު އުފެދުނެވެ. ދެ ހިތުގެ ހާލަކީ ވެސް އެއް ހާލެއްބާއެވެ. "މީ ލޯތްބަކީ..." އޭ ބުނާއިރު ނީރާއަށް ލޯބިވެވުނީ ބާއެވެ. ކޮންމެ ލަފުޒެއްމެ ހީވަނީ ލައިޒަލްއާ ދިމާއަށް އެއްލާ ބަހެއް ހެންނެވެ. ރައްދު ދޭން ލައިޒަލްގެ ހިތް ވެސް ތެޅިފޮޅިގަތެވެ. އުފަލުން އެ ހިތް ހީނލާއިރު އޭގެ އަސަރެއް ލައިޒަލްގެ މޫނަކު ނުވެއެވެ.

ލައިޒަލްއާ ދިމާއަށް ނީރާ މައިކު ދިއްކޮށްލުމާއެކު ކޮށްލި އިޝާރާތް އެންމެންނަށް ފުދުނެވެ. ދެން ލަވަ ކިޔަންވީ ލައިޒަލްކަން އެންމެން ވެސް އެއްބަސްވިއެވެ. މޭޒުމަތީ ބާއްވާލައިފަ އޮތް މައިކު ލައިޒަލް ނެގީ ނީރާއަށް ނަޒަރު ހުއްޓާލައިގެން އިނދެއެވެ. އެކަކަށް ވެސް ނޭނގެނީ އެ ދެ މީހުންގެ ދެމެދުގައި ބަދަލު ކުރެވެމުންދިޔަ މެސެޖުތަކެވެ.

"ސިންގް ވިތް މީ..." ނީރާ ތިރިކޮށްލި އަތްތިލައިގަ ހިފާލަމުން ލައިޒަލް ބުނެލިއެވެ.

ދެ ޒުވާނުންގެ އަޑު އިވިފައި އީހާން ހިމޭންވީއިރު ރިދާ ވެސް އިނީ އަޖައިބުވެފައެވެ. ލައިޒަލްއާއި ނީރާގެ އަޑުގައި ޖާދޫއެއް ވާފަދައެވެ. ލަވަނިމެންދެން އެކަކުވެސް އަޑެއް ލައްވާނުލައެވެ. ރިދާ އަތްތިލަ ބަޑި ޖަހާލީ ދެ ޒުވާނުންނަށް ތާރީފު ކުރަމުންނެވެ. އެންމެން އެދުމުން ވެސް އިތުރަށް ލައިޒަލް ލަވައެއް ނުކިޔެވެ. ޔަމާނާއި އީހާންގެ ސަކަރާތް ބޮޑުކޮށްލިއެވެ. އެމީހުންނަށް ގެއްލިފައި ޝީންއާއި ރިދާ ތިއްބެވެ. އެ ފުރުސަތުގެ ބޭނުން ހިފީ ލައިޒަލްއެވެ.

"ފޯނު އެބައޮތްތަ؟" ލައިޒަލް އަހާލީ ސިއްރުންނެވެ. އޭނާއަށް ނުބަލަން އިން ނީރާ ބޯޖަހާލިއެވެ. އަތްދަބަސް ތެރެއިން ފޯނު ނެގިއެވެ. ލައިޒަލް އަތް ދިއްކޮށްލުމުން ދޭންނުދޭން އުޅެފައި އެ އަތުގެ ތެރެއަށް ނީރާ ފޯނު ލައިދިނެވެ. ލޮލުގެ ހިމަކޮޅުން ލައިޒަލް ކުރާކަމެއް ނީރާ ބެލިއެވެ. އޭނާ ނީރާގެ ފޯނުން އަމިއްލަ ފޯނަށް ގުޅިއެވެ. އަދި ނީރާގެ ފޯނަށް ގުޅިއެވެ.

"ސޭވް އިޓް..." އަނބުރާ ފޯނު ނީރާއަށް ދިއްކޮށްލުމާއެކު ލައިޒަލް ބުނެލިއެވެ.

މީ ދެ ޒުވާނުންގެ ހަޔާތުން އާބާބެއްގެ ފެށުންކަން ޔަގީނެވެ. އެހެން މީހުންނަށް ނޭނގޭނެހެން ލައިޒަލް ދަމާލި އަތުގައި ފޯނު ސެޓުކޮށްލިއެވެ. ނީރާއާ ދެ މީހުން އަރާނޭހެން ކެމެރާ އަމާޒުކޮށްލުމާއެކު ލައިޒަލްގެ ފޯނުގައި އެވަގުތުގެ އެ ހިތްގައިމުކަން ގައިދުކޮށްފިއެވެ.

އެންމެން ކެފޭއިން ނުކުތް އިރު އެކެއް ޖަހާ ހިނގައްޖެއެވެ. އޭގެ ކުރީން ލައިޒަލް ހިނގައްޖެއެވެ. އީހާނާއި ޝީންއާއެކު ކާރުގައި ނީރާ ވެސް ގެއަށް އައެވެ. ދެ ލޯބިވެރިންނަށް ވަގުތު ދީފައި ކުރީބައިގަ ނީރާ އެޕާޓްމެންޓަށް އައިސް ވަނެވެ. އޭނާ ހީކުރިހެން ލަމްހާ ނިދަންވަދެއްޖެއެވެ. މުޅި އެޕާޓްމެންޓުގައި ވަނީ ފަނޑު އަލިކަމާއެކު ހިމޭންކަމެވެ. އޭނާ އައިސް ކޮޓަރިއަށް ވަން ގޮތަށް ދޮރު ތަޅުލިއެވެ. ދެން އައިސް އެނދު މައްޗަށް އުއްޑުން ވެއްޓިގަތެވެ. އެ ތުންފަތް ވަގުތުން ދެމިލައިފިއެވެ.

"ލައިޒަލް..." ނީރާ ކިޔާލިއެވެ.

ފިރިހެން ކުއްޖެއް ދެކެ މިހާ ގަޔާވި ހަނދާނެއް ނީރާގެ ނެތެވެ. އޭނާގެ ހިތް ލައިޒަލްގެ މައްޗަށް ލަންބުވާލީ ކިހިނެއްކަން ބުނާކަށް ނޭނގެއެވެ. ހާއްސަކޮށް މިރޭ ލައިޒަލް ސިއްރުން ކުރަމުން ދިޔަ ސަމާސާތަކުން ނީރާގެ ހިތަށް ވީ ގޮތް ބަޔާނެއް ނުކުރެވޭނެއެވެ. އެ ހަށިގަނޑުގެ ވިންދު އަވަސްވެ ލޯލިތައް ކޮޅަށް ޖެހި މުޅި ހަށިގަނޑުން ހީބިހި ނެގި އަދަދު ވެސް ނީރާއަށް ނޭނގެއެވެ. ކުރީން ނީރާއަށް ނުކުރެވޭ އެތައް ޖަޒުބާތަކައި ފުން އިހްސާސްތަކެއް ހަށިގަނޑުގައި އުފަންވެއްޖެކަން ގައިމެވެ. އެތައް އިރަކު ހިޔާލު ކުރުމުގައި އެނދުގައި ނީރާއަށް އޮވެވުނެވެ. އިރުއިރުކޮޅުން ފޯނަށް ބަލާލެވެނީ ލައިޒަލް ގުޅާފާނޭ ހީވާތީއެވެ. ނުތަނަވަސްކަމެއް ވެރިވީ ނިދެންވީއިރު ވެސް ލައިޒަލްގެ އިޝާރާތެއް ނުވީމައެވެ. ނަންބަރު ހޯދުމަށްފަހު ނުގުޅުމުން ނީރާ މާޔޫސްވީއެވެ.

* * * * *

ދުވަހަކަށްފަހު ދުވަހެއް ފާއިތުވެ މާޒީގެ ދޮރޯށިން ވަދެ ގެއްލެމުންދިޔައެވެ. ދުރުވެފައިވާ އެކުވެރީންގެ ގުޅުންތައް ގާތްވެއްޖެއެވެ. ލޯބިވެރީންގެ ލިސްޓުގައި ނަންތައް ލިޔެވި ފެވިފައި ވެއެވެ. އެ ލިސްޓުން ފާހަގަކޮށްލެވޭ ދެ ޖޯޑަށް އީހާނާއި ޝީންގެ އިތުރުން ލައިޒަލްއާއި ނީރާ ވެއްޖެއެވެ. އާއިލާއާ ހަމައަށް ފެށުނު އާ ގުޅުމުގެ ވާހަކަ ގެންނާކަށް އެތަނުން އެކަކުވެސް ތައްޔާރެއް ނޫނެވެ. އެކަމުގައި ލައިޒަލްއާއި ނީރާ އުޅެނީ ވަކިން ބަލައިގެންނެވެ. އެކުވެރިއަކަށް ވެސް އެ ދެމެދުގައި ކަމެއް ހިނގާކަމުގެ ހިލަމެއް ނުވެއެވެ. ނަމަވެސް ޔަމާނުގެ ޝައްކުގެ ނަޒަރު ލައިޒަލްއަށް ހުއްޓިފައި ވިއެވެ. އޭނާއަށް ވެސް އެނގޭ މިންވަރަކީ ލައިޒަލްއަށް ނީރާ ކަމުގޮސްފިކަމެވެ. އެ އިހްސާސްތަކާއެކު ނީރާއާ ކުރިމަތިލާން ލައިޒަލް ބޭނުންވާހެން ޔަމާނުގެ ހިތެއް ނުބުނެއެވެ.

އުޝާއާއެކު ވަދެގެން އައި ލައިޒަލް ފެނި މޭޒުދޮށުގައި އިން ނީރާއަށް ތުންހަދާލެވުނީ ބޭއިހްތިޔާރުގައެވެ. ލައިޒަލްގެ ކަނާއަތު މުލައްދަނޑީގައި އުޝާގެ އަތް އަޅުވާލައިފަ އޮތް ގޮތުން އެ ދެ ޒުވާނުން ފެންނަ ކޮންމެ މީހަކަށް މާނަކުރެވޭނީ ކިހިނެއްކަން ނީރާއަށް ވިސްނުނެވެ. ރޭގަނޑު ކެއުމުގައި އެންމެހާ އެކުވެރީން ބައިވެރިވީއިރު ލައިޒަލް އަންނާނީ އުޝާ ގޮވައިގެންކަން ނީރާއަށް ކުރީން އޮތީ އެނގިފައެވެ. އެކަން ހުދު ލައިޒަލް އަމިއްލައަށް ނީރާ ގާތު އޮތީ ބުނެފައެވެ. އެހެންވިޔަސް އެ ދެ މީހުން އެކުގައި ފެނުމުން ނީރާގެ ހިތަށް ނުބައި ގޮތެއް ވަނީއެވެ.

"ޑޯންޓް ބީ ޖެލަސް." ގޮނޑީގައި ހަމަޖެހިލުމާއެކު ލައިޒަލް ފޯނުން މެސެޖުކޮށްލިއެވެ. ވަދެގެން އައިއިރު ނީރާގެ މޫނުން ފާޅުވި ކޮންމެ އަސަރެއް ލައިޒަލް ދުށްޓެވެ. ނީރާގެ ހިތަށް ވީ ގޮތް ދެނެގަންނަން ލައިޒަލްއަށް އެނގެނީ އެހެންވެއެވެ. ފޯނު ބަލާލާފައި ނީރާ ތުން އަނބުރާލިއެވެ.

އެކުވެރީންގެ މެދުގައި ރާވަމުން އައި ދަތުރާ ބެހޭ ގޮތުން ދެކެވިފައި އޮތް ވާހަކައާ މެދު އިތުރު މަޝްވަރާތައް ފެށުނެވެ. ފަޅުރަށަކަށް ދާން ޔަމާނު ހިޔާލު ފާޅުކުރިއެވެ. ނަމަވެސް ހަގީގަތަކީ ދާނެ ރަށެއްގެ ހިޔާލު އޭނާއާ މާކުރިން ލައިޒަލް އޮތީ ހިއްސާކޮށްފައެވެ. އެކަން ދެންތިބި އެއްވެސް މީހަކަށް ނޭނގެއެވެ. ފުރުމުގެ ކަންކަން ހަމަޖައްސާނީ ލައިޒަލްކަން ބުނީ ވެސް ޔަމާނެވެ. އެމީހުންގެ ތެރޭ މާގިނަ ވާހަކަ ދައްކާ މީހަކަށް ލައިޒަލް ނުވެއެވެ. އެކަމަކު ބައެއް ކަންކަމުގައި އޭނާ ހިޔާލު ފާޅުކުރެއެވެ. އުޝާ ފުރަތަމަ ވެސް ބެލީ ލައިޒަލް ދަތުރުގައި ބައިވެރި ވޭތޯއެވެ. ހިޔާލު ތަފާތުވާނެ ދެމީހުންނަށް ތިބީ ލައިޒަލްއާއި އުޝާ އެކަންޏެވެ. އޭގެ ދެ މީހުން ދާން އެއްބަސްވުމަކީ މުޅި ގުރޫޕު އެކުގައި ދެވޭނެކަމުގެ ޔަގީންކަން ލިބުމެވެ.

"އެކުދީން ވެސް ނުތިބޭނެ މިކޮޅުގަ، އެމީހުން އަންނަންވާއިރަށް ލަމް ގޮވައިގެން އަންނާނަމޭ." ސުޖާއު ބުނެލިއެވެ.

"މިހާރު ވަރަށް ސަކަރާތްބޮޑުކޮށްލައިގެން އުޅެނީ." ފިރިމީހާއާއެކު ސޯފާގައި އިން ލަމްހާ ބުންޏެވެ.

"އެއީ އީހާނު އަބަދުވެސް އުޅޭ ގޮތެއްނު، މިހާރު އެކުއްޖާ ހަމައަކަށް އެޅިއްޖެކަން ޔަގީންވޭ، ލަމް ހާސްނުވެބަލަ، ކިހާ ދުވަހެއް ފަހުން އެކުދީން ދަތުރެއް ދާން އެ ނިންމީ. ދަނީ ކޮންބައެއްކަން އަހަރެމެންނަށް އެނގެއެއްނު." ސުޖާއުގެ ވާހަކައަށް ލަމްހާ ބޯޖަހާލިއެވެ.

"ސުޖާ ދައްޗޭ އެކުދީން ފުރާ ގަޑިއަށް." ލަމްހާ ބުންޏެވެ.

ދަރީން ލޯ ކުރިމަތިން ދުރަށް ހިނދުކޮޅަކަށް ވެސް ދިއުމަކީ މަންމަގެ ހިތަށް ނުތަނަވަސްކަން ވެރި ކުރުވާނޭ ކަމެކެވެ. މިނިވަންކަން ދަރީންނަށް ދެނީ އެކުދީންނަށް ވަރަށް ބޮޑު އިތުބާރެއް ކޮށްފައެވެ. ލަމްހާގެ އިތުބާރު ގެއްލޭވަރު ކަމެއް އެކުދީން ކޮށްފައެއް ނުވެއެވެ. ދޮގެއް ހަދާފައެއް ވެސް ނެތެވެ. ދަރީން އުޅޭނޫޅޭ ގޮތް ބަލަން ފަސްފަހަތުން ނުދިޔަޔަސް ލަމްހާއަށް އެކުދީން އުޅޭ ގޮތް އެނގެނީ އެހެންވެއެވެ. އެކުދީން އަމިއްލައަށް ކިޔާދޭތީއެވެ.

ޖެހިގެން އައި ދުވަހު އިރު އަރަންވާއިރަށް ލާންޗު އޮތް ދިމާ ތޮށިމައްޗަށް އެންމެން އެއްވެއްޖެއެވެ. ސުޖާއު ކައިރީ ނީރާ މަޑުކޮށްލައިގެން ހުއްޓެވެ. މޫދަށް އެރި އުޅުމުގަ ބަލައިގެން އުޅޭން ސުޖާއު ނަސޭހަތް ދިނެވެ. އޭނާގެ ކޮންމެ ވާހަކައަކަށް ނީރާ ބޯޖަހަޖަހާ ހުއްޓެވެ. ސުޖާއު އައީތީ އޭނާއަށް ކަމެއް ފާހަގަވިއެވެ. އީހާން މާ ގާތްކޮށް އަންހެން ކުއްޖަކާ ވާހަކަދައްކާ ކަމެވެ. ނީރާ ގާތު އެއީ ކޮންކުއްޖެއްތޯ އަހާލުމުން ސުޖާއަށް އެނގުނީ ހަމައެކަނި ނަމެވެ. ހަމައެއާއެކު ނީރާ ތަފްސީލު ނުދޭނެކަން އެއީ ދުވާލު ފަދައިން ސުޖާއަށް ޔަގީންވެއެވެ. އޭނާއަށް ހީނލެވުނީ އެހެންވެއެވެ. ލާންޗަށް އަރަން އީހާން ގޮވާލުމުން ސުޖާއު އަތުން އިޝާރާތް ކުރަމުން ކައިރިއަށް އީހާން އައުމަށް އެދުނެވެ.

"ކަމެއްވީތަ؟" އީހާން އައިސް ހުއްޓިލަމުން އަހާލިއެވެ.

"ދަރިފުޅު ބަލައްޗޭ ނީރާއަށް. ދެކުދީން އެކީގަ އިނގޭ އުޅޭނީ... މޫދަށް އެރޭއިރު ބަލާތި. އެހާ ފުނަށް ނީރާ ނުގެންދާތި އިނގޭ. ފަތަން އެނގުނަސް ބަލައިގެން އުޅެއްޗޭ. އެކޮޅަށް ދެވުނީމަ ނުގުޅުނަސް، މެސެޖެއް ވިޔަސް މަންމައަށް ފޮނުވާތި." ސުޖާއު ވާހަކަދައްކަމުން އީހާންގެ ކޮނޑުގައި އެއްއަތުން ހިފަހައްޓާލިއެވެ. އީހާން ބޯޖަހާލީ ސުޖާއުގެ ބަސް ގަބޫލުކުރިކަން އެންގުމަށެވެ. އޭނާއާއެކު ނީރާ ގޮވައިގެން ގޮސް ލާންޗަށް އެރިއެވެ. ލާންޗު ފަޅުން ނުކުންނަންދެން ސުޖާއު ދޮށިމަތީ ބަލަން ހުއްޓެވެ.

"ކީކޭ ބައްޕަ ބުނީ؟" ނީރާގެ ކައިރީ އިށީން ލައިޒަލް އަހާލިއެވެ.

"ސްޓެޕް ޑޭޑް." ލައިޒަލްއަށް އެރި އޮޅުން ނީރާ ރަނގަޅުކޮށްލަ ދިނެވެ.

"ބިރެއް ނުގަނޭތަ އެންމެންނަށް އެނގިދާނެތީ، އުޝާ މިހާރު ވެސް އެބަ ބަލާ." ނީރާ ބުނެލިއެވެ.

"ބިރުގަންނަންވީ ނީ، ދާން މިއުޅެނީ އަހަރެންގެ ޓެރިޓަރީއަށް... އައި ވިލް ހަންޓް ޔޫ، ސަލާމަތެއް ނުވެވޭނެ، މިހާރުއްސުރެ އަހަރެން ކުރާނޭ ކަންތައްތަކާ މެދު ހިޔާލު ކުރަން ފަށާ." ލައިޒަލް މިހެން ބުނުމާއެކު ސިއްރުން ކުޑަވައި އިނގިލިން ނީރާގެ ފަލަމަސްގަނޑުގައި ފިރުމާލިއެވެ. ހީލި އެރުމާއެކު ލައިޒަލްގެ އަތުގައި ނީރާ ކުއްލިއަކަށް ހިފަހައްޓާލިއެވެ.

"ބްލަޝްވާން އަދި މާ އަވަސް." ސަމާސާއާއި ލާނެތްކަން ލައިޒަލްގެ އަޑުގައި ވިއެވެ. ދެމީހުން ބައްދަލުކޮށް ހަދަނީ ހަމައެކަނި ކޮފީމޭޒެއްގެ ދޮށުންނެވެ. ގިނަ ވަގުތު ހޭދަކުރަނީ ފޯނުގައެވެ. މިއީ ދެމީހުންނަށް އެކުގައި ވަގުތު ހޭދަކުރަން ލިބުނު ފުރުސަތެއްކަމުގައި ނީރާ ވެސް ގަބޫލުކުރެއެވެ. އެކަމަކު ލައިޒަލް މިހާ ލާނެތްވާނޭ ނީރާ ހިތަކަށް ނާރައެވެ.

"އެ ދެ މީހުން ކަމެއްތަ؟" ޔަމާނު ގަމީހުގެ ގިރުވާނު ކަނުގައި ހިފައި ގާތަށް ދަމާލުމާއެކު ކަންފަތް ދޮށުގައި ސިއްރުން ރިދާ އަހާލިއެވެ.

"ލައިޒަލް އެއްބަހެއްނުވޭ." ޔަމާނު ބުނެލިއެވެ.

"ވަރަށް ގުޅޭ އެ ދެމީހުން. ރައްޓެހިނުވެ ތިބިއްޔާ މިދަތުރު ނިމޭއިރު އެކަން ބަދަލުވާނެ." ލާނެތް ހިންޏަކާއެކު ރިދާ ބުނެލިއެވެ.

އުޝާ އިންތަނުން ތެދުވެގެން އައިސް ލައިޒަލްއާއި ނީރާގެ ކުރިމަތީ ހުރި ގޮނޑީގައި އިށީނެވެ. އުޝާ އައުމުން ލައިޒަލް އަވަހަށް ނީރާގެ ފައި ކައިރިން އަތް ނަގައި ދެއަތް އުރާލައިފިއެވެ. އުޝާއަށް ނިތް އަރުވާލީ ކިހިނެއްވީތޯ އަހާލި ހެންނެވެ.

"އެކަނި ނީންނަން މިއައީ..." ލައިޒަލްގެ އިޝާރާތަށް އުޝާ ޖަވާބު ދިނެވެ. އެކަމަކު އެއީ ހަގީގަތުގެ އެއްބައެވެ. އޭނާ އައީ ލައިޒަލްއާއި ނީރާއާ ދެމެދު ހިނގަނީ ކޮންކަމެއްކަން އެނގޭން ބޭނުންވާތީއެވެ. ދެމީހުން ސިއްރު ވާހަކަތަކެއް ދައްކާހެން ހީވާތީއެވެ. ނީރާގެ ހަރަކާތްތަކުން ލައިޒަލް އޭނާއަށް ކަމެއްކުރަނީއޭ ވެސް އުޝާއަށް ހީވީއެވެ. ރަތްވެފައިވާ ނީރާގެ މޫނު ލާންޗުން ބޭރަށް އަނބުރާލި ނަމަވެސް ކޮންމެވެސް ކަމަކާ ނީރާ ލަދުގެންފައިކަން އެއިނީ ބުނަން އުޝާއަށް އެނގެއެވެ. (ނުނިމޭ)