ޗައިނާއިން ބުނަނީ އެމެރިކާއިން ބައެއް ފަހަރު ޗައިނާ ބޮލުގައި ކޮވިޑް އަޅުވާ ކަމަށާއި މިހާރު އުޅެނީ ސައިބާ ސެކިޔުރިޓީއޭ ކިޔައިންގެ އަނގައެއް ތެޅުވޭތޯ ކަމަށެވެ. އަދި ޗައިނާއިން ބުނަނީ އެމެރިކާއަށް އުޅެން ދަސްކޮށްދީފައި އެހެން ކަމެއް ކުރާނެ ވަގުތު ދުނިޔޭގެ ގައުމުތަކާށް ނުލިބޭ ކަމަށާއި އަޅައިގެންފި ގައުމަކުން ނެއްޓޭނެ ގޮތް ބުނެދޭން ޖެހެނީ ވެސް އެހެން ބަޔަކަށް ކަމަށެވެ.
އެމެރިކާއިން ބުނާ ގޮތުން މައިކްރޮސޮފްޓް އެކްސްޗޭންޖް އީމެއިލް ސާވާތަކަށް ހެކަރުން ދިން ހަމަލާތައް ސްޕޮންސާކޮށްފައި ހުރީ ޗައިނާއިންނެވެ. މީގެ ކުރިން އެނގިފައި ނެތް ބަލިކަށި ކަމަކުން ނާޖާއިޒު ފައިދާ ނަގައި ސާވާތަކަށް ބޮޑެތި ގެއްލުތަކެއް ދީފައި ވަނީ ޗައިނާއިން ފަންޑު ކޮށްގެން ކަމަށް ވެސް އެމެރިކާއިން ތަކުރާރުކޮށް ވަނީ ބުނެފަ އެވެ.
ޗައިނާއިން ބުނީ އެމެރިކާއިން މިހާރު އެ ދައްކަނީ އާ ވާހަކަތަކެއް ނޫން ކަމަށާއި އަޑެއް ހަމަ އިވޭއިރަށް އެ އަޑެއް އެއީ ޗައިނާއިން އިވުނު އަޑެއް ކަމަށް ބުނެ އަބަދުވެސް އިނގިލި ދިއްކުރާ ކަމަށެވެ.
ޗައިނާއިން ބުނާ ގޮތުން އަބަދު އެއްވާހަކައެއް ދައްކަނީ ބަޔަކު އަޑުއަހާނެ ކަމުގެ އުންމީދުގައި ކަމަށާއި އެއް ވާހަކައެއް ތާއަބަދު ދައްކަން ހަދައިގެން ދުނިޔެ ފޫހިވެއްޖެ ކަމަށެވެ.
އެމެރިކާގެ ވޮޝިންގްޓަންގައި ހުންނަ ޗައިނާ އެމްބަސީން ނެރުނު ބަޔާނެއް ބުނާ ގޮތުން ސައިބާ އެޓޭކަކީ ކޮންމެ ގައުމަކަށް ވެސް އޮތް ބިރެކެވެ. އަދި ވަކި ފަންނެއްގައި އެންމެ މޮޅު ގައުމަކީ ޗައިނާ ކަމަށް ނިންމައިގެން ނުތިބޭ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.
ޗައިނާއިން ބާރުގަދަ ހަމަލާތަކެއް އެހެން ބަޔަކަށް ދޭއިރު އެފަދަ ހަމަލާތަކެއް ޗައިނާއަށް ވެސް އަރާފާނެ ކަމަށް ވިސްނާ ކަމަށާއި ސައިބާއެޓޭކިންއާ މެދު އެހާ ސީރިއަސްކޮށް ޗައިނާއިން ވިސްނަނީ އެކަން ކުރަން ބޭނުން ނުވާތީ ކަމަށެވެ.
އެމެރިކާއިން ޗައިނާއަށް އިނގިލި ދިއްކުރަނީ އެންމެ ކަމެއްގައި ނޫން ކަމަށާއި އެކަމަކު ހެކި ދައްކަން އެދުމުން ޖެހިލުންވާން އެނގޭ ކަމަށް ޗައިނާ އެމްބަސީގެ ތަރުޖަމާން ވިދާޅުވި އެވެ.
މައިކްރޮސޮފްޓް އެކްސްޗޭންޖް ސާވާތައް ހެކޮކޮށްފައި ވަނީ ޗައިނާގެ މިނިސްޓްރީ އޮފް ސްޓޭޓް ސެކިޔުރިޓީއާ ގުޅުން އޮންނަ ބަޔަކު ކަމަށް އެމެރިކާގެ އިތުރުން އިނގިރޭސިވިލާތާއި ޔޫރަޕިއަން ޔޫނިއަން އަދި ނޭޓޯއިން ވެސް ބުނެ އެވެ. މިއީ އެއްއަޑަކުން ވާހަކަދައްކާ ބައިގަނޑަކަށް ވާތީ އަސްލު ހަގީގަތް ގިނަފަހަރު އޮންނަނީ ފޮރުވިފަ އެވެ.