ވަޒަންތަކެއް ފެނިގެން ހައްޔަރުކުރި ފަތުރުވެރިޔާ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްލައިފި އެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ ތަރުޖަމާން އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ވިދާޅުވީ ވަޒަންތަކެއް ގެންގުޅުނު ފަތުރުވެރިޔާ ޑީޕޯޓްކޮށްލީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
ފަތުރުވެރިޔާގެ އަމަލަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލަކަށް ވާތީ އޭނާ ޑީޕޯޓްކޮށްލީ ދުވަހަކުވެސް ރާއްޖެ އަށް ނާދެވޭ ގޮތަށެވެ.
ރާއްޖޭގައި އުޅުމަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ހުއްޓާ ނެމީބިއާއަށް ނިސްބަތްވާ އުމުރުން 60 އަހަރު ފަތުރުވެރިޔާގެ ދަބަހުން ވަޒަންތަކެއް ފެނިގެން ހައްޔަރުކުރީ މިމަހުގެ 10 ވަނަ ދުވަހު އެވެ.
ފަތުރުވެރިޔާގެ ބަންދަށް ޖެހި ހަތަރު ދުވަސް ހަމަވުމުން އެނާ ޑިޕޯޓްކޮށްލުމަށް އިމިގްރޭޝަނާ ހަވާލުކުރީ މިމަހުގެ 14 ވަނަ ދުވަހު އެވެ.
އޭނާގެ ދަބަހުން ވަޒަންތަކެއް ފެނުނީ ބަލައި ފާސްކުރަނިކޮށް އެއާޕޯޓުގައި ތިބޭ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އޮފިސަރުންނަށެވެ.
ވަޒަންތަކެއް ފެނުނު ނަމަވެސް އެއީ ކިތައް ވަޒަން ކަމެއް އަދި އެ ވަޒަންތައް އެތެރެކުރި ގޮތާ ގުޅޭގޮތުން ކަމާ ގުޅޭ އިދާރާތަކުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
މީގެކުރިން ބައެއް ދިވެހިންގެ ދަބަހުން ވަޒަން ފެނުމާ ގުޅިގެން ހަނގުރާމަވެރި ހަތިޔާރު އަތުގައި ބެހެއްޓި ކަމުގެ ދައުވާ އުފުލާފައިވެ އެވެ.