ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ)އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ) އެވެ. މި ތިން މީހުންނަކީ މެއި ހައެއްގެ ހަމަލާއާ ގުޅިގެން ފުރަތަމަ ހައްޔަރުކުރި ތިން މީހުންނެވެ.
ހަމަލާގެ އިސް މީހަކީ އަދުހަމް ކަމަށް ފުލުހުން ބުނެ އެވެ. ހަމަލާ ދިނުމަށް ބޭނުންކުރި އައިއީޑީ ގޮއްވާލާފައިވަނީ އަދުހަމް އެވެ. ތަހްމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ. ފާތިހް އަކީ ހަމަލާ ދިން ތަނުގައި ސައިކަލް ބެހެއްޓި މީހާ އެވެ. މުޖާޒް ހައްޔަރުކޮށްފައިވަނީ ހަމަލާ ރޭވުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގަ އެވެ.
އަދުހަމް ހައްޔަރުކުރީ އޭނާ ދިރިއުޅޭ ހުޅުމާލޭގެ ފްލެޓް (95-ޖީ-02) ގައި ހުއްޓާ މިދިޔަ މެއި މަހުގެ ނުވަވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. މުޖާޒް ހައްޔަރުކުރީ އަލިކިލެގެފާނު މަގުގައި ހުރި ގ. ފެހިދޯދިގޭގައި ކުއްޔަށް ދީފައިވާ ތަނަކުން މިދިޔަ މެއި މަހުގެ އަށްވަނަ ދުވަހު އެވެ. ހުޅުމާލެ އިން ތަހުމީން ވެސް ހައްޔަރުކުރީ މެއި މަހުގެ އަށްވަނަ ދުވަހު އެވެ
އަދުހަމް އާއި މުޖާޒް އަދި ތަހުމީނުގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވަނިކޮށް މިއަދު އެ މީހުންގެ ބަންދާއިމެދު ގޮތް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެއިތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މެއި މަހުގެ ހަވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން 8 މީހެއްގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެކަކު ވަނީ ބަންދުން ވީއްލިފައެވެ.