ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހަ ކޯޕަރޭޓިވްއަކަށް 50 މިލިއަން ރުފިޔާ ދޫކޮށް، ވެލިއުއެޑެޑް އުފެއްދުންތަކުގެ ގޮތުގައި 77 ބާވަތެއް ތައްޔާރުކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
ދަނޑުވެރިން/ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ ވޭތުވެދިޔަ ހަ ކޯޕަރޭޓިވް ސޮސައިޓީއަކަށް 50 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި، މިދިޔަ އަހަރު ލިބުނު ރިކުއެސްޓަކާ ގުޅިގެން ނައިފަރުގައި އިތުރު ކޯޕަރޭޓިވްއެއް އުފައްދައި އިތުރު 37 ބާވަތެއް ބާޒާރަށް ތައާރަފު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"އުފެއްދުންތެރިކަން އަޅުގަނޑުމެންނަށް ނެރެވިއްޖެ. ވެލިއުއެޑެޑް ޕްރޮޑަކްޓްތައް އުފެއްދިއްޖެ. ރައީސް ޔާމީންގެ ޕޮލިސީތައް މިހުރީ ވަށާ ޖެހިފައި. އެގޮތުން އިގްތިސާދު ރަނގަޅު ކުރުމަށް އުފެއްދުންތެރިކަން އިތުރު ކުރުމަށް ކުރެވޭ މަސައްކަތަކީ މިނިސްޓްރީން ވަރަށް އިސްކަމެއްދޭ ކަމެއް،" ޝައިނީ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި މަސައްކަތުގެ ތެރޭގައި ދެ އަހަރު ތެރޭގައި ފަޅޯ ޕްރޮސެސް ކުރާނެ އިކްއިޕްމަންޓް ފޯރުކޮށްދެވިފައިވާ ކަމަށާއި، މީގެ އިތުރުން ރާއްޖޭގައި އެންމެ ގިނައިން އަނބުގަސް ހުރި ފުވައްމުލަކުގައި ޕްރޮސެސް ކުރާނެ ސާމާނު ވެސް ފޯރުކޮށްދެވިފައިވާ ކަމަށެވެ.
"މި ސިސްޓަމްގެ ތެރެއިން ބޭރު މާކެޓަށް ނެރެވޭ ވަރަށް އަލަ ޗިޕްސް ޕެކެޓު ނެރެވިއްޖެ،" ޝައިނީ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކެމްޕޭން ދުވަސްވަރު ރަށްރަށަށް ދަތުރުކުރިއިރު އެންމެ ބޮޑަށް ލިބުނު ޝަކުވާއަކީ ދަނޑުވެރިކަމުގެ އުފެއްދުމަށް މާކެޓު ނުލިބުން ކަމަށެވެ.
"މިހާރު މިނިސްޓްރީން އިއުލާނުކޮށް ކޮންޓްރެކްޓް ހަދާ ފަރާތްތަކަށް މަޖުބޫރު ކުރުވަން އެތަކެތި މާކެޓަށް ނެރެދޭން. މިއީ ކޮންޓްރެކްޓް ހަދާއިރު އެ ބޭފުޅުންނަށް އޮންނަ ކޮންޓްރެކްޓިވް އޮބްލިގޭޝަންއެއް. ކުރިއަށް އޮތް ދުވަސްތަކުގައި ފެންނާނެ މި އުފެއްދުންތައް ގަންނާނެ ކުންފުނިތަކެއް،" ޝައިނީ ވިދާޅުވި އެވެ.