މާލޭ ސިޓީ

ހެންވޭރު ކުކުޅުތައް ކަތިލަން ފުލުހުން ބައިވެރިއެއް ނުވޭ

Jul 22, 2021
1

ހޭންވޭރު އަވަށުގެ "ކުޑަ ހެންވޭރު" ސަރަހައްދުގައި އުޅުނު ކުކުޅުތަކެއްް ފުލުހުން ކަތިލާފައިވާ ކަމަށް ކުރާ ތުހުމަތުތައް އެ އިދާރާއިން ދޮގުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ ސަރަހައްދަށް ދޫކޮށްލާފައިވާ ކުކުޅުތަކެއް ހިފައި ކަތިލާފައިވާ ކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ހުށަހަޅާފައި ވަނީ އިއްޔެ އެވެ.

އެ މައްސަލަ ފުލުހަށް ހުށަހެޅީ އާންމުންގެ މީހެކެވެ. އެކަމުގައި މިހާތަނަށް ބެލިބެލުމުން ފުލުހުންގެ އެއްވެސް ބައިވެރިވުމެއް އޮތް ކަމަށް އެނގިފައި ނުވާ ކަމަށް ވެސް ބުންޏެވެ.

"މި މައްސަލައާ ގުޅިގެން އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖް މިހާތަނަށް ބެލި ބެލުމުން ފުލުހުންގެ ޔުނީފޯމުގައި ތިބި ބަޔަކު އެފަދަ ކަމެއް ކޮށްފައި ވާކަން ފާހަގަކުރެވިފައެއް ނުވޭ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެއީ އެ ސަރަހައްދުގައި ކާން ދީގެން އޮޅުކޮށްފައި ތިބި ކުކުޅުތަކެކެވެ. އެ ކުކުޅުތައް މަރާލާފައި ވަނީ ފުލުހުންތަކެއްކަން ފެންމަތިކޮށްފައި ވަނީ ސޯޝަލް މީޑިއާގަ އެވެ. ފުލުހުންނަށް އަމާޒު ވެފައިވާ އެ ތުހުމަތުތައް ދޮގުކޮށްފައި މިވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް މި މައްސަލައިގައި ފުލުހުންނަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނި ކޮށެވެ.