(20 ޖުލައި 2021 އާ ގުޅޭ)
ދެމީހުން ސިއްރު ވާހަކަތަކެއް ދައްކާހެން ހީވާތީއެވެ. ނީރާގެ ހަރަކާތްތަކުން ލައިޒަލް އޭނާއަށް ކަމެއްކުރަނީއޭ ވެސް އުޝާއަށް ހީވީއެވެ. ރަތްވެފައިވާ ނީރާގެ މޫނު ލާންޗުން ބޭރަށް އަނބުރާލި ނަމަވެސް ކޮންމެވެސް ކަމަކާ ނީރާ ލަދުގެންފައިކަން އެއިނީ ބުނަން އުޝާއަށް އެނގެއެވެ. ލައިޒަލްއަކީ ބަސްމަދު މީހެއްކަން އެނގޭތީ އޭނާ ރައްދު ނުދިނުމުން އެކަން ބޮޑުކަމަށް އުޝާއަކަށް ނުވިއެވެ. ނީރާ ވާހަކަދައްކަން މަސައްކަތެއް ނުކުރީ އުޝާއާ ބައްދަލުވީ ފުރަތަމަ ދުވަހުން ފެށިގެން އޭނާ ބަލާގޮތް ތަފާތުކަން އެނގޭތީއެވެ. އަނެއްކާ އެންމެންނާ ވާހަކަދައްކާއިރު ވެސް ނީރާއާ ވާހަކަނުދައްކާ ވޭތޯ އުޝާ ބަލާކަން ވެސް ނީރާއަށް އޮތީ ފާހަގަވެފައެވެ. އޭނާގެ މައްސަލައަކީ ކޮބާކަމެއް ނޭނގެއެވެ. އެނގުން ނީރާއަށް މުހިންމު ކަމަކަށް ހުދު އޭނާ ނުދެކެވެ.
"އައުޗް!... އަޅޭ!... އައުޗް!...ލައިޒަލް..." ކުއްލިއަކަށް އުޝާ ލޮލުގައި އަތް އަޅާލުމާއެކު ތެދުވެގެން އުޅޭން ފެށިއެވެ.
"ލޮލަށް ކިހިނެއްވީ؟" ލައިޒަލް ކުރިއަށް ޖެހިލިއެވެ. ކުރިމަތީ އިން އުޝާ ކަނާއަތުން އެއް ލޯ ފޮރުވާލައިގެން އިނދެ އަނެއްއަތް ތަޅުވަމުން ލޮލަށް އެއްޗެއް ވެއްޓިއްޖެޔޭ ބުނެލިއެވެ. އޭނާ އަތް ދުރަށް ލަމުން އަވަސްއަވަހަށް އެސްފިޔަ ޖެހިއެވެ. ދެން އަތުން ލޯ އުނގުޅަން ފެށިއެވެ. ލައިޒަލް ވަގުތުން ތެދުވެ އުޝާގެ ކައިރީ އިށީނެވެ. ލޯ ދެއްކުމަށް އެދި އުޝާގެ ދަތްދޮޅީގައި ލައިޒަލް ހިފާލިއެވެ. އެ ދެމީހުންގެ ހަރަކާތްތަކަށް ބަލަން އިން ނީރާއަށް ދަތްކުނޑިވިކާލެވުނެވެ.
"ކަޅުކުލައިގެ ބޮޑު ވަށް އެއްޗެއް ލޮލުގައި އިނީ ކަންނޭނގެ. ހުދުބައި ބަލާބަލަ." އެއްވެސް އަސަރެއްނެތް ގޮތަކަށް ނީރާ ބުނެލިއެވެ. ލައިޒަލްއަށް އިވި ނީރާއަށް ލޯ ބޮޑުކޮށްލިއެވެ. އުޝާއާ ދިމާކުރާން ނީރާ ބުނި އެއްޗެއްކަން ލައިޒަލްއަށް އެނގުނެވެ. އޭނާ ބޮލުން އިޝާރާތްކޮށްލީ އެކަން ނުކުރުމަށެވެ.
އުޝާގެ އެއްލޯ ރަތްވެ ފެންއަންނަމުންދިޔައެވެ. ލައިޒަލްއަށް ލޮލަށް ވެއްޓުނު އެއްޗެއް ނުފެނުނެވެ. ނީރާގެ ދަބަހުން ނެގި ފެންފުޅި ލައިޒަލްއަށް ދިއްކޮށްލިއެވެ. ފެނުން ލޯ ދޮވެލަން ނީރާ ބުންޏެވެ. ފެންފުޅީގެ މަތި ނަގައި އުޝާ ކައިރީ ލާންޗުން ބޭރަށް ކުޑަކޮށް ބޯދިއްކޮށްލަން ލައިޒަލް ބުންޏެވެ. އޭނާ އުޝާއަށް އެހީވުމުގައި އުޅެނިކޮށް ނީރާ ތެދުވެއްޖެއެވެ. އޭނާ ގޮސް އިށީނީ އީހާނާއި ޝީން ކައިރީއެވެ. އުޝާގެ މޫނު ޓިޝޫއަކުން ފުހެލުމަށްފަހު ލޮލުގައި ޓިޝޫ ޖައްސާލައިގެން އިނެވެ. އޭނާ ހަނދާންނެތި އަވި އައިނު ނުގަންނަކަން ފާހަގަކުރިއެވެ. ލައިޒަލްގެ އަވިއައިނު އޭނާ ނެގުމާއެކު ލޮލުގައި އަޅާލިއެވެ. އެކަމާ ލައިޒަލް ވަކިއެއްޗެއް ނުބުންޏެވެ. ނަމަވެސް ނީރާ ދިއުމުން އެކަމާ ލައިޒަލް އެއްގޮތަކަށް ވެސް ގަޔާއެއް ނުވިއެވެ.
"މާދުރުގަ ތިއިނީ؟ އާދޭ ހަމަމިހާރު." ފޯނަށް އައި މެސެޖު ނީރާ ކިޔާލިއެވެ.
"ދެން ވެއްޓޭނީ ބޮޑު ފަރުބަދައެއްނޫން ކަމެއް ނޭނގެ. އެ ނަގަން އަދި ހޭދަވާނީ ކިހާ އިރެއްކަމެއް ނޭނގެ. ވެއްޓުނު އެއްޗެއް ފެންނަވަރުވާނީ ދެ މީހުންގެ ތުންފަތް ގުޅޭ ހިސާބުން ތޯއްޗެއް. ނޫޅެން ދާކަށް." ފޫހިކަމުގެ އިމޯޖީއަކާއެކު ލައިޒަލްއަށް ނީރާގެ ޖަވާބު ފޮނުވާލިއެވެ. އޭގެ ރައްދެއް ލައިޒަލް ނުދިނެވެ. ނީރާގެ ތުންކޮޅު ދިގުވެލިއެވެ.
ފަޅުރަށަށް ފޭބިއިރު އެހެން ބަޔަކު ވެސް އެ ރަށަށް ދަތުރު އައިސް އުޅޭތީ ފެނުނެވެ. ލާންޗުން ހުރިހާ އެއްޗެއް ރަށަށް ބާލާ ނިމުމުން ލާންޗުގެ ކައްޕިއާ ލައިޒަލް ވާހަކަދެއްކިއެވެ. އެމީހުން ބަލާ އަންނަންވީއިރެއް ލައިޒަލް ބުންޏެވެ. އެއީ އޭނާގެ ބޭންޑު ދަތުރުތައް ވެސް ކޮށްދޭ ލާންޗެވެ.
ބޮޑު ތުނޑިއަކާއި ކައިރީގަ ފިނޮޅެއް އޮންނަ އެ ފަޅުރަށަކީ ބޮޑު ރަށެއް ނޫނެވެ. ބޮޑު ފަޅެއް އޮވެއެވެ. ހިކިދިޔައިގަ ކައިރީގަ އޮންނަ ފިނޮޅަށް ހިނގާލާފައި ގޮސް އެރޭހާ ކައިރިއެވެ. ރީތިކަމުން އެއްގަމަށް އަރާ ހިތްނުވާ ފަދަ ސާފު މޫދެކެވެ. ދޮންވެލީގެ ބޮޑު ފަސްގަނޑެއް އަތިރިއަށް އޮވެއެވެ. ހޭޅިފަށާ ކައިރީގަ ޓެންޓުތައް ޖެހުމުގައި އެންމެން އުޅުނެވެ. އަންހެން ކުދީންނަށާއި ފިރިހެން ކުދީންނަށް ޓެންޓެކެވެ. ތިންވަނަ ޓެންޓުގެ ތެރޭ ހުރީ ގެނައި ކާއެއްޗެހި ލާފައެވެ. މޫސުން ރަނގަޅުނުވެދާނޭކަމުގެ ނިޝާން ފުރިއިރު ވެސް ފެންނާތީއެވެ. ގެނައި ޖަނަރޭޓަރާއި ކައްކަން ގެނައި ގޭސް އުނދުން ވެސް ބެހެއްޓީ ޓެންޓުގެ ތެރެއަށް ލާފައެވެ.
"ކާކު ކައްކަނީ؟" ބުރަކަށީގައި އަޅުވާ ދަބަސް ކުރިމަތިން އަޅުވާލައިގެން ހުރެ ބިސްކޯދު ޕެކެޓަކުން ބިސްކޯދެއް ކަމުން ނީރާ ވާހަކަދެއްކިއެވެ.
"އެމީހުން." ނީރާގެ އަތުން ބިސްކޯދެއް ނަގަމުން ރިދާ އިޝާރާތްކޮށްލީ އެމީހުންނާއެކު އައި ތިން ފިރިހެނުންނަށެވެ. ނީރާގެ ހިނިތުންވުން ފުޅާވެލިއެވެ. ޔަގީނުން ވެސް އޭނާއަކަށް އެއްޗެއް ރޯފިލުވާކަށް ނޭނގޭނެއެވެ. އެއަށްވުރެ ފޫހިވާ ކަމެއް އޭނާގެ ނޯވެއެވެ. އުމުރުން އެކާވިސް އަހަރުވީއިރު އޭނާއަށް ހަދަން އެނގެނީ ޖޫހާއި ކޮފީއެވެ. ދެން މައިކްރޮވޭވަށްލާ އެއްޗެހި ހޫނުކުރަން އެނގޭނެއެވެ. އަންހެން ކުދީންނަށް ކައްކަން އެނގެންވާނޭ ލަމްހާ ބުނާއިރަށް ނީރާ އަބަދުވެސް ލަމްހާ ކައިރީ ބުނާ ވާހަކައެއް އޮވެއެވެ. އޭނާއާ ކައިވެނި ކުރާ މީހަކު ޖެހޭނީ ކައްކާ މީހަކު ހޯދަންކަމެވެ. އެހެންނޫނީ އިންނާނީ ޝެފު ފެންވަރަށް ކައްކަން އެނގޭ ފިރިހެނަކާ ކަމެވެ. ކުއްލިއަކަށް އެ ހަނދާންތައް އާވުމާއެކު ނީރާގެ ނަޒަރު ލައިޒަލް ހޯދާލިއެވެ. ދަބަސްތައް ޓެންޓަށް ލާފައި ލައިޒަލް ނުކުތީ އެވަގުތެވެ.
"ސައި ރެޑީކޮށްގެން ގެނައި ވާހަކަ އީހާން ބުނި، ކޮންއިރަކުން ތަށިތައް އަތުރާނީ؟" ރިދާއާއި ނީރާގެ ގާތުގައި އައިސް މަޑުކޮށްލި ޝީން ބުންޏެވެ. ބަނޑުހައިވީތޯ ރިދާ އަހާލުމާއެކު ޝީން އަވަހަށް ބޯޖަހާލިއެވެ.
ދެ ކުނާ ނެރެ ޓެންޓުތައް ކައިރީ ޖެހިޖެހިގެން ނީރާ ފަތުރާލިއެވެ. ރިދާއާއި ޝީން ވެގެން ހެނދުނުގެ ސަޔަށް ތައްޔާރު ކުރި އެއްޗެހި އަޅާފައިވާ ކޮންޓޭނަރުތައް ގެނެސް ކުނާ މަތީ އަތުރަން ފެށިއެވެ. ތިން އަންހެން ކުދީން ހުރިހާ ކަމެއް ކުރަމުން ދިޔައިރު އުޝާ މާދުރުގައި އުޅުނެވެ. ހުރިހާ ކަމެއް ނިމުނުހެން ހީވުމުން އޭނާ އައިސް ކީއްތޯ ކޮއްދޭންވީ އަހާލިއެވެ.
"މި ނިމުނީ..." ރިދާ ބުނެލިއެވެ.
"ސައިބޮއެ ނިމުނީމަ ހުރިހާ އެއްޗެއް ނަގައިދޭންވީ. އެކަންވާނެތަ؟" ނީރާ ބުނެލިއެވެ. އެއްޗެކޭ ބުނަން ނުކެރިފައި އިންހެން ޝީން ބަލަން އިނެވެ. ރިދާ ބަލާލީ ހޭންނުހޭން އުޅޭ ގޮތަކަށެވެ. އުޝާއަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ.
"އަންނާނަން ލައިޒަލްމެން ގޮވައިގެން." އުޝާ ހިނގައިގަތެވެ.
"ޑޯލް..." ރިދާ ފާޑަކަށް ހިނިއައިސްފަ އިނދެ ގޮވާލި ދަމާލާފައެވެ. އޭނާގެ ނަޒަރުގައި ނީރާ އެކުރީ އޭނާގެ ތަބީއަތާ ނުގުޅޭ ކަމެކެވެ.
"ކިހިނެއްވީ؟ ގޯސްކޮށްތަ މިބުނީ... އަހަރެމެން ތިން މީހުންވެގެން މިހުރިހާ ކަމެއްކޮށް ނިމުނީމަކާ ނޫން ދޯ އަންނަންވީ، ނޫންތަ ޝީން... ރަނގަޅަށް އެނގޭނެ މިތާކު ދެން ނެތްކަން ކުރަންޖެހޭ ކަމެއް." ނީރާ ބުނެލިއެވެ. ޝީން ވަކިއެއްޗެއް ނުބުނެ ބަދަލުކޮށްލީ ލުއި ހިނިތުންވުމެކެވެ. އޭނާ އަދިވެސް އެމީހުންގެ ތެރޭ އާވެފައި ހުރި ކަހަލައެވެ.
އެންމެން ކުނަލުގައި އިށީނދެ ހަމަޖެހިލިއެވެ. އަދިވެސް އުޝާ އިނީ ލައިޒަލްގެ އަވިއައިނު ލޮލުގައި އަޅާލައިގެންނެވެ. އެ ދެމީހުން ތިބީ ކައިރީގައެވެ. ނީރާ ބެލީ އެއިން ކަމަކަށް ސަމާލުކަން ނުދީވޭތޯއެވެ. އީހާންގެ ވައަތްފަރާތުގައި އޭނާ އިންއިރު އަނެއް ފަރާތުގައި އިނީ ޝީންއެވެ. އޭނާ ދެ އަންހެން ކުދީން ރަނގަޅަށް ކައިތޯ ބެލިއެވެ. ސޭންޑްވިޗާއި މަސްހުނީގައި ހުރި މިރުސްކޮޅުތައް ހޮވައިދިނުމަށް ފަހު ނީރާގެ ތަށި އީހާން ދިއްކޮށްލިއެވެ. ނީރާގެ ހޫނު ސައިތަށި ގަޔަށް ބަންޑުން ކޮށްލަފާނެތީ އެ ތަށި ބެހެއްޓީ ވެސް އީހާންގެ ކައިރީއެވެ. ކެއުން ކުރިޔަށް ދިޔައިރު ސައިތަށި އެތިފޮދެއް ބޯން ނީރާ ބޭނުންވާ ފަހަރަކު އޭނާގެ ތުނބުގައި ތަށިޖައްސައިދެނީ އީހާނެވެ. ޔަމާނުގެ ދިމާކުރުން ސައިބޯން ފެށީއްސުރެ ނުހުއްޓެވެ. އެކަމަށް އީހާންގެ ފަރުވާލެއް ނެތަސް ނީރާ ޖަދަލުކޮށްލައެވެ. އެކަން އެންމެނަށް ވެސް މަޖާވިއެވެ. ޝީން އިނީ އީހާންގެ ހަރަކާތްތަކަށް ފަރުވާތެރިވެ ބަލާށެވެ. ނީރާގެ ކަންކަމާމެދު އީހާން ސަމާލުވެ ފަރުވާތެރިވާކަން ޝީންއަށް ފާހަގަވިއެވެ. އޭނާއަށް އެ ދެމެދުގައި އޮތް ގާތް ގުޅުން ސިފަވިއެވެ. ލުއި ހިނިތުންވުމެއް ތުންފަތުގައިވީ އެ އާއިލާގެ ބަދަހިކަން ހިތަށް ތަސައްވުރު ކުރެވޭތީއެވެ. އެމީހުންގެ ތެރޭގައި އުމުރުގެ ގޮތުން ވެސް އެންމެ ހަގީ ނީރާއެވެ. އޭނާގެ އުޅުން ހުންނަނީ ވެސް ނިކަން ޅަކޮށެވެ. އީހާންގެ ކޮއްކޮގެ ގޮތުގައި ޝީންއަށް ވެސް ނީރާ ބަލައިގަންނަން އުނދަގުލެއްނުވިއެވެ. މީހުން ލޯބިވާ ފަދަ ގޮތެއް އެ އަންހެން ކުއްޖާގެ ހުންނަކަން ފުރަތަމަ ބައްދަލުވުމުން ވެސް ޝީންއަށް އޮތީ ފާހަގަވެފައެވެ.
އަތިރިމަތީގަ ފެންނަ ހިސާބުގައި ހަރަކާތްތެރިވާ ފިރިހެން ގުރޫޕާ ވާހަކަދައްކާލަން ޔަމާނު ދިޔައެވެ. އެމީހުންގެ ޚަބަރުދަބަރު އޮޅުންފިލުވުމަށެވެ. އެތަނުގައި އުޅޭތަން ފެންނަނީ ބާރަވަރަކަށް ޒުވާން ފިރިހެނުންތަކެއް އެކަންޏެވެ. އެމީހުން ވެސް ދަތުރު އައިސްގެން އުޅެނީ އެ ރަށުގައި ރޭ ކުރާ ގޮތަކަށް ޖަހާފައި ހުރި ޓެންޓުތަކުން އެނގެއެވެ. ރާޅުފަށަށް ޝީން ގޮވައިގެން ފައިބާ އުޅުނު އީހާން ދިޔަ ދިމާލެއް ނޭނގެއެވެ. އީހާން ގެއްލުމާއެކު ލައިޒަލް އިންތަނުން ފޫހިއްލާލައިފިއެވެ. އޭނާގެ ހަރަކާތްތަކަށް ފާރަލައިގެން އިން އުޝާ ތެދުވިއެވެ. މިފަހަރު ލައިޒަލްގެ ފަހަތުން އޭނާ އައުމުގެ ކުރީން ހުއްޓުވިއެވެ. ރިދާއާއި ނީރާ ދައްކާލުމާއެކު އެމީހުންގެ ކައިރީ އުޝާ މަޑުކުރުމަށް ލައިޒަލް ބުނެލިއެވެ. އެހެންވެ މަޖުބޫރުވެފައި ހުރެ އުޝާ އެމީހުންގެ ކައިރިއަށް އައެވެ. ރިދާއާއެކު ނެގި ސްނެޕް ލަމްހާއަށް ފޮނުވުމުގައި ފޯނު އަތަށް ލައިގެން ނީރާ އިނެވެ. ރަށުގެ އެކި ދިމާގެ ފޮޓޯތައް ލަމްހާއަށް ފޮނުވުމުގެ ހިޔާލުގައި އިން ނީރާގެ ފޯނު ރިންގުވާން ފެށިއެވެ.
"އާދޭ މޫދުކައިރިއަށް." ފޯނުކޯލު ނެނގުމާއެކު ނީރާގެ ކަންފަތުގައި ޖެހުނީ ލައިޒަލްގެ އަޑެވެ. އޭނާ މަޑުމަޑުން ތެދުވިއެވެ. އެމީހުން ތިބި ހިސާބު ފަސްގަނޑު އުސްވީމަ އަތިރިއަށް ފައިބާ ހުރި ލައިޒަލްއެއް އެކަކަށް ވެސް ނުފެނެއެވެ. ފޯނުގައި ހުރެ އެންމެންނާ ދުރަށް ނީރާ ހިނގައިގަތެވެ.
"އުޝާ އެބައިން." ޖެއްސުމުގެ ރާގުގައި ނީރާ ބުނެލިއެވެ.
"އޭނާއާތަ މިވާހަކަދައްކަނީ." ލައިޒަލް ވަގުތުން ބުނެލިއެވެ.
"އޭނާ ހުއްޓާ އަހަރެން ދަނީ ކީއްކުރަން." ނީރާ ގޮތްދޫނުކުރަން ބުނެލިއެވެ.
"ނީރާ، އާ ޔޫ ކަމިން އޯ ނޮޓް." ލައިޒަލްގެ އަޑު ބާރުވެލިއެވެ.
ނީރާ ކޯލު ކަނޑާލީއެވެ. ތުންއަނބުރާލުމާއެކު ފުންނޭވާއެއް އޭނާ ހަށިފުރާ ބޭރުކޮށްލިއެވެ. ނުދާން ހުއްޓެއްކަމަކު ހިތަށް ކެތެއްނުވެގެން ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން ކުރިޔަށް ދިޔައެވެ. ފޯނު ނަގައިގެން ހުރީ ފޯނުން އެއްޗެއް ބަލަނީ ކަމަށް ހެދިގެންނެވެ. ރިދާއާއި އުޝާއަށް ޝައްކުވެދާނެތީއެވެ. އެއަށް ގެއްލިފައި ހުރި މީހަކުހެން ރާޅުފަށަށް ނީރާ ފޭބިއެވެ. ލައިޒަލްއަށް ނީރާ ފެންނައިރަށް ފުރަތަމަ ވެސް ދައްކާލީ އަތުގައި އޮތް ފޯނެވެ. އޭނާ އެ އިޝާރާތް ކުރަނީ ކޮންކަމަކަށްކަން ނީރާއަށް އެނގުނެވެ. ވާހަކަދައްކަ ދައްކާ ހުއްޓާ ނީރާ ޖަވާބެއް ނުދީ ކޯލު ކަނޑާލީމަ ލައިޒަލްއަށް ކަމުނުދިޔައީއެވެ. ނީރާ އައިސް ލައިޒަލްގެ ކުރިމަތީ ހުއްޓިލިއެވެ. ނަމަވެސް އޭނާ މޫނު އަނބުރާލީ މޫދާ ދިމާއަށެވެ. ގަސްދުގައި ލައިޒަލްއާ ނަޒަރު ސީދާކުރަން ބޭނުންނުވާކަން ދެއްކުމަށެވެ. އެހިނދު ނީރާގެ ކަންފަތުގައި ޖެހުނީ ލައިޒަލްގެ ހުނުމުގެ އަޑެވެ. އަޖައިބުވިއެވެ. ނަމަވެސް އޭނާގެ މޫނު އަނބުރާލެވެންވާއިރަށް އުނަގަނޑުގައި ދެއަތުން ހިފައި ގެނެސް ލައިޒަލްއާ ގާތްކޮށްލުމާއެކު ނީރާގެ ކޯތާފަތުގައި ލައިޒަލް ބޮސްދީފިއެވެ.
"ޑްރާމާކުއީން." ނީރާގެ ކަންފަތްދޮށުގައި މިހެން ބުނެލިއިރު ހިނިތުންވުމުގެ އަސަރު ލައިޒަލްގެ އަޑުގައި ވިއެވެ.
"އީހާން..." ނީރާ ބުނެލިއެވެ. އެއާއެކު ލައިޒަލް ވަގުތުން ނީރާގެ ގައިން ދޫކޮށްލައިފިއެވެ. މިފަހަރު ހީނގަތީ ނީރާއެވެ. ކޮށްލި ސަމާސާއިން ލައިޒަލްއަށް ވީގޮތް ފެނިފައެވެ.
"ދެޓްސް ނޮޓް ފަނީ." ލައިޒަލް ބުނެލިއެވެ.
"ކީއްކުރަން އަންނާށޭ ބުނީ؟" ހުނުން ހުއްޓާލާފައި ނީރާ އަހާލިއެވެ.
"ރުޅިއައިސްފަތަ؟" ދުރުވެލިތަން ގާތް ކޮށްލަމުން ލައިޒަލް އަހާލިއެވެ. ލޯބިވެތި ގޮތަކަށް ނީރާގެ ކޯތާފަތުގައި ކަނާއަތުގެ އިނގިލިތަކުން ފިރުމަމުންނެވެ.
އިސްއުފުލާލައި ލައިޒަލްގެ ޖާދުވީ ދެ ލޮލަށް ބަލަން ހުރެ ނީރާ ބޯހޫރާލިއެވެ. އޭނާގެ އަތުގައި ހިފައިގެން ލައިޒަލް ހިނގައިގަތީ ވީހާ ވެސް ދުރަށް ދިއުމަށެވެ. އެކަހެރިވާނޭ މަންޒިލެއް ހޯދުމަށެވެ. ނީރާއާއެކު ހުއްޓާ އެއްވެސް މީހަކަށް ފެންނާކަށް އޭނާ ނޭދެއެވެ. އަދި އެހެން މީހެއްގެ އުނދަގޫ ފޯރާކަށް ވެސް ނޭދެއެވެ.
"ކޮންތާކަށް މިދަނީ. ނުކެރޭނެ... ފަޅުރަށެކޭ ބުނީމެންނު... ބިރުގަނޭ..." ނީރާ ހާސްވި ފަދައިން ބުނެލިއެވެ. ލައިޒަލް ޖަހާލީ ހިނިގަނޑެކެވެ.
"މިރަށުން ދިމާވާނެ އެންމެ ބޮޑު ފުރޭތައަށްވާނީ އަހަރެން، ބިރުގަންނަންވީ އަހަރެންދެކެ... މިގެންދަނީ ކާލަންވެގެން. އެންމެންނަށް ނުފެންނަ ހިސާބަށް ގެންގޮސް ކާލާނީ." ނީރާގެ ކޮނޑަށް އަތްވައްޓާލައި ލައިޒަލްގެ އަތްދަށަށް ގެނެސް ހިފަހައްޓާލިއެވެ.
"އެންމެން ހީކުރަނީ ތީ ވަރަށް މަޑުމަޑުން ހުންނަ މީހެކޭ. އަހަރެން ކާލައިގެން ސަލާމަތްވެވިދާނޭ ހީވޭތަ؟" ނީރާ ބުންޏެވެ.
"ސަލާމަތްވަނީ ކީއްކުރަން، އެއްފަހަރާއެއް ނޫނޭ ކާލާނީ، އެތިއެތިކޮޅުން، ތަންތަންކޮޅުން ކާނީ... މިތަނުން ތަންކޮޅެއް ފުރަތަމަ ކާލާނީ." ލައިޒަލް ގުދުވެލައި އަތްދޮށުގައި ހައްޔަރުކޮށްލައިގެން ހުރި ނީރާގެ ކޮލުގައި ދަތްއެޅިއެވެ.
ނީރާ ހަޅޭލަވައިގަތެވެ. ތަދުވެގެންނެއްނޫނެވެ. ލައިޒަލް އަނގަކާލިއެވެ. ނީރާގެ ކޮލުން ބައެއް ނައްޓާލައިގެން ކާލި މީހަކު ހެންނެވެ. އޭނާގެ ތުންފަތުގައި ލުއި ހިނިތުންވުމެއްވިއެވެ. ދެ ޒުވާނުން މަޑުމަޑުން އަމިއްލަ ސަމާސާތަކުގެ ތެރެއަށް ގެއްލިތިބެ ރަށުތެރެއަށް އެރިއެވެ. އަރިއަޅާލައިފަ އޮތް ރުކެއްފެނި އޭގެ ކައިރީ މަޑުކުރަން ލައިޒަލް ނިންމިއެވެ. އޭނާގެ ދެއަތުގެ ތެރޭ ބަންދުވެފައި ނީރާ ހުއްޓެވެ.
"ޔޫ އާ މައިން..." އިރުކޮޅަކު ނީރާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލަން ހުރުމަށްފަހު ލައިޒަލް ބުނެލިއެވެ.
"އެހެންވީރު ތިވެސް ހަމައެކަނި މަގޭ ހައްގެއް. އެއްވެސް އަންހެނަކަށް ބަލައިގެން ނުވާނެ." ނީރާ ވަގުތުން ބުނެލިއެވެ.
"ނީ..." ލައިޒަލްގެ ބެލުން ބަދަލުވެލިއިރު އޭނާގެ އަޑަށް ވެސް ބަދަލު އައިކަން ނީރާއަށް ފާހަގަކުރެވުނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވީ ހިނދު ލައިޒަލް އަތުގެ އިޝާރާތުން ވާހަކަދެއްކިއެވެ. ނީރާ ފިނިވާގޮތްވިއެވެ. ލައިޒަލް އެދޭ އެދުމަށް ނޫނެކޭ ބުނާނޭ ހިތްވަރެއް ނީރާގެ ނެތް ކަހަލައެވެ. އަނެއްކޮޅުން ލައިޒަލް ހުއްދަ ނުހޯދައި ހިތުގައި އެދުން ފުރިހަމަ ކުރި ނަމަވެސް ނީރާ ޝަކުވާއެއް ނުކުރާނެއެވެ.
"މޭ އައި..." ލައިޒަލް ބުނެލިއެވެ. އިސްއޮބާލައިގެން ހުރުމަށްފަހު ނީރާ މަޑުމަޑުން ބޯ ޖަހާލިއެވެ. ލައިޒަލްއަށް ކުރިއަށް ދިއުމަށް ފެހި ސިގްނަލް ލިބުނީއެވެ. ނީރާގެ އުނަގަނޑުގައި ހިފައި ނުހަނު ގާތްކޮށްލިއެވެ. އަލިކޮޅެއްހާ ހިސާބު ފާޅުނުވާ ވަރަށް ދެ ހަށިގަނޑި ފިތިގެން ދިޔައެވެ. ދެ ޖިސްމުން ހޭލައިގެން ނުވާނޭ ހިއްސުތަކަށް އެނގުންވެލިއެވެ. ނީރާގެ ހިތުގެ ތެޅުން އަވަސްވެ ބާރުވެލައިފިއެވެ. އެގޮތުގައި ނީރާ ގާތްކޮށްލައިގެން ހުރެ އަނެއްއަތުން އެ މޫނުގެ ދަތްދޮޅީގައި ލައިޒަލް ހިފައި އުފުލައިލިއެވެ. ނީރާއާ ނަޒަރު ސީދާ ވެލުމުން ލައިޒަލްގެ އިހްސާސްތައް ފުންވެލިއެވެ. މަސްތީ އޮއެވަރެއްގައި އޭނާ ޖެހެމުންދިޔަކަމުގެ އިންޒާރު ޟަމީރު ދޭންފެށިއެވެ. އެއަޑަށް ދެކަންފަތް ބީރުކުރީ ލައިޒަލްގެ ކަނދުރާގައި ބީހިލި ނީރާގެ އަތްތިލައެވެ. ސިއްރުކުރަން ބޭނުންވިޔަސް ސިއްރެއްނުވިއެވެ. ކަނދުރާގެ ލޯލިތައް ކޮޅަށް ޖެހުނުއިރު ކަރަންޓު ޝޮކެއްގެ އަސަރު މައިބަދައިގެ ނަގުލާ ހަމައަށް ފޯރައިފިއެވެ. (ނުނިމޭ)