ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ޓޫރިޒަމް ދާއިރާގެ 80 ޕަސަންޓް މުވައްޒަފުންނަށް ވެކްސިން ފުރިހަމަކޮށްފި

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ 80 ޕަސެންޓް މުވައްޒަފުން ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ވެކްސިންގެ ދެ ޑޯޒް ޖަހާ ވެކްސިން ފުރިހަމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދުގެ ނިޔަލަށް ނެރެފައިވާ ޓޫރިޒަމް އަޕްޑޭޓްގައިވާ ގޮތުން ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ހުރީ 80 ޕަސެންޓްގަ އެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީން ވެކްސިން ޖެހި ޓޫރިޒަމް ދާއިރާގެ މުވައްޒަފުން ގުނަނީ ޓޫރިޒަމް މިނިސްޓްރީގައި މަސައްކަތް ކުރާ މީހުންވެސް ހިމަނައިގެނެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ސިނާއަތުގެ މުވައްޒަފުންނަށް ވެކްސިން ޖެހުމުގެ ގޮތުން "އައިއޭމް ވެކްސިނޭޑެޓް"ގެ ނަމުގައި ކެމްޕޭނެއް ވެސް ފަށާފަ އެވެ.

ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މީހުންނަށް ވެކްސިން ޕްރޮގްރާމް ފެށީ މިދިޔަ ފެބްރުއަރީ ފަސް ވަނަ ދުވަހު އެވެ. މިހާތަނަށް ޓޫރިޒަމް ސިނާއަތުގައި މަަސައްކަތް ކުރާ މުވައްޒަފުންގެ 97 ޕަސެންޓް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފަ އެވެ.


އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި ވެކްސިންގެ ފުރަތަމަ ޑޯޒް 320،887 މީހުން ވަނީ ފުރިހަމަކޮށްފަ އެވެ. އަދި ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު އުޅެނީ 259،761 ގަ އެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ވެކްސިން ޖަހަން ފަށާފައިވަނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ. ރާއްޖޭގައި ކޮވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފެށީ އިންޑިއާއިން ހަދިޔާކުރި އޮކްސްފޯޑް-އެސްޓްރެޒެނިކާގެ ވެކްސިން އެވެ. އެހެންވެ ގިނަ ބަޔަކު ޖަހާފައިވަނީ އިންޑިއާއިން ހަދިޔާކުރި ވެކްސިން އެވެ. އަދި ޗައިނާއިންވެސް ވެކްސިން ދިނެވެ.