މިފްކޯ

2500 ޓަނުގެ މަސް ފިނި ކުރެވޭ ބޯޓެއް މިފްކޯއަށް ހޯދައިފި

Jul 23, 2021

ދެހާސް ފަސްސަތޭކަ ޓަނުގެ މަސް ފިނި ކޮށްގެން ދަތުރު ކުރެވޭ ބޯޓެއް ނުވަތަ "ދަތުރު ކުރާ ފިނިކޮށާރެއް" މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް (މިފްކޯ) އިން ގެނެސްފި އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ އެ މައުލޫމާތު ދެއްވީ ރޭ ކްލަބް ހައުސް މެދުވެރިކޮށް ބޭއްވި ބައްދަލުވުމެއްގަ އެވެ. ފައުޒީ ވިދާޅުވީ އެ ކުންފުނިން މިފަހަރު ގެނައި 2500 ޓަނުގެ މި ބޯޓަކީ މަސް ހިފައިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރު ކުރާ ބޯޓެއް ކަމަށާ އެ ބޯޓުގެ ސަބަބުން މަސް ނުކިރިގެން މަސްވެރިން އުފުލަން ޖެހޭ ދަތިކަމަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ.

"މި ބޯޓުގެ ސަބަބުން މޫސުމީ މަސްވެރިކަން އަންނަ ދުވަސްވަރު މަސް ނުކިރުވުމުގެ މައްސަލައަށް ހައްލު ލިބިގެންދާނެ،" ފައުޒީ ވިދާޅުވި އެވެ.

މި ބޯޓު މިފްކޯއިން ގެނެސްފައި ވަނީ ގަނެގެންނެވެ. ނަމަވެސް ބޯޓު ގަތް އަގެއް އެ ކުންފުނިން އަދި ބުނެފައެއް ނުވެ އެވެ. މިފްކޯއިން ދަނީ މަސް ގަތުމުގެ ގާބިލްކަން އިތުރު ކުރަން މަސައްކަތް ކުރަމުންނެވެ.