ކޮވިޑް-19 އިން އަރައިގަތުމަށް އދ. އިން އިތުރަށް މަސައްކަތް ކުރަން ޖެހޭކަމަށް އދ. ގެ އާންމު މަޖިލީހުގެ އިންތިހާބީ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އާންމު މަޖިލީހުގެ ރައީސްކަަމަށް ހޮވިވަޑައިގަތުމަށް ފަހު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގައި މިހާރު ހުންނެވި ޝާހިދު، އިންޑިއަން ކައުންސިލް އޮފް ވޯލްޑް އެފެއާޒްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އާންމު މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގަތުމަށް ފަހު އެންމެ ބޮޑަށް އިސްކަމެއް ދެއްވާނީ ކޮވިޑް- 19 އިން އަރައިގަތުމަށް ކަމަށެވެ.
ޝާހިދު ވިދާޅުވީ ކޮވިޑާއެކު ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ ކަމަށާއި އަދި މި ބަލީގެ ހާލަތު ރަނގަޅުވާން ގާތްވެސް ނުވާ ކަމަށެވެ. އެގޮތުން ކޮވިޑްގެ އާ ވޭރިއަންޓްތައް އުފެދެމުން އަންނަ އިރު ދުރު މުސްތަގުބަލުގައި ސިއްހަތަށް ލިބޭނެ ގެއްލުންވެސް އެނގިފައި ނުވާ ކަމަށެވެ.
"......އދ. އަށް މިއަަށްވުރެ ރަނގަޅަށް މަސައްކަތް ކުރެވޭނެ އަދި ކުރަން ޖެހޭ. މިހާރުހުރި މަރުހަލާަތަކުގެ ތެރެއިން އަޅުގަނޑު މަސައްކަތް ކުރާނަން މީހުންގެ ސިއްހީ ދުޅަހެޔޮކަމާއި އަދި އިގްތިސާދަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން. އަދި ހަމަ ހަމަ އުސޫލުން ހުރިހާ އެންމެނަށް ވެކްސިން ފޯރުކޮށްދޭން. ދުނިޔޭގެ އެންމެނަށް ވެކްސިން ދޭން އެބަ ޖެހޭ. އެންމެނަށް ރައްކާތެރިކަން ނުލިބޭހާ ހިނދަކު އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތް " ޝާހިދު ވިދާޅުވި އެވެ.
ޝާހިދު އިތުރަށް ވިދާޅުވީ ވެކްސިން ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކުން ވެސް އަރައިގަންނަން ޖެހޭ ކަމަށެވެ.
ކޮވިޑަކީ ދުނިޔެއަށް ކުރިމަތިވި ބޮޑު މުސީބާތެއް ނަމަވެސް މިއީ ބައެއް ކަންކަން ހާސިލުކުރުމަށް ލިބުނު ފުރުސަތެއް ކަމަށް ޝާހިދު ދެކެވަޑައިގަންނަވަ އެވެ. އެގޮތުން އެކި ގައުމުތަކާއެކު ގުޅިގެން އިތުރަށް މަސައްކަތްކޮށް ދެމެހެއްޓިވި ތަރައްގީގެ ދުނިޔެއަކަށް މިސްރާަބު ޖެހިދާނެ ކަމަށެވެ.
" ބޮޑެތި ހަނގުރާމަތަކަށް ފަހު ކޮމިއުނިޓީތައް އަލުން ތަރައްީކޮށް ދުނިޔެ ސަމާލަތުގެ އައްސޭރިއަށް ގެންގޮސްދީ އަދި އިގްތިސާދުތައް އަލުން ކޮޅަން ޖެހުމަށް އދ. އިން ކުރިން މަސައްކަތް ކުރިގޮތަށް އަނެއްކާވެސް މި ލިބުނީ އިތުރު ފުރުސަތެއް" ޝާހިދު ވިދާޅުވި އެވެ.