އެމްޑީޕީ

ވައްކަން ހުއްޓުވުމުގައި އަސްލަމްވެސް ފަސްޖެހެންވީ ސަބަބެއް ނެތް: ޝިޔާން

ހަރުކަށި ފިކުރު ހުއްޓުވުމާއި ސަރުކާރު ތެރޭން ހިނގާ ކޮރަޕްޝަނާއި ވައްކަން ހުޓުމުގައި މަޖިލީހުގެ 241 ކޮމެޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްވެސް ފަސްޖެހެންވީ ސަބަބެއް ނުފެެންނަ ކަމަށް ވިދާޅުވެ އެމްޑީޕީގައި އޮތް ބައިބައިވުންތަކާމެދު ކަންބޮޑުވުން ފާޅުކުރައްވާ މެންބަރު އަސްލަމް ދެއްކެވި ވާހަކަތަކަށް ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ ހަސަން ޝިޔާން (ގިޓާ) ރައްދު ދެއްވައިފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ދެކޮޅަށް އެމްޑީޕީގެ ތެރެއިން ނުކުމެ އިދިކޮޅު ޕާޓީއާ ގުޅިގެން މަސައްކަތް ކުރަން ހިޔާލު ފާޅުކޮށް، ސަރުކާރު ބަލިކަށިވާ ގޮތަށް އެމްޑީޕީގެ އެއްވެސް މެންބަރަކު އަމަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. އަސްލަމްގެ މި ވާހަކަތަކަށް ރައީސް ނަޝީދަށް ވަފާތެރި މެންބަރުން ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ.

އަސްލަމްގެ ވާހަކަތަކަށް ރައްދު ދެއްވާ ޝިޔާން ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައިސް ނާއިންސާފާ ދިމާއަށް ދަތުރުކުރާނަމަ ހަމަ މިސްރާބަށް ގެންދަން އަޑުއުފުލާނެ ކަމަށެވެ. އަދި އެކަމަށް މަސައްކަތް ކުރުމަކީ މެންބަރުންގެ ޒިންމާއެއްވެސް ކަމަށެވެ.

"ހަރުކަށި ފިކުރު ހުއްޓުވުމާއި ސަރުކާރު ތެރޭން ހިނގާ ކޮރަޕްޝަނާއި ވައްކަން ހުޓުމުގައި އަސްލަމްވެސް ފަސްޖެހެންވީ ސަބަބެއް ނުފެެނޭ،" އެމްޑީޕީގެ އެންމެ ސީނިއާ މެންބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް އިޝާރާތް ކުރައްވާ ޝިޔާން ވިދާޅުވިއެވެ.

އަސްލަމްގެ ވާހަކަތަކަށް މަޖިލީހުގެ އެހެން ބައެއް މެންބަރުންވެސް ރައްދު ދެއްވިއެވެ. ރައީސް ނަޝީދަށް ވަރަށް އިހުލާސްތެރި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ހަރުކަށި ފިކުރުގެ ވާހަކަ ދައްކަވާ ހަމައެކަނި ލީޑަރަކީ ރައީސް ނަޝީދު ކަމަށާ ބޮން ގޮއްވާ އެމަނިކުފާނު ޒަހަމް ކޮށްލެއްވުމުން އެ ހާލުކޮޅުގައި އޮންނަވައިގެން ވެސް އެ ހާލަތަށް ގައުމު ދިޔަ ސަބަބާއި ހައްލު ކުރަން ފަސްޖެހެމުންދާ ގޮތުގެ ވާހަކަ ދެއްކެވުމުން ދެން އެކަމުގައި އެމްޑީޕީގެ ވަކި އެހެން މީހަކަށް ދެއްކެން އޮންނާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ.

އަސްލަމްގެ ވާހަކަތަކަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވެސް ރައްދު ދެއްވިއެވެ. އޭނާ ވަނީ "ކޯލިޝަން ރުއްސަން އެމްޑީޕީ ބަލިކޮށް ކޮށްލުން ބަލައިގަނެވޭތޯ" އަސްލަމް އާ ސުވާލު ކުރައްވާފަ އެވެ.

"ރައީސް މައުމޫނު ވެސް 30 އަހަރު ވަންދެން ކުރެއްވީ ތިޔަކަންތައް ދެއްތޯ؟ އެކަމު އެމްޑީޕީން އައީ ވަކި ސިޔާސަތުތަކެއް މައްޗަށް އެކުލެވޭ ވަކި ކަންތައްތަކެއް ރައްޔިތުންނަށް ކޮށްދޭން ވައުދު ވެގެން. އެކަންކަން ފުއްދައިދިނުމަށް ޓަކައި ވެރިކަން ކުރާން. ނަމަކަށް ވެރިކަމެއް ކޮށްލާކަށް ނޫން،" އަސްލަމަށް ރައްދު ދެއްވާ ވަހީދު ވިދާޅުވި އެވެ.

މެންބަރު އިމްތިޔާޒާއި ވަހީދަކީ އަބަދުވެސް ރައީސް ނަޝީދުގެ ދިފާއުގައި ވަރަށް ބޮޑަށް ވާހަކަފުޅު ދައްކަވާ ދެ ބޭފުޅުންނެވެ. މިހާރު އޮތް ހިޔާލުތަފާތުވުންތަކުގައި ވެސް ސަރުކާރަށް އެންމެ ފާޅުގައި ފާޑުވިދާޅުވެ ސާފުކޮށް ނަޝީދުގެ ފަޅި ނަންގަވައިގެން ތިއްބެވި މެންބަރުންގެ ތެރޭގައި އެ ދެ މެންބަރުން ހިމެނިވަޑައިގަންނަވަ އެވެ. އިންތި އާއި ވަހީދު އަދި ޝިޔާން ކުރެއްވި ޓްވީޓްތައް ރައީސް ނަޝީދު ވަނީ ރި-ޓްވީޓްވެސް ކުރައްވާފަ އެވެ.