ފިއުލް ސަޕްލައިޒް މޯލްޑިވްސް (އެފްއެސްއެމް) އިން ސެލްފް ސާވިސް ޝެޑް ތަކެއްގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ ސެލްފް ސާވިސް ޝެޑްގެ ހިދުމަތް އެންމެ ފުރަތަމަ ފަށާނީ ހުޅުމާލޭގައި މިހާރު ވެސް ހިދުމަތް ދެމުންދާ އެފްއެސްއެމް ޝެޑްގައި ކަމަށެެވެ.
"އަޅުގަނޑުމެން ފުރަތަމަ ހުޅުމާލޭގައި މި ހިދުމަތް ފަށާފައި ވަރަށް ގާތުން ބަލާނަން މިހިދުމަތް ކުރިއަށްދާ ގޮތް. މި ހިދުމަތަކީ އަޅުގަނޑުމެންގެ ކަސްޓަމަރުން ހިތްހަމަޖެހޭ ހިދުމަތެއްތޯ ބެލުމަށް ފީޑްބެކް ހޯދާނަން. އެއަށްފަހު މިއީ އަޅުގަނޑުމެންނަށް ވެސް ފަސޭހަ އަދި ފައިދާވާ ގޮތަކަށް ދެވޭ ހިދުމަތެއް ނަމަ ކުރިއަށް ގެންދާނަން،" ގަސަމް ވިދާޅުވި އެވެ.
އެފްއެސްއެމް އިން ދަނީ މިއަހަރު ނިމުމުގެ ކުރިން މި ހިދުމަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލެ ޝެޑަށް ގެންނަންޖެހޭ ޓެކްނިކަލް ބަދަލުތައް ގެނެސް ތަމްރީން ކުރަންޖެހޭ މުވައްޒަފުން ތަމްރީން ކުރަމުންނެވެ.
ގަސަމް ވިދާޅުވީ މާލޭގެ ސިނާއީ އޭރިއާގައި މިހާރު ހިންގަމުންދާ ޝެޑާއި ޖެހިގެން އެ ބިމުގެ ސައިޒާ އެއްވަރުގެ ދެ ބިން އެ ކުންފުންޏަށް މިހާރު ލިބިފައިވާ ކަމަށެވެ. އެހެންވެ އެ ސަރަހައްދުގައި މިހާރު ހުރި ޝެޑްގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލުމަށްފަހު އަލަށް ލިބުނު ބޮޑު ބިމުގައި ޝެޑަކުން ލިބެންޖެހޭ ޒަމާނީ ހުރިހާ ހިދުމަތެއް ލިބޭ ގޮތަށް އެ ބިން ތަރައްގީ ކުރަން ނިންމާފައިވާ ކަމަށެވެ. އަދި މިއަހަރުގެ އޮކްޓޫބަރު ހިސާބުގައި އާ ޝެޑުގެ ބިންގާ އަޅާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"މިދަންނަވާ ތަނުގައިވެސް އަޅުގަނޑުމެން މިމަސައްކަތް ކުރަނީ އަޅުގަނޑުމެންގެ އެއްވެސް މުވައްޒަފެއްގެ އެހީ ނުހޯދާ، ކަސްޓަމަރުން ބޭނުންވުމުން ކާޑުން ފައިސާ ކަނޑާލުމަށްފަހު ކަސްޓަމަރު ބޭނުންވާ ވަރަކަށް އަމިއްލަ އަށް ތެޔޮ އަޅާލެވޭ ގޮތަށް ސެލްފް ސާވިސް ހިދުމަތް ފަށަން. މި ބަދަލު ގެންނަން އަޅުގަނޑުމެން ވާންޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް،" ގަސަމް ވިދާޅުވި އެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެފްއެސްއެމްގެ ފަސް ޝެޑަކުން މާލެ ސަރަހައްދުގައި ހިދުމަތްދެ އެވެ. އެއީ ހުޅުމާލޭގައި ހުންނަ ޝެޑެއްގެ އިތުރުން މާލޭގައި ހުންނަ ހަތަރު ޝެޑެވެ.
އެފްއެސްއެމް އިން ގެންދަނީ މާލެއާއި އަތޮޅު ތެރޭގެ ގިނަ ރަށްތަކަކަށް ތެޔޮ ސަޕްލައި ކޮށްދިނުމުގައިވެސް މުހިއްމު ދައުރެއް އަދާކުރަމުންނެވެ.