ޕާކިސްތާން ފޮރިން މިނިސްޓަރު ޝާހް މަހްމޫދު ގްރޭޝީ ޗައިނާއަށް ވަޑައިގެންފި އެވެ. މިއީ ޗައިނާ ފޮރިން މިނިސްޓަރު ވަންގް ޔީގެ ހާއްސަ ދައުވަތަކަށް ގުރޭޝީ ކުރައްއްވާ ދެ ދުވަހުގެ ދަތުރުފުޅެކެވެ.
ޕާކިސްތާން ފޮރިން މިނިސްޓްރީގެ ބަޔާނެއްގައި ބުނެފައިވާ ގޮތުން ދެ ވަޒީރުންގެ މައިގަނޑު މައުލޫއަކަށް ވާނީ ދޭދޭ ގުޅުމެވެ. އަދި ދެގައުމު ގުޅިގެން ކުރަން ކުރިއާލައި އެޖެންޑާ ކޮށްފައި ހުރި މަޝްރޫއުތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ އެވެ.
ދުނިޔޭގެ މަޝްރަހަށް އަންނަ ބަދަލުތަކުގައި ޗައިނާއާ ޕާކިސްތާންގެ ވިސްނުން އެއްގޮތް ކުރަން ވެސް ވާހަކަފުޅު ދައްކަވާނެ ކަމަށް އެ ބަޔާނުގައި ވެއެވެ. އަފްޣާން މަޝްރަހަކީ ދުނިޔެއަށް މިވަގުތު ވަރަށް ބޮޑުވެފައި އޮތް މައްސަލައަކަށް ވާތީ ދެ ވަޒީރުންގެ ވާހަކަތަކުގައި އަފްޣާންގެ ހާލަތަށް ވެސް އަލިއަޅުއްވާލައްވާނެ އެވެ.
ގުރޭޝީ ވިދާޅުވި ކަމަށް ބަޔާނުގައި ވަނީ ސަރައްދީ މަސްލަހަތާ މެދު ދެ ވަޒިރުން ވާހަކަފުޅު ދައްކަވާނެ ކަމަށާއި ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕެކް) ގޮސްފައި އޮތް ހިސާބަކާބެހޭ ގޮތުން ވެސް މައުލޫމާތު ބަދަލު ކުރައްވާނެ ކަމަށެވެ.
ޗައިނާއާ ޕާކިސްތާން މަޝްވަރާ ލިސްޓްގައި ހުރި މައުލޫތަކަށް ބަލާއިރު ދިފާއީ ގޮތުން ދެ ގައުމު އެއްބާރުލުމާއި ކޮވިޑްގެ ހާލަތާއި ކޮވިޑް ވެކްސިން އަދި ޓެރަރިޒަމާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުން ހިމެނެ އެވެ.
ޕާކިސްތާން ފޮރިން މިނިސްޓްރީން ބުނީ ދެ ވަޒީރުން އެއްމޭޒު ދޮށުން ބައްދަލު ކުރައްވައި ނިންމަވާ ނިންމެވުންތަކުން ދެ ގައުމަށް ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. އަދި އިތުބާރު ބޮޑުވެ ގުޅުން ގާތްވެ ބަދަހިވާނެ ކަމަށެވެ.
ޕާކިސްތާންގައި މިދާކަށް ދުވަހު ބަހެއް ގޮވައި ޗައިނާގެ ނުވަ މީހުން މަރުވި ހާދިސާއާ ބެހޭ ވާހަކަތައް ދެވަޒީރުންގެ އެޖެންޑާގައި އޮތް ކަމަށް ފޮރިން އޮފީހުން ބުނެފައެއް ނުވެ އެވެ. ނަމަވެސް ސަރަހައްދީ ނޫސްތަކުން ބުނާ ގޮތުން އެ ހާދިސާއަށް މަޝްވަރާ ކުރައްވާނެ އެވެ.
އިންޑިއާ ނޫސްތަކުން ބުނާ ގޮތުން ޗައިނާއަށް އެނގެން ބޭނުންވަނީ އެއީ ގޭސް ސިލިންޑަރެއް ގޮވައިގެން ހިނގި ހާދިސާއެއްތޯ ނުވަތަ ޓެރަރިސްޓް ހަމަލާއެއްތޯ އެވެ. އަދި ޓެރަރިސްޓް ހަމަލާއަކަށް ވާނަމަ ޗައިނާއަށް އަމާޒުވި ސަަބުބު ވެސް އެނގެން ޗައިނާ ބޭނުންވާނެ އެވެ.
ބަސް ގޮވި ހާދިސާ ހިނގައިދިޔަ ގޮތް ތަހުގީގު ކުރަން ޗައިނާގެ ޓީމެއް ޕާކިސްތާންގައި މިހާރު ވެސް ހަރަކާތްތެރި ވެއެވެ.